މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ހުއްޓުވަން އެމްޑީޕީން ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން އެ ޕާޓީގެ އިސްވެރީން: މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ހުއްޓުވަން އެދި، އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ގާނޫނާ ޚިލާފު ކަމަށް ބުނެ، އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު، ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބާއްވަވަން ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން އެކަން އިއުލާން ކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ.

މި މައްސަލައިގައި އެމްޑީޕީން ވަނީ ޖުޑީޝަލް ރިވިއު ދައުވާއާއެކު އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައެވެ.

https://sun.mv/218325

އެމްޑީޕީން ވަގުތީ އަމުރަކަށް އެދިފައިވާ ސަބަބެއް ކަމަށް ބުނެފައި ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުން ލާޒިމުކުރާ ފަދަ މައުލޫމާތު ކަރުދާހެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއެކު ހިމަނައިފައި ނުވާތީ، އަދި އޭގެ ފަހުންވެސް އެ ކަންކަން ތަފްސީލުކޮށްދީފައިނުވާތީ، އެ ޤާނޫނުގެ 26 ވަނަ މާއްދާއިން އެމްޑީޕީއަށް ލިބިދޭ ކެމްޕޭންކުރުމުގެ ހައްގު ހަނިވާތީއެވެ.

އަދި ރައްޔިތުންގެ ޚިޔާލާއި ފިކުރު މިނިވަންކަމާއެކު ބައްޓަންކުރުމަށް ޖާގަ ދިނުމަށް އެ ޕާޓީން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމްޑީޕީން ބުންޏެވެ. ހަމައެއާއެކު ދައުވާކުރާ ފަރާތަށް ސިޔާސީ ގޮތުން ބޮޑު ގެއްލުމެއް ލިބި، އަދި އެ ޤަރާރު ބާތިލުކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި، އެ މައްސަލައިގެ ވޯޓާ ގުޅޭ ކެމްޕޭނަށް ކުރާ ޚަރަދުތަކުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ މާލީ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ހަމައެއާއެކު، ރެފަރެންޑަމް ވޯޓު ގާނޫނާ ޚިލާފު ކަމަށް އެމްޑީޕީން ދެކޭ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 10 ވަނަ މާއްދާއިން ލާޒިމުކުރާ ފަދަ މައުލޫމާތު ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއެކު ހިމަނާފައި ނެތުން.

  • ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 26 ވަނަ މާއްދާއިން ލިބިދޭ ކެމްޕޭން ކުރުމުގެ ހައްގު ހަނިވުން.

  • ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމަށް އުނިކަން އަންނަކަން.

  • ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ހައްގަށް އުނިކަން އަންނަކަން.

  • ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއިން، ޤާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމާއި، ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮތުމާއެކު، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އެ ވާޖިބު އަދާކުރުމުގައި އިހުމާލުވެވަޑައިގެންފައިވާކަން.

  • ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ނ) އިން، ޤާނޫނުއަސާސީ ދަމަހައްޓައި، ދިފާއުކޮށް، ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުންމަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުންނާންވާނެކަމަށް ކަނޑައަޅައިފައިވާ އުސޫލާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވާފައިވާކަން.

އެމްޑީޕީން ވޯޓު ހުއްޓުވަން ކޯޓަށް ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ)ން އަންނަނީ އެ ވޯޓު ބާއްވަން ތައްޔާރުވަމުންނެވެ.

ރައީސް ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ޚަރަދު ކުޑަ ކުރެއްވުމެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވެސް ވަނީ އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފައެވެ.

comment ކޮމެންޓް