75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގާނޫނު ތަސްދީގުކުރައްވައިފި

ޒުވާނުންތަކެއް ވަޒީފާއެއްގެ އިންޓަވިއުއަށް ކިއޫގައި: 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ އިސްލާހު ވަނީ ފާސްކޮށްފައި -- ފޮޓޯ/ އިމިގްރޭޝަން

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރީ-އެމްޕްލޯއިމަންޓްގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ފާސްކުރީ މި ވަގުތު ޗުއްޓީގައި އޮތް މަޖިލީހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ދައުރުން ބޭރު ޚާއްސަ ޖަލްސާގައެވެ. އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި ބިލަށް އަމަލުކުރާނީ މިއަދުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚު ކަމަށްވާ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ.

ސަރުކާރުން ބުނީ، މި ބިލުގެ މަގުސަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުން އަންނަ ބޭފުޅުންނަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައް ބަޔާން ކުރުމެވެ.

https://sun.mv/195978

ބިލުގައި ވާގޮތުން މި ބިލު ހިނގާނީ މިހާރު ދައުލަތުގެ ވަޒީފާގައި ތިއްބެވި ބޭފުޅުންނާއި ކުރިން ވަޒީފާ އަދާކުރެއްވި ބޭފުޅުންގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންގެ އިތުރުން ގާނޫނުއަސާސީއާއި ގާނޫނެއްގެ ދަށުން އައްޔަންކުރާ މަގާމެއްގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭނެއެވެ.

އެހެންވެ، މި ބިލާ އެކު 65 އަހަރު ފުރުމުން ވެސް 75 އަހަރާ ހަމައަށް ޚިދުމަތުގައި ދެމިހުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ ހަތް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ބޭފުޅުންނަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ރިޔާސީ ކެމްޕެއިން ތެރޭގައި ހުށަހަޅުއްވާފައިވަނީ 65 އަހަރު ވިޔަސް، ކޮންޓްރެކްޓް އުސޫލުން 75 އަހަރު ވަންދެން ވަޒީފާ ދޭނެ ސިޔާސަތެއް އެކުލަވާލުމަށެވެ. އެ ސިޔާސަތުގެ ދަށުން ހަދާ ކޮންޓްރެކްޓަކީ އަހަރުން އަހަރަށް އާކުރެވޭ ކޮންޓްރެކްޓަކަށް ވާން ޖެހޭނެ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވެފައިވެއެވެ.

https://sun.mv/181509

"ޚާއްސަކޮށް ދިރިއުޅުމުގެ ކަންކަން މި އޮންނަ ގޮތުން ގޭގައި ހުންނަން އުނދަގޫ. އެހެންވީމާ އެ ރައްޔިތުންނަށް ޚާއްސަ އިތުރު ގޮތްތަކެއް، ވަޒީފާގައި އުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނަން ޖެހޭނެ ރިޓަޔާ ކުރިޔަސް،" ރިޔާސީ ކެމްޕޭނަށް ބ. އޭދަފުއްޓަށް ވަޑައިގެން ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.

ދުވަސްވީ މީހުންނަށް 75 އަހަރު ވަންދެން ވަޒީފާގައި ތިބެވޭ ގޮތަށް ގާނޫނު ތަސްދީގުކުރެއްވިއިރު، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޒުވާން އާބާދީގެ 19 އިންސައްތަ މީހުން އެއްވެސް މަސައްކަތެއް ނުކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 4،744 އަންހެނުންނާއި 5،672 ފިރިހެނުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް މީގެ ކުރިން ވަނީ ވަޒީފާ ބޭނުންވެގެން 8،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެފައެވެ. އެ މީހުންނަށް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެ ކަމަށް އެ މިނިސްޓްރީން އޭރު ބުންޏެވެ.

comment ކޮމެންޓް