ނަތީޖާ ޝީޓަކަށް އެއްވެސް ބަދަލެއް ނުގެންނަން، ބަދަލު އަންނާނީ ޖުމުލަ ނަތީޖާއަށް: އެމްޑީޕީ

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒް: ވިދާޅުވީ ނަތީޖާ ޝީޓަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް --- ސަން ފޮޓޯ: މުޙައްމަދު ޝާން

ވޯޓުފޮށިތަކުގެ ޝީޓުތައް އެއްކުރުމުން ޖުމުލަ ނަތީޖާއަށް ބަދަލު އަންނާނެ ކަމަށާއި ނަމަވެސް ނަތީޖާ ޝީޓަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ބައެއް ކެންޑިޑޭޓުންނަށް އިތުރަށް ވޯޓު އަޅައިފައިވާ ކަމަށް ބުނެ، އިންތިޚާބުގެ ނަތީޖާ އޮޅުވައިލައިފައިވާ ކަމަށް ބައެއް މެންބަރުން ތުހުމަތުކޮށްފައިވެއެވެ.

އިންތިޚާބުގައި ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންގެ އިތުރުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވެސް ވަނީ ނަތީޖާއާ މެދު ސުވާލު އުފައްދަވައިފައެވެ.

https://sun.mv/231174

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ޝިފާޒް ވިދާޅުވީ ނަތީޖާ އިއުލާނުކުރީ ވޯޓު ކަރުދާސްތައް ގުނުމަށްފަހު މަރުކަޒުތަކުގައި ތިބި އޮބްޒާވަރުންނާއި މަންދޫބުން ކުރިމަތީ ކަމަށެވެ. ކޮންމެ މަންދޫބެއް ވެސް އަދި އޮބްޒާވަރެއް އަތުގައި ވެސް ނަތީޖާ ޝީޓުގެ މައުލޫމާތުތައް ހުންނާނެކަން ޝިފާޒް ފާހަގަކުރެއްވިއެވެ.

"ނަތީޖާއަށް ބަދަލު އައިސްދާނެ، ނަތީޖާ ޝީޓަކަށް ބަދަލެއް ނާންނާނެ، މާލޭ ޝީޓާއި ރަށު ޝީޓާއި އެހެން ހުންނަ ޝީޓުތައް އެއްކުރީމަ ޖުމުލަ އަންނާނީ، ޖުމުލަ އަންނައިރު ބަދަލުތައް އަންނާނެ،" އޭނާ ވިދާޅުވިއެވެ.

"ބަދަލަކީ ހުރިހާ ނަތީޖާއެއް އެއްކުރީމަ އަންނަ ބަދަލެއް، ނަތީޖާ ޝީޓު ބަދަލުވަނީއެއްނޫން،"

މިހާރު ކުރަމުން އަންނަނީ ނަތީޖާތައް އެއް ފައިލަކަށް ލުމުގެ މަސައްކަތް ކަމަށާއި މިއަދުގެ ވަގުތެއްގައި ވެބްސައިޓަށް ނަތީޖާ އަޅައި ނިންމައިލެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

ހުކުރު ދުވަހު ބޭއްވި އިންތިޚާބުގައި އަނެއްކާވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އެއާއެކު ޞާލިހުގެ ސަޕޯޓަރުންނާއި އެހެން ބައެއް އެމްޑީޕީ މެންބަރުން ވެސް އަންނަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ތުހުމަތުތައް ކުރަމުންނެވެ.

comment ކޮމެންޓް