ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހޮނިހިރު ދުވަހު ހުޅުވާލަނީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް: އީސީން ބުނީ އިންތިޚާބުގައި ވާދަކުރަން ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މި ހަފުތާގެ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

އީސީން ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމާފައެވެ.

އެ ކޮމިޝަނުން މީގެ ކުރިން ވަނީ ކެންޑިޑޭޓުންގެ ޑިޖިޓަލް ޕޯޓަލް ރަސްމީކޮށް ހުޅުވާލާފައެވެ. އެ ޕޯޓަލް މެދުވެރިކޮށް ކެންޑިޑެންސީ ހުށަހެޅުމުގެ ކަންކަން ފުރިހަމަކުރެވުނު ނަމަވެސް ކެންޑިޑެސީ ހުށަހެޅޭނީ ހޮނިހިރު ދުވަހު ރަސްމީކޮށް ކެންޑިޑެސީ ހުށަހަޅަން ހުޅުވާލުމުންނެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މި މަހުގެ 17ވާ ހޮނިހިރު ދުވަހު ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 12:00 އަށެވެ.

އެ މުއްދަތުގެ ތެރޭގައި ކެންޑިޑެސީ ހުށަހަޅަން އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމިޝަނުން ބުނީ، އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އޮންލައިން ޕޯޓަލަށް އީފާސް މެދުވެރިކޮށް ވަދެވޭނެ ކަމަށެވެ. އެގޮތުން އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއަކުން ކަމަށް އިޚުތިޔާރުކޮށްފިނަމަ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށާއި ސިޔާސީ ޕާޓީތަކުން އެފަދަ ރިކުއެސްޓުތަކާ މެދު ގޮތެއް ނިންމަނީ ސިމެދަ ޕޯޓަލުން ކަމަށް، ކޮމިޝަނުން ބުންޏެވެ.

އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެކަން ފާހަގަކޮށް އެކަން ކުރާނެ ގޮތް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކިޔައިދީފައެވެ. އެ ގޮތުން، އެ ކެންޑިޑޭޓަކަށް ތާއީދު ދޭން ބޭނުންނަމަ، ނުވަތަ ނޫން ނަމަ ދާއިރާގެ ރައްޔިތުން އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލަށް ވަދެ، ތާއީދު ދިނުމަށް ނުވަތަ ނުދިނުމަށް ކަނޑައެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަމަކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

https://sun.mv/216371

އީސީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައި ވާގޮތުން މި އަހަރުގެ ކައުންސިލް އިންތިޚާބުގައި ޖުމުލަ 294،937 މީހުންނަށް ވޯޓުލެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުންނާއި، ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ގާނޫނުއަސާސީއަށް މި ފަހުން ގެނައި އިސްލާހާ އެކު 132 ރަށެއްގައި އިންތިޚާބުކުރާނީ ކައުންސިލް ރައީސާއި އަންހެނުންނަށް ޚާއްސަ މެންބަރު ހިމެނޭހެން ޖުމުލަ ތިން ކައުންސިލަރުންނެވެ. އަދި، ކައުންސިލް ރައީސާއި ދެ އަންހެން މެންބަރުން ހިމެނޭހެން ފަސް ކައުންސިލަރުން 46 ރަށަކަށް އިންތިޚާބުކުރާނެއެވެ.

ސަރުކާރު ހިންގާ ޕީއެންސީން މިދިޔަ މަހުގެ 27 ގައި ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވާފައިވާއިރު، އިދިކޮޅު އެމްޑީޕީން ވެސް އެ ޕާޓީގެ ޕްރައިމަރީ މާދަމާ ބާއްވާނެއެވެ.

comment ކޮމެންޓް