އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އޮންލައިންކޮށް ފޯމު ފުރުމަށް މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތާރީޚުގެ ކުރިން އެ ކޮމިޝަންގެ ޕޯޓަލް ހުޅުވާލުމުން، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތެއް ލިބޭނެ ކަމަށެވެ.
އެކަމުގެ ސަބަބުން ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް އިންތިޚާބަށް ތައްޔާރުވުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނީ، އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އޮންލައިން ޕޯޓަލަށް އީފާސް މެދުވެރިކޮށް ވަދެވޭނެ ކަމަށެވެ. އެގޮތުން އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއަކުން ކަމަށް އިޚުތިޔާރުކޮށްފިނަމަ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށާއި، ސިޔާސީ ޕާޓީތަކުން އެފަދަ ރިކުއެސްޓުތަކާ މެދު ގޮތެއް ނިންމަނީ ސިމެދަ ޕޯޓަލުން ކަމަށް، ކޮމިޝަނުން ބުންޏެވެ.
އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެކަން ފާހަގަކޮށް އެކަން ކުރާނެ ގޮތް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކިޔައިދީފައެވެ. އެގޮތުން އެ ކެންޑިޑޭޓަކަށް ތާއީދު ދޭން ބޭނުންނަމަ، ނުވަތަ ނޫން ނަމަ، ދާއިރާގެ ރައްޔިތުން އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލަށް ވަދެ، ތާއީދު ދިނުމަށް ނުވަތަ ނުދިނުމަށް ކަނޑައެޅޭނެ ކަމަށް، އެ ކޮމިޝަނުން ބުންޏެވެ.
އެކަމަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މި މުއްދަތުގެ ތެރޭ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރިކަމުގައި ވިޔަސް، އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅޭނީ ރަސްމީކޮށް ހުޅުވާލުމުން ކަމަށެވެ.
އެކި ފަރާތްތަކުން ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު، ބޮޑު ދެ ޕާޓީ ކަމަށްވާ އިދިކޮޅު އެމްޑީޕީއާއި ވެރިކަންކުރާ ޕީއެންސީން އަންނަނީ އިންތިޚާބަށް ތައްޔާރުވަމުންނެވެ. އެގޮތުން އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ މިމަހުގެ 16ވަނަ ދުވަހު ބާއްވާއިރު، ޕީއެންސީން ވަނީ މިދިޔަ މަހުގެ 27ވަނަ ދުވަހު އެ ޕާޓީގެ ޕްރައިމަރީ ބާއްވައި، އެއް ދާއިރާ ފިޔަވައި ދެން ހުރި ދާއިރާތަކުގެ ވަގުތީ ނަތީޖާ ވެސް އާންމުކޮށްފައެވެ.