ކުރިން އެއްކޮޅު ނަމަވެސް މިހާރު ނަޝީދު ވިދާޅުވަނީ ދެ އިންތިޚާބު އެއްކޮށްލާ ވޯޓަށް "ނޫނެކޭ ބުނަން ތައްޔާރު" ކަމަށް

ނަޝީދާއި ރައީސް މުއިއްޒު: ކުރިން އެއްކޮޅު ނަމަވެސް މިހާރު ނަޝީދު ވިދާޅުވަނީ ދެ އިންތިޚާބު އެއްކޮށްލާ ވޯޓަށް "ނޫނެކޭ ބުނަން ތައްޔާރު" ކަމަށް --

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން ސަރުކާރުން ނިންމި ނިންމުމާ ކުރިން އެއްކޮޅު ނަމަވެސް މިހާރު ދެ އިންތިޚާބު އެއްކޮށްލާ ވޯޓަށް "ނޫނެކޭ ބުނަން ތައްޔާރު" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

މައި ދެ އިންތިޚާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ނަގާ ވޯޓު އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު، ކައުންސިލް އިންތިޚާބާ އެކު ބާއްވަވަން ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން އެކަން އިއުލާން ކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ.

އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން އެހާތަނަށް ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވެސް ވަނީ އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ނަޝީދު ރޭ ވިދާޅުވީ ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި ޕާޓީގެ ނިންމުމަށް އެމަނިކުފާނު ވެސް ތާއީދުކުރައްވާ ކަމަށެވެ. އަދި އެ ވޯޓަށް "ނޫނެކޭ ބުނަން ތައްޔާރު" ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިޙާއި ނަޝީދު: ނަޝީދު ވަނީ އެމްޑީޕީގެ ނިންމުމާ އެއްގޮތަށް ދެ އިންތިޚާބު އެއްކޮށްލާ ވޯޓަށް ނޫނެކޭ ބުނަން ތައްޔާރު ކަމަށް ވިދާޅުވެފައި -- ފޮޓޯ/ އެމްޑީޕީ

ސަރުކާރުން ދެ އިންތިޚާބު އެއްކޮށްލުމަށް ނިންމި މައިގަނޑު ސަބަބެއް ކަމަށް ބުނަނީ ހަރަދު ކުޑަކުރުމެވެ.

ނަޝީދު އިއްޔެ ވަނީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރާ ޚަރަދު ބޮޑު ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ޓެކްސްގެ ނިޒާމު ގާއިމުކޮށް، ދައުލަތުގެ އާމްދަނީ އިންތިހާއަށް އިތުރުވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިއަދު ޓެކްސްގެ އާމްދަނީ ހުރީ 30 ބިލިއަން ރުފިޔާއަށް ވުރެ ވެސް މަތީގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިންތިޚާބުތައް ބާއްވައި، ރައްޔިތުންގެ ބައިވެރިވުން އިތުރުވުމަކީ ތަރައްގީއަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބު ކަމަށެވެ.

ހަމައެއާއެކު ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

https://sun.mv/218365

ނަޝީދު އެފަދައިން ވިދާޅުވިއިރު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ގާނޫނާ ޚިލާފު ކަމަށް ބުނެ، އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އިދިކޮޅު އެމްޑީޕީގެ ފަރާތުން އިއްޔެ ވަނީ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

އެމްޑީޕީން ވަގުތީ އަމުރަކަށް އެދިފައިވާ ސަބަބެއް ކަމަށް ބުނެފައި ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުން ލާޒިމުކުރާ ފަދަ މައުލޫމާތު ކަރުދާހެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއެކު ހިމަނައިފައި ނުވާތީ، އަދި އޭގެ ފަހުންވެސް އެ ކަންކަން ތަފްސީލުކޮށްދީފައިނުވާތީ، އެ ގާނޫނުގެ 26 ވަނަ މާއްދާއިން އެމްޑީޕީއަށް ލިބިދޭ ކެމްޕޭންކުރުމުގެ ހައްގު ހަނިވުމެވެ. އަދި ރައްޔިތުންގެ ޚިޔާލާއި ފިކުރު މިނިވަންކަމާއެކު ބައްޓަންކުރުމަށް ޖާގަ ދިނުމަށް އެ ޕާޓީން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމްޑީޕީން ބުންޏެވެ.

ހަމައެއާއެކު، ރެފަރެންޑަމް ވޯޓު ގާނޫނާ ޚިލާފު ކަމަށް އެމްޑީޕީން ދެކޭ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 10 ވަނަ މާއްދާއިން ލާޒިމުކުރާ ފަދަ މައުލޫމާތު ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއެކު ހިމަނާފައި ނެތުން.
  • ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 26 ވަނަ މާއްދާއިން ލިބިދޭ ކެމްޕޭން ކުރުމުގެ ހައްގު ހަނިވުން.
  • ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމަށް އުނިކަން އަންނަކަން.
  • ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ހައްގަށް އުނިކަން އަންނަކަން.
  • ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އެ ވާޖިބު އަދާކުރުމުގައި އިހުމާލުވެވަޑައިގެންފައިވާކަން.
  • ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުންމަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުންނާންވާނެކަމަށް ކަނޑައަޅައިފައިވާ އުސޫލާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވާފައިވާކަން.

އެމްޑީޕީން ވޯޓު ހުއްޓުވަން ކޯޓަށް ހުށަހެޅިއިރު، އިލެކްޝަންސް ކޮމިޝަން (އީސީ)ން އަންނަނީ އެ ވޯޓު ބާއްވަން ތައްޔާރުވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ޚަރަދު ކުޑަ ކުރެއްވުމެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް