ވަޒީފާތައް ބަހައި، ރައްޔިތުން މުސާރައިގެ އަޅުންނަށް ހެދުމަށްފަހު އަންނަނީ ވަޒީފާގެ ބިރުދައްކަމުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: އިންތިޚާބާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ވަޒީފާދީ، ރައްޔިތުން މުސާރައިގެ އަޅުންނަށް ހަދައި ބިރުދައްކަމުން އަންނަ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ވަޒީފާދީ، ރައްޔިތުން މުސާރައިގެ އަޅުންނަށް ހެދުމަށްފަހު މިއަދު ގެންދަނީ ވަޒީފާގެ ބިރުދައްކަމުން ކަމަށް، އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ ޓިކެޓުގައި ކައުންސިލު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ، ތިނަދޫ ސިޓީގައި މަސައްކަތްކުރާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ތިން މުވައްޒަފަކު އެހެން ރަށްރަށަށް ބަދަލުކޮށްފިކަމަށް އެ ޕާޓީން މިރޭ ވަނީ ތުހުމަތުކޮށްފައެވެ.

https://sun.mv/217880

އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" އިފްތިތާހުކުރުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން ރައްޔިތުންނަށް ވަޒީފާދީ، ރައްޔިތުން ކުރަމުން އައި މަސައްކަތްތައް މި ސަރުކާރުން ހުއްޓުވާލާފައިވާ ކަމަށެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްއޯއީތަކަށް ވަޒީފާ ދީގެން ރާއްޖޭގެ ރައްޔިތުން ކުރަމުން އައި މަސައްކަތްތައް ހުއްޓުވާލައި ހުރިހާ ރައްޔިތުންނަކީ މުސާރައިގެ އަޅުންތަކަކަށް ހަދައި، ބިރުވެރިކަމުގެ އިންޒާރު ދެމުން އެ ދަނީ ވަޒީފާއިން ވަކިކުރަމުން އެ ގެންދަނީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ވަޒީފާގެ ބިރުދެއްކުން ހުއްޓުވޭނީ ކައުންސިލްތައް ބާރުކުރުވިގެން ކަމަށެވެ.

މައި ދެ އިންތިޚާބު އެއްކޮށްލުމަށް ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރިކުރުމަށާއި، ދެ އިންތިޚާބު އެއްކޮށްލަން ނަގާނެ ކަމަށް ބެލެވޭ ފެންނަ ނުފެންނަ ވޯޓަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، ކުރިމަތީގައި އޮތީ ވަރަށް "ނުރައްކާތެރި" ސުވާލެއް ކަމަށެވެ.

ސަރުކާރަށް ފާޑުވިދާޅުވެ، ޝާހިދު ވިދާޅުވީ، ކޮންމެ ނަމެއްގައި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ސަރުކާރުން ހުށަހެޅިކަމުގައިވިޔަސް، އަޑީގައި އޮތީ މަކަރާއި ހީލަތާއި އޮޅުވާލުން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިސްރާބު އޮތީ ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށެވެ.

"މިހާރު ހުށަހެޅިފައިވާ ގޮތުންނަމަ ފެންނަ ނުފެންނަ ވޯޓުގައި މި ބޭފުޅުން މި ގެންދަވަނީ މި ދެ އިންތިޚާބު އެއްކޮށްލައި، ނަމުގައި ޚަރަދު ކުޑަކުރަން، ވިހި މިލިއަން ރުފިޔާ ކުޑަކުރަން، ވިހި މިލިއަން ރުފިޔާ ކުޑަކުރަން ބޭނުންނަމަ 30 ސިޔާސީ ވަޒީފާ ކަނޑާލީމާ އެކަން ނިމުނީ، އެހެން ހައްދަވާކަށްނޫން މި ބޭފުޅުން ބޭނުންވަނީ، ފަންސާސް ޕަސެންޓު ދެބައިކުޅަ އެއްބައި ރައްޔިތުންގެ ބަސް ބުނުމުގެ އަނގަމަތީގައި މަލަންގަނޑެއް އަޅުވަން، އެ ފުރުސަތު ނުދެއްވާތި،" ޝާހިދު ވިދާޅުވިއެވެ.

ކަންކުރަން ގަސްދުކުރައްވާފަ އޮތް ގޮތަކީ ފުރަތަމަ ވަކަރަށް ޖަހާލަނީ، ވަކަރަށް ޖަހާލާއިރު މި ކުރައްވަން ބޭނުންފުޅުވާ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ކުރުކޮށްލަނީ ނޫންހޭ، ހިތްޕުޅަށް ގެންނަވާ، ކުރުކޮށްލާ ކޮންމެ އެއްޗެއް ދިގުކޮށްލަންވެސް އަހާނެ، މިއަހަރު އެ އަހަނީ ކުރުކޮށްލަން، މި އަންނަ އަހަރު އަންނާނީ ދިގުކޮށްލަން ރައީސުލްޖުމްހޫރިއްޔާގެ ދިހަ އަހަރަށް ޖައްސާލަން،ޢަބްދުالله ޝާހިދު - އެމްޑީޕީގެ ރައީސް

އޭރުން ހަމައެކަނި ނަގާނީ ރައީސް ވެރިކަމުގައި ހުންނަން ބޭނުންވޭތޯ ފެންނަ ނުފެންނަ ވޯޓު ކަމަށް ވިދާޅުވެ، ޕީއެންސީއަށް ރައްޔިތުން އެފަދަ ފުރުސަތެއް ނުދޭން ޝާހިދު އެދިވަޑައިގަތެވެ.

މި ސަރުކާރަކީ ވަގުތީ ސަރުކާރެއް ކަމަށް ސިފަކުރައްވައި ޝާހިދު ވިދާޅުވީ، ދެ އަހަރުގެ ވަގުތީ ސަރުކާރަކަށް، އަދި ރައީސަށް ވޯޓުދޭންވީ ސަބަބެއް ނެތް ކަމަށެވެ.

"ކައުންސިލުތަކުގެ ފޮށިތައް ފުރާލައްވާ، ތިލަފަތަށް ވޯޓުދެއްވާ، އަޅުގަނޑުމެން ހުޝިޔާރު، ތައްޔާރު، އަޅުގަނޑުމެން މިތިބީ ބޮޑުތަނުން މި އިންތިޚާބު ނަގައި މި ސަރުކާރު އަދި ރައީސް ޑރ. މުޢިއްޒު ބަލިކުރަން،" ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް