އެއާ އޭޝިއާގެ މާލީ ހާލަތު ގޯސްވެ، ސަލާމަތްވުމަށް ބޮޑު ފަންޑެއް ހޯދަން ފަށައިފި

އެއާ އޭޝިއާގެ ފްލައިޓްތަކެއް --

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް އެއާލައިން ކަމަށްވާ މެލޭޝިއާގެ އެއާ އޭޝިއާގެ ބޯޓުތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަރަށް އާންމުކޮށް ފެންނަ، ދިވެހިންނަށް ވަރަށް ފަރިތަ މަންޒަރެކެވެ. ޗުއްޓީ ހޭދަކޮށްލުމަށާއި، ބޭސްފަރުވާއަށާއި އަދި މަތީ ތައުލީމު ހާސިލުކުރުމަށް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ދަތުރުކުރާ ގިނަ ދިވެހިންގެ ފުރަތަމަ އިހުތިޔާރަކީ ވެސް މިއީއެވެ. މީގެ އަހަރުތަކެއް ކުރިން މެލޭޝިއާއަށް ދަތުރުކުރުމަކީ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށް ވީނަމަވެސް، އެއާ އޭޝިއާގެ ސަބަބުން އެކަން ވަނީ މުޅިން ބަދަލުވެފައެވެ. ހެޔޮ އަގެއްގައި ޓިކެޓު ލިބުމާއި، ކުއާލަލަމްޕޫރު މެދުވެރިކޮށް ގިނަ މަންޒިލުތަކަކަށް ފަސޭހައިން ދަތުރުކުރެވޭ ގޮތަށް އޮތުމަކީ ދިވެހިންގެ މެދުގައި މި އެއާލައިން އެހާ ބޮޑަށް މަގުބޫލުވި މައިގަނޑު ސަބަބެވެ. ގިނަ ދިވެހިންނަށް ކުއާލަލަމްޕޫރަކީ ދެވަނަ ގެ ކަމުގައި ވުމުގެ ފަހަތުގައި އެއާ އޭޝިއާގެ ދައުރު ވަރަށް ބޮޑެވެ.

ނަމަވެސް، އުދުހުންތަކުގެ ބޭރުފުށުން ފެންނަ އުޖާލާކަމާއި، ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު އުފުލަމުންދާ ދިއުމުގެ ފަހަތުގައި، އެ ކުންފުނި މިހާރު ދަތުރުކުރަމުން ދަނީ މާލީ ގޮތުން ވަރަށް ބޮޑު ތޫފާނެއްގެ ތެރެއިންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ އޭވިއޭޝަން ސިނާއަތް އާންމު ހާލަތަކަށް އައިސްފައިވީ ނަމަވެސް، އެއާ އޭޝިއާއަށް އަދިވެސް ވަނީ އެކަމުގެ ނޭދެވޭ އަސަރުތަކުން މުޅިން އަރައިގަނެވޭ ގޮތް ނުވެފައެވެ. ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ބޮޑު ފަންޑެއް ހޯދުމުގެ މަސައްކަތް ކުންފުނިން ފަށާފައިވާއިރު، މިއީ ކުންފުނީގެ މުސްތަގުބަލު ކަނޑައަޅާނެ އެންމެ މުހިންމު އެއް މަސައްކަތެވެ.

މެލޭޝިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއާ އޭޝިއާ ގްރޫޕަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނިވެސް އެ ކުންފުންޏަށް 527.16 މިލިއަން ރިންގިޓްގެ ގެއްލުމެއް ވެފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރުގައި ވި 154.9 މިލިއަން ރިންގިޓްގެ ގެއްލުމާ އަޅައި ބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ އޮޕަރޭޓިން ކޭޝް ފްލޯ ވަނީ 582 މިލިއަން ރިންގިޓް މައިނަސްވެފައެވެ. މީގެ މާނައަކީ ކުންފުނީގެ އާންމު ވިޔަފާރީގެ ހަރަކާތްތަކުން ލިބުނު އާމްދަނީއަށް ވުރެ، ހިންގުމަށް ކުރަންޖެހުނު ހަރަދު އެތައް ގުނައެއް ބޮޑުވުމެވެ.

ކުންފުނީގެ ބެލެންސް ޝީޓަށް ބަލާއިރުވެސް ފެންނަނީ ކަންބޮޑުވާންޖެހޭ ފަދަ މަންޒަރެކެވެ. ޖޫން މަހުގެ ނިޔަލަށް ކުންފުނީގައި ނަގުދު ފައިސާގެ ގޮތުގައި ހުރީ 954 މިލިއަން ރިންގިޓް ކަމަށް ވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ދަރަނީގެ އަދަދު 18.4 ބިލިއަން ރިންގިޓަށް އަރައެވެ. މީގެ އިތުރުން ލޯނުގެ ގޮތުގައި 3.13 ބިލިއަން ރިންގިޓް އަދި ބޯޓުތަކާއި އެހެނިހެން ވަސީލަތްތައް ލީސްކުރުމުގެ ސަބަބުން އުފެދިފައިވާ ލައިބިލިޓީގެ ގޮތުގައި 13.3 ބިލިއަން ރިންގިޓް ދައްކަން ޖެހިފައިވެއެވެ. މި އަދަދުތަކުން ދައްކައިދެނީ ކުންފުނީގެ މާލީ ހާލަތު އޮތް ނާޒުކު މިންވަރެވެ.

މި ބޮޑު އަނދަވަޅުން ސަލާމަތްވުމަށްޓަކައި އެއާ އޭޝިއާއިން އަންނަނީ ބޮޑު ފަންޑްރައިޒިން ހަރަކާތެއް ހިންގުމަށް ތައްޔާރުވަމުންނެވެ. ބައިނަލްއަގުވާމީ ޑެޓް މާކެޓްތަކުން 1 ބިލިއަން ޑޮލަރު ހޯދުމަށާއި، މެލޭޝިއާގެ އެތެރޭގެ މާކެޓުން 700 މިލިއަން ރިންގިޓްގެ ކްރެޑިޓް ފެސިލިޓީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މި ފައިސާ ހޯދުމުގައި މެލޭޝިއާ ސަރުކާރުގެ ދައުރެއް އޮތް ކަމަކަށް ކުންފުނިން ރަސްމީކޮށް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، މީޑިއާތަކަށް މައުލޫމާތު ދިން ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފައިސާ ހޯދުމަށްޓަކައި ބޮޑު ބަޔަކަށް ސަރުކާރުގެ ގެރެންޓީއެއް ހޯދުމަށް އޭއެޝިއާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ އެހީތެރިކަން ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން، މިކަމުގެ ބަދަލެއްގެ ގޮތުން ކުންފުނީގެ ބޯޑުގެ ދެ ގޮނޑިއެއް ސަރުކާރަށް ދިނުމަށް މެލޭޝިއާ ސަރުކާރުން ވަނީ ޝަރުތުކޮށްފައެވެ. މިއީ ކުންފުނީގެ ސްޓްރެޓީޖިކް ނިންމުންތަކުގައި ސަރުކާރުގެ ބާރުވެރިކަން އިތުރުކޮށް، ދައުލަތުގެ ފައިސާ ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ސަރުކާރުގެ ގެރެންޓީއަކާއެކު ފައިސާ ހޯދާނަމަ، އެ ފައިސާ ބޭނުންކުރާނެ ގޮތްތައް ކަނޑައެޅުމާއި، ގަވާއިދުން މާލީ ރިޕޯޓުތައް ހުށަހެޅުމާއި، އަދި ކަނޑައެޅޭ ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުން ފަދަ ހަރުކަށި ޝަރުތުތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި، އެއާ އޭޝިއާގެ މާލީ ހާލަތު އޮތް ގޮތުން އެ ކުންފުނި އަލުން ކޮޅަށް ޖެހުމަށްޓަކައި 1 ބިލިއަން ޑޮލަރަށް ވުރެ މާ ބޮޑު އަދަދެއް ބޭނުންވާނެއެވެ. ނަން ހާމަނުކުރުމަށް އެދި މީޑިއާއަށް މައުލޫމާތު ދިން ސީނިއާ އެނަލިސްޓަކު ބުނި ގޮތުގައި، ކުންފުނި ރީސްޓްރަކްޗާކޮށް، އަލުން ކެޕިޓަލައިޒް ކުރުމަށްޓަކައި 3 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ބޭނުންވާނެއެވެ. ކުންފުނީގެ މިހާރުގެ އޮނިގަނޑު އޮތް ގޮތުން ބޭނުންވާ ވަރަށް ފައިސާ ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. ސަރުކާރުގެ ގެރެންޓީއަކާއެކު ފައިސާ ހޯދިދާނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް، މިއީ ވަރަށް ބޮޑު ރިސްކެއް އެކުލެވޭ ކަމަކަށް ވާތީ، ސަރުކާރުން މިކަމުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

މެލޭޝިއާގެ އެންމެ ބޮޑު އެއާލައިންގެ ގޮތުގައި އެއާ އޭޝިއާއިން އަދާކުރާ މުހިންމު ދައުރުގެ ސަބަބުން ސަރުކާރުގެ އެހީތެރިކަން ދިނުން ގޯސް ނޫން ކަމަށާއި، ނަމަވެސް އެކަން ކުރަންވާނީ ދައުލަތުގެ ފައިސާ އަނބުރާ ލިބޭނެކަން ކަށަވަރުކުރެވޭނެ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށް އެނަލިސްޓް ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، އެއާ އޭޝިއާއިން ވަނީ މިދިޔަ އަހަރުވެސް އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެހެން އެއާލައިނެއް ހިމެނޭ ގޮތަށް ބައެއް އިންވެސްޓަރުންގެ އަތުން 1 ބިލިއަން ޑޮލަރުގެ އިކުއިޓީ ފައިނޭންސިން ހޯދުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އިންވެސްޓަރުން އެއާ އޭޝިއާގެ ހާލަތު ދިރާސާކުރުމަށްފަހު އެއީ މާ ރިސްކު ބޮޑު އިންވެސްޓްމަންޓެއް ކަމަށް ނިންމާފައިވާނަމަ، ރައްޔިތުންގެ ޓެކްސް ފައިސާ އެފަދަ ބޮޑު ރިސްކެއްގެ ތެރެއަށް ވައްޓާލުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

އެއާ އޭޝިއާގެ ދަރަނީގެ ނިސްބަތް ހުރީވެސް ކަންބޮޑުވާންޖެހޭ މިންވަރެއްގައެވެ. ދާދި ފަހުން ޕްރައިވެޓް ޕްލޭސްމަންޓެއް މެދުވެރިކޮށް 1 ބިލިއަން ރިންގިޓްގެ އާ އިކުއިޓީ ހޯދާފައިވީ ނަމަވެސް، އަލަށް ހޯދަން އުޅޭ ދަރަންޏާއެކު ކުންފުނީގެ ޑެޓް-ޓު-އިކުއިޓީ ރޭޝިއޯ 4.7 ގުނައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ އޭޝިއާގެ އެންމެ ކުރީސަފުގެ އެހެން އެއާލައިންތަކުގެ މި ނިސްބަތް އާންމުކޮށް 1 ގުނައިގައި ހުންނައިރު، އޭނާ އަޅައިބަލާއިރު ވަރަށް ބޮޑުތަން މަތީ އަދަދެކެވެ. މީގެ މާނައަކީ ކުންފުނީގެ އަމިއްލަ ރައުސްމާލަށް ވުރެ ދަރަނި އެތައް ގުނައެއް ބޮޑުވުމެވެ.

މީގެ ކުރިންވެސް އެއާ އޭޝިއާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިއާ ސަރުކާރުން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރު، އެއާ އޭޝިއާގެ އޭރުގެ މައި ކުންފުނި ކަމަށްވާ ކެޕިޓަލް އޭ އިން ވަނީ 500 މިލިއަން ރިންގިޓްގެ ލޯނެއް ނެގުމަށް ސަރުކާރުގެ ހުއްދަ ހޯދާފައެވެ. މި ލޯނުގެ 80 އިންސައްތަ ގެރެންޓީ ކޮށްދިނުމަށް ސަރުކާރުން އޮތީ ނިންމާފައެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުންފުނި ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނަގަން އުޅުނު ލޯނެކެވެ. ނަމަވެސް، ކުންފުނީގެ ބާނީން ކަމަށްވާ ޓޯނީ ފެނާންޑޭސް އާއި ކަމަރުދީން މެރަނުންގެ އަމިއްލަ ގެރެންޓީއެއް މި ލޯނަށް ދޭންޖެހޭ ގޮތަށް ޝަރުތުކުރުމާ ގުޅިގެން، އެ ލޯނު ނެގުމުގެ ހިޔާލު ފަހުން ވަނީ ދޫކޮށްލާފައެވެ.

ފްރޮސްޓް އެންޑް ސަލިވަންގެ ޕްރިންސިޕަލް ކޮންސަލްޓަންޓް ޝަންޓާނޫ ގަންގާކޭޑްކަރް ފާހަގަކުރި ގޮތުގައި، މިހާރު ހޯދަން އުޅޭ ފަންޑަކީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނިތައް ރީފައިނޭންސް ކުރުމަށް ވަރަށް މުހިންމު ފައިސާއެކެވެ. ނަމަވެސް މީގެ ދިގު މުއްދަތުގެ ނަތީޖާ ބިނާވެފައި އޮންނާނީ ފައިސާ ހޯދާ ގޮތުގެ އޮނިގަނޑާއި، ކުންފުނީގެ އޮޕަރޭޝަނަލް މަސައްކަތްތައް ކުރިއަށްދާ ގޮތެއްގެ މައްޗަށް ކަމަށް އޭނާ ބުންޏެވެ. އެއާ އޭޝިއާއަކީ މެލޭޝިއާގެ އިގުތިސާދަށާއި ސަރަހައްދީ ގުޅުންތަކަށް ވަރަށް މުހިންމު ކުންފުންޏެއް ކަމަށް ވިޔަސް، މުޅި އޭވިއޭޝަން ސިނާއަތަށް ދިމާވެފައިވާ މާލީ އަދި އޮޕަރޭޝަނަލް ފިއްތުންތަކުން އެ ކުންފުނި ސަލާމަތްވެފައި ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އެއާ އޭޝިއާއަށް ސަރުކާރުން އެހީތެރިވާންޖެހޭ ސަބަބުތައް ގުޅިފައިވަނީ ހަމައެކަނި އެ ކުންފުނީގެ މާލީ ހާލަތަކާ ނޫނެވެ. އެ ކުންފުންޏަކީ އެތައް ހާސް ބަޔަކަށް ވަޒީފާ ދީފައިވާ ކުންފުންޏަކަށް ވުމުގެ އިތުރުން، މެލޭޝިއާގެ ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. ހެޔޮ އަގުގައި ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަކީ މެލޭޝިއާއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރުމަށް މަގުފަހިވާ ކަމެކެވެ. އެއާ އޭޝިއާ ބަނގުރޫޓުވެއްޖެނަމަ، އެހެން އެއާލައިންތަކުން އެ ޖާގަ ފުރަން މަސައްކަތްކުރި ނަމަވެސް، އެއާ އޭޝިއާއިން އުފުލާ މިންވަރަށް ފަސިންޖަރުން އުފުލުމަކީ އެހެން އެއާލައިންތަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. މީގެ ސަބަބުން ކުއާލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް (ކޭއެލްއައިއޭ) އަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ އޭވިއޭޝަން ހަބެއްގެ ގޮތުގައި އޮތް މަގާމު ގެއްލުމުގެ ބިރުވެސް އެބައޮތެވެ.

ކެނެޑާގެ ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާ ކޮންސަލްޓަންސީއެއް ކަމަށްވާ މޮޑާލިސް އިންފްރާސްޓްރަކްޗާ ޕާޓްނާސްގެ ހެޑް އޮފް އެއާޕޯޓް އިންވެސްޓާ ރިސޯސް އެންޑް އިންޑަސްޓްރީ ރިސާޗް، ހައިރު މިރްޒާ ބުނި ގޮތުގައި، އެހެން ގައުމުތަކުގައިވެސް އެއާލައިންތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭނާ ފާހަގަކުރި ގޮތުގައި ކެނެޑާ އަދި އިންޑިއާ ފަދަ ގައުމުތަކުން ވަނީ ހުރިހާ އެއާލައިންތަކަކަށްވެސް ހަމަހަމަ ފުރުސަތުތަކެއްގެ ދަށުން ލޯނު ދޫކޮށްފައެވެ. މިއީ ވިޔަފާރީގެ މައިދާނުގައި ހަމަހަމަކަން ގާއިމުކުރުމަށް ކުރި ކަމެކެވެ. އަދި ސިންގަޕޫރާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން ވަނީ ސަރުކާރު ހިއްސާވާ އެއާލައިންތައް ހިންގުމަށްޓަކައި އާ ފަންޑުތައް ދޫކޮށްފައެވެ.

އިންޑިއާއިން މި އަހަރު ތައާރަފުކުރި ސްކީމެއްގެ ދަށުން، ޝަރުތު ހަމަވާ އެއާލައިންތަކަށް ސަރުކާރުގެ 90 އިންސައްތަ ގެރެންޓީއާއެކު އިތުރު ކްރެޑިޓް ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. ހަތް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ މި ލޯނުތަކުގައި ފައިސާ ދައްކަން ނުޖެހޭ ދެ އަހަރުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނެއެވެ. މިއީ ތެލުގެ އަގު ބޮޑުވުމާއި އޮޕަރޭޝަނަލް ގޮންޖެހުންތަކާ ހުރެ އެއާލައިންތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް އިންޑިއާ ސަރުކާރުން އެޅި ފިޔަވަޅެކެވެ. މެލޭޝިއާ ސަރުކާރުންވެސް އެއާ އޭޝިއާއާމެދު މިފަދަ އުސޫލަކުން އަމަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިހާރު އެއާ އޭޝިއާއިން ކުރިމަތިލަމުންދާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ނުކުންނާނެ ގޮތަކާ މެދު އޭވިއޭޝަން ދާއިރާގެ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ސަރުކާރުގެ އެހީތެރިކަން ލިބުނު ނަމަވެސް، އެކަން ވެގެންދާނީ ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވާނެ ކަމަކަށެވެ. ދިވެހިންގެ އިތުރުން ސަރަހައްދުގެ އެތައް މިލިއަން ބަޔަކު ދަތުރުފަތުރުކުރުމަށް ބަރޯސާވާ މި އެއާލައިންގެ މުސްތަގުބަލު އޮތީ، ކުރިއަށް އޮތް މަސްތަކުގައި ކުންފުނިން ނިންމާ މާލީ ނިންމުންތަކެއްގެ މައްޗަށް ބިނާވެފައެވެ.

comment ކޮމެންޓް