ހަކުރު ހިމެނޭ ބުއިންތައް ބޭނުން ކުރުން މަދު ކުރުމަށް ޓެކްސް ބޮޑު ކުރަން ޖެހޭ: ޑަބްލިއުއެޗްއޯ

ހަކުރު އެކުލެވޭ ބުއިންތަކެއް: އެ ބުއިންތަކުން ނަގާ ޓެކްސް ބޮޑު ކުރަން ޖެހޭ ކަމަށް ޑަބްލިއު އެޗްއޯއިން ވަނީ ބުނެފައި ---- ފޮޓޯ/ ސީއެންޑަބްލިއު

ހަކުރު ހިމެނޭ ބުއިންތައް ބޭނުންކުރުން މަދުކުރުމަށް އެ ބުއިންތަކުން ނަގާ ޓެކްސް ބޮޑު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއު އެޗްއޯއިން ގައުމުތަކަށް ލަފާދީފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ހަކުރު އެކުލެވޭ ބުއިންތަކާއި ރަލުގެ ބާވަތްތައް ގައުމުތަކުގައި އަގުހެޔޮ ވަމުން އަންނަ ކަމަށެވެ.

މިގޮތުން، ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ކެންސަރު ގައުމުތަކުގައި އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެ ބުއިންތައް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި، ގައުމުތަކުގެ 'ބަލިކަށި' ޓެކްސް ނިޒާމުގެ ސަބަބުން، ގެއްލުން ހުރި އުފެއްދުންތައް އަގުހެޔޮކޮށް ވިއްކަން ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން، ސިއްހީ ނިޒާމަށް މާލީ ޕްރެޝަރު ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުން އެ ޖަމިއްޔާއިން ފާޅުކުރިއެވެ.

އޭގެއިތުރުން، މިފަދަ އުފެއްދުންތައް ވިއްކައިގެން، ބިލިއަން ޑޮލަރުން ފައިސާ ހޯދޭއިރު، ސިއްހީ ދާއިރާއަށް އެ ބާވަތްތަކުގެ ޓެކްސްއިން ލިބެނީ ވަރަށް ކުޑަ އަދަދެއްކަން ޑަބްލިއު އެޗްއޯއިން ފާހަގަކުރިއެވެ.

ހަކުރު އެކުލެވޭ ބުއިންތަކެއް ---- ފޮޓޯ/ ގެޓީ އިމޭޖަސް

އެހެންވެ، މުޖުތަމައުތަކަށް ދިގު މުއްދަތަކަށް ސިއްހީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ޑަބްލިއު އެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނަމް ގެބްރޭސަސް ވިދާޅުވީ، ބަލިތަކުން ރައްކާތެރިވުމަށް އޮތް ވަރުގަދަ އެއް ހަތިޔާރަކީ، ސިއްހީ ނިޒާމަށް ފައިދާވާނެ ހެން ޓެކްސްގެ ނިޒާމު ބޭނުން ކުރުމެވެ. އެ ގޮތަށް އެ ކަން ކުރުމަށް ޓެޑްރޯސް ވަނީ ލަފާދެއްވާފައެވެ.

"ދުންފަތުގެ ބާވަތްތަކާއި ހަކުރު އެޅި ބުއިންތަކާއި ރަލުން ޓެކްސް ބޮޑުކޮށްގެން، މި ބާވަތްތައް ބޭނުންކުރާ މިންވަރު މަދުކުރުމާ އެކު ސިއްހީ ކަންކަމަށް ހޭދަކުރާނެ ފައިސާ ސަރުކާރުތަކަށް ހޯދޭނެ" ޓެޑްރޯސް ވިދާޅުވިއެވެ.

އެއާއެކު، ރިޕޯޓުތަކާ ހަވާލާދީ، އެ ޖަމިއްޔާއިން ބުނީ، މަދުވެގެން 116 ގައުމަކުން، ހަކުރު އެކުލެވޭ ބުއިންތަކުން ޓެކްސް ނަގާ ކަމަށެވެ. އޭގެތެރޭގައި ގިނައިން ހިމެނެނީ، ސޯޑާގެ ބުއިންތައް ކަމަށްވާއިރު، ގިނަ އަދަދަކަށް ހަކުރު ހުންނަ ކޮފީއާއި މޭވާގެ ބުއިންތަކާއި ސައި ފަދަ ބުއިންތަކުގެ ޓެކްސް ނުނަގާ ކަމުގެ ކަންބޮޑުވުން އެ ޖަމިއްޔާއިން ފާޅުކުރިއެވެ.

comment ކޮމެންޓް