މެދުއިރުމަތީގައި ދެމުންދާ ހަމަލާތައް އިތުރުވެ، ތެޔޮ ސަޕްލައިކުރުމަށް ބުރޫއަރާފާނެ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން، ވިދިވިދިގެން ހަތަރު ވަނަ ދުވަހުވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ކުރިއަށްދިޔަ ވިޔަފާރީގެ މުއާމަލާތްތަކުގައި ތެލުގެ އަގު ވަނީ އެއް ޑޮލަރަށް ވުރެ ބޮޑުތަނުން އުފުލިފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ 1.4 އިންސައްތަ އުފުލި، ފީފާއެއްގެ އަގު 99.33 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ކްރޫޑްގެ އަގުވެސް 1.4 އިންސައްތަ އުފުލި، ފީފާއެއްގެ އަގު ހުރީ 94.34 ޑޮލަރުގައެވެ.
ހަ މަސްވީ ހަނގުރާމައަށް ދާއިމީ ހައްލެއް ލިބިދާނެ ކަމުގެ އުންމީދު ފަނޑުވެ، އަލުން ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެން، އޮގަސްޓު މަހުގެ ކުރީކޮޅުން ފެށިގެން ބްރެންޓް ކްރޫޑްގެ އަގު ވަނީ 25 އިންސައްތަ އުފުލިފައެވެ. ތެލުގެ އަގު ބާރުމިނުގައި 100 ޑޮލަރާ ގާތްކުރަމުންދާއިރު، އެމެރިކާގެ މާލީ ބާޒާރުތަކަށް ވަނީ މީގެ ނޭދެވޭ އަސަރުކޮށްފައެވެ. އެގޮތުން، އެސްއެންޑީޕީ 500 އިންޑެކްސް ބައި އިންސައްތައަށް ވުރެ ދަށަށް ގޮސްފައިވާއިރު، ނަސްޑެކް އިންޑެކްސް ވަނީ ގާތްގަނޑަކަށް 0.33 އިންސައްތަ ދަށަށް ގޮސްފައެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ މަސްރަހު އިތުރަށް ގޯސްވެފައިވަނީ، އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ ބައެއް ސަހަރުތަކަށް އަންގާރަ ދުވަހު ދިން ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ސައުދީ އަރަބިއްޔާ ވަނީ މި ހަމަނުޖެހުމުގެ ތެރެއަށް އިތުރަށް ވަދެފައެވެ. މީގެ އިތުރުން، އެމެރިކާގެ ސިފައިން އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް ހަމަލާދީފައިވާއިރު، އީރާނުން ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައެވެ.
މި ފަހުން ދިން ހަމަލާތަކުގެ ސަބަބުން، ސަރަހައްދުގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށާއި މުހިންމު ކަނޑުއޮޅިތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތައް އިތުރަށް ގޯސްވުމުގެ ނުރައްކާ އެބައޮތެވެ.
އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، ސައުދީ އަރަބިއްޔާއިން އެ ގައުމުގެ ބައެއް އެކްސްޕޯޓުތައް ހޯރުމުޒް ކަނޑުއޮޅިން ބޭރުން ގެންދަން ފަށާފައިވީ ނަމަވެސް، އެ ގައުމަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ދިގުލައިގެން ހިނގައްޖެނަމަ، ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެއެވެ.
އައިއެންޖީގެ އެނަލިސްޓުން ނެރުނު ނޯޓެއްގައި ބުނެފައިވަނީ، ފަހުގެ ހާދިސާތަކުން ދައްކައިދެނީ ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމާ އަދިވެސް ވަރަށް ދުރުކަން ކަމަށެވެ. އަދި އޯސީބީސީގެ އެނަލިސްޓުން ފާހަގަކުރި ގޮތުގައި، ސައުދީގެ ހަކަތައިގެ ވަސީލަތްތަކަށް އީރާނުން ދިން ހަމަލާތަކާއި، އޭގެ ފަހުން އީރާނުގެ ފަސް ޓޭންކަރެއް ހަލާކުކޮށްލުމާ ގުޅިގެން، ތެޔޮ ސަޕްލައިކުރުމަށް ދިގު މުއްދަތެއްގެ މެދުކެނޑުމެއް އަތުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.