ޚަރަދު ކުޑަކުރުމެއް ނޫން، މިއީ ޚުދުމުޚުތާރު ޓެކްޓިކްސްއެއް؟

ރައީސް މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ފެންނަނީ ދިގު ވެރިކަމެއް ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާތަން -- ފޮޓޯ/ ރައީސް އޮފީސް

ވަރަށް ގާތުން، ދިރާސީ ނަޒަރަކުން ބަލައިފި ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އުކުޅުތަކާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގެންގުޅުއްވި އުކުޅުތަކާ އެއްގޮތް ކަމެއް ނުފެނޭހެއްޔެވެ؟

ބާރުތައް މުށުތެރެއަށް 'މަހާލުމުގެ' ނިޔަތުގައި ރައީސް މުއިއްޒު އެޅުއްވި ބައެއް ފިޔަވަޅުތަކަކީ ތުރުކީން ފެނިފައި ހުރި ކަންކަމެވެ. އެ ފިކުރެއް ނޫނެވެ. އެ ފަލްސަފާއެއް ނޫނެވެ. ގެންގުޅުއްވާ އުކުޅެވެ. ފަލްސަފާއާއި ފިކުރުން ވެސް އެ ސިފަތަކުގެ ނަކަލެއް ނުފެނެއެކޭ ނޫނެވެ. އެ ފެންވަރުގައި އެ ކަން ނުކުރެވެނީއެވެ. މިއީ ސިޔާސީ ނަޒަރަކުން ސަރުކާރުގެ ‘ރިފޯމްތައް’ މާނަކުރެވޭ ގޮތެވެ.

ޚުދުމުޚުތާރު މަގުން ހިންގަވާ ވެރިންގެ އެއްގޮތް ސިފަތަކެއް ހުރެއެވެ. އެ ފަދަ ވެރިންގެ ތަފާތު 'ވޭރިއަންޓް'ތައް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނެއެވެ.

މިސާލަކަށް، އިންޑިއާގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެންގުޅުއްވާ އުކުޅުތަކާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ގެންގުޅުއްވާ އުކުޅުތައް ވަރަށް ތަފާތެވެ. ދެ ވެރިކަމުގައި އެއް ގޮތް ސިފަތައް ވެސް އެބަހުއްޓެވެ. އެކަމަކު، ރަޝިއާގައި ފެންނަ ސިޔާސީ 'ސްޓްރޯންގްމެން' ސިފަތަކަށް ވުރެ އިންޑިއާއިން ފެންނަނީ 'ޑިވައިޑް އެންޑް ރޫލް'ގެ ސިފަތަކެކެވެ. ދެ އުކުޅަކީ ވެސް ގިނަ ދުވަހު، ބާރުގަދަ ވެރިކަމެއް ކުރައްވަން ގެންގުޅުއްވާ އަސާގަނޑެކެވެ.

އެހެން ބަލާއިރު، އުރުދުޣާންގެ ބައެއް އުކުޅުތައް ރައީސް މުއިއްޒުގެ ސިޔާސީ އަމަލުފުޅުތަކުން ނުފެނޭ ހެއްޔެވެ؟

ރައީސް މުއިއްޒު: އެ މަނިކުފާނު އުޅުއްވަނީ 2 އިންތިޚާބު އެއްކޮށްލަން --- ފޮޓޯ/ ރައީސް އޮފީސް

އުރުދުޣާންގެ ކޮންޓްރޯލް ވަރުގަދަކުރަން އެ މަނިކުފާނުގެ ވެރިކަމުގެ ޅަފަތުގައި ގެންގުޅުއްވި ބައެއް އުކުޅުތަކުގެ ތެރޭގައި ގާނޫނީ އިސްލާހުތަކުގެ ތެރެއިން މުއައްސަސާތަކުގެ ކޮންޓްރޯލް ނެންގެވުން ހިމެނެއެވެ. ނިޒާމު އެކީ ފުނޑާލުމުގެ ބަދަލުގައި 'ރިފޯމް'ކުރެއްވީއެވެ. އެ ފިޔަވަޅުތައް އެޅުއްވީ މަޑުމަޑުންނެވެ. ބާރަކަށް ފަހު ބާރެއް މުށުތެރެއަށް ލެއްވީއެވެ. މުޅި ނިޒާމަށް ބަދަލު ގެންނެވީ އެ މަނިކުފާނަށް ފައިދާވާނެ ގޮތަށެވެ.

ވެރިކަމުގެ ހުވާކުރެއްވި ގޮތަށް ރައީސް މުއިއްޒު ފުރަތަމަ ވަޑައިގެންނެވީ ވެސް ތުރުކީއަށެވެ. އެ މަނިކުފާނު ވަރަށް 'ގަޔާވާ' ގައުމެއްކަން ކަށަވަރެވެ. އަސްކަރީ ގުޅުންތަކެއް ވެސް އެ ގައުމާ އެކު އުފައްދައިފިއެވެ. ބަސްފުޅުތަކާއި އަމަލުފުޅުތަކުން ވެސް ރައީސްގެ ހިތްޕުޅުގައި އުރުދުޣާންއަށް ލޯތްބެއް އޮންނަކަން އެނގެއެވެ. ދައްކަވާ ވާހަކައިގައި ވެސް ދީނާއި ގައުމިއްޔަތެވެ. އެއީ ސީދާ ނަކަލެއް ކަމަށް ތުހުމަތުކުރަނީއެއް ނޫނެވެ.

އެކަމަކު، އެ ވާހަކަ އިހަށް ބާއްވާށެވެ. ސުވާލަކީ، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލަން އެ އުޅެނީ ކީއްވެހެއްޔެވެ؟

މިއީ ޚަރަދު ކުޑަކުރުމެއް ނޫން

ގާނޫނުއަސާސީއަށް މި އިސްލާހު ހުށަހަޅުއްވަމުން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވި ގޮތުގައި ދެ އިންތިޚާބު އެއްކޮށްލުމުން 80 މިލިއަން ރުފިޔާ ސަލާމަތްވާނެއެވެ. އާންމު މީހެއްގެ ޖީބުން ކުރާ ޚަރަދެއް ނަމަ އެއީ ލައްކަ ބައިވަރެވެ. އެ ސަލާމަތްކުރަންވީއެވެ. އެކަމަކު، މި ދައުލަތުން ކުރާހާ އިސްރާފުގައި 80 މިލިއަން ރުފިޔާ އެއީ "ޕީނަޓްސް"އެވެ.

ނިމުނު އަހަރު ދަތުރުތަކަށް އެކަނި ދައުލަތުން 300 އެއްހާ މިލިއަން ރުފިޔާ ހުސްކޮށްލިއެވެ. އެއިން 80 މިލިއަން ރުފިޔާ ސަލާމަތް ނުކުރެވޭނެ ހެއްޔެވެ؟ އެ ދަތުރުފުޅުތަކުން ލިބުނީ ކޯޗެއް ހެއްޔެވެ؟ މިދިޔަ އަހަރު ހިލޭ އެހީއަށް ލިބޭނެ ކަމަށް ހިސާބުޖެހި އަދަދުން ލިބުނީ 'ޒައްރެއްގެ' މިންވަރެވެ. ލޯނެއްހާ ހިސާބު ވެސް ނުލިބެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފިނޭންސްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ހަތް މަސް ތެރޭ ރާއްޖެއަށް ހިލޭ އެހީއަށް ލިބުނީ އަންދާޒާކުރި އަދަދުގެ އެންމެ ހަތް ޕަސެންޓް -- ފޮޓޯ/ ރައީސް އޮފީސް

އަދި ކޮބާ ހެއްޔެވެ؟ މިދިޔަ އަހަރު އުޅަނދުފަހަރު ގަންނަން އެކަނި ވެސް 200 އެއްހާ މިލިއަން ރުފިޔާ ޚަރަދުކޮށްލިއެވެ. އެއިން 80 މިލިއަނެއް ފަހަށް ރައްކާ ނުކުރެވޭނެ ހެއްޔެވެ؟ އޮފީސްތަކަށް ބޭނުންވާ ސާމާނު ގަންނަން 750 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްލިއެވެ. އެެއިން 80 މިލިއަން ރުފިޔާ ސަލާމަތްނުވާނެ ހެއްޔެވެ؟ މުސާރައާއި އިނާޔަަތްތަކަށް އެކަނި ވެސް 14 ބިލިއަނެއްހާ ރުފިޔާ ހުސްކޮށްލިއެވެ. އެއިން 0.57 އިންސައްތަ ސަލާމަތްނުކުރެވޭނެ ހެއްޔެވެ؟ މުސާރައަށް ކުރި ހޭދައިން އެއް އިންސައްތަ ކަނޑާލި ނަމަވެސް 140 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނީހެވެ.

އެންމެ ސްޓޭޓް މިނިސްޓަރަކަށް އެކަނި ދައުލަތުން 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ފަސް އަހަރު ތެރޭ ޚަރަދުކޮށްލައެވެ. އޭގެ ކިތައް ބޭފުޅުން ތިއްބެވިކަން އެނގޭހެއްޔެވެ؟ ސީދާ އަދަދު ނޭނގުނަސް އެންމެ ފަހުން ރައީސް އޮފީހުން ބުނީ 93 ސްޓޭޓް މިނިސްޓަރުން ތިއްބެވި ކަމަށެވެ. އެހެންވީމާ އެއީ ފަސް އަހަރުން 220 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އެހެންވެ، ފަސް އަހަރުން އެއް އަހަރު ބާއްވާ މަޖިލީސް އިންތިޚާބަށް 80 މިލިއަން ޚަރަދުކުރުން މާ ބޮޑު ކަމަކަށް ވެގެން ސަރުކާރަށް ހަމަޖެހިނުލެވިގެން އެ އުޅެނީ އެހެން ސަބަބަކާ ހުރެއެވެ. އޭގައި އޮތީއަކީ ޚަރަދު ކުޑަކުރުމުގެ ނިޔަތެއް ނޫނެވެ. އެއީ ކަނޑައެޅިގެން ހަދާ ބޮޑު ދޮގަކަށް ނޫނީ ނުވާނެއެވެ. ހިސާބުތަކުން އެ ފެންނަން ހުރި ހަގީގަތް އެ ބޭފުޅުންނަށް ނޭނގެނީ ހެއްޔެވެ؟

ކީއްވެ ކުރާ ކަމެއް؟

ބައެއް ބޭފުޅުންގެ ނަޒަރުގައި ދެ އިންތިޚާބު ވަކިކޮށްލީމާ، މިނިވަން މަޖިލީހެއް ހޮވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެން އެ ބުނާ ސަބަބަކީ 2008 ވަނަ އަހަރު މި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ފިޔަވާ ކޮންމެ ސަރުކާރަކަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދޭތީއެވެ. ފުރަތަމަ 2014 ގައި ދިން ވަރަށްވުރެ ބޮޑު ސުޕަމެޖޯރިޓީއެއް 2019 ގައި ދިންއިރު އެންމެ ފަހުން 2024 ގައި މާ ބޮޑު ސުޕަމެޖޯރިޓީއެއް ދިނެވެ.

"ވެރިކަމަށް އަންނާނީ ކޮން ބޭފުޅެއްކަން ނޭނގެންޏާ، މާ މިނިވަން މަޖިލީހެއް ހޮވުމުގެ ފުރުސަތު ލިބެއެއްނު؟" މި ސަރުކާރުގެ ސީނިއާ ބޭފުޅަކު ދެކޭ ގޮތަކީ މިއެވެ.

https://sun.mv/216316

ފުރަތަމަ ނަޒަރުގައި އެއީ ތެދެކެވެ. އެކަމަކު، ކުޑަކޮށް ބަލައިލުމުން އެނގެނީ އެއީ 'ކޮއިން ޓޮސް'އެއް ކަމެވެ. އޭރުން ވެސް ހަމަ މިހާރެކޭ އެއްގޮތަށް ގޮނޑިކޮއްކޮ މަޖިލީހެއް ހޮވުމުގެ ފުރުސަތު ވެސް އޮންނާނެ ނޫން ހެއްޔެވެ؟ ފާޑެއްގެ ގުރުއަތެއް ނޫން ހެއްޔެވެ؟

ގާނޫނުއަސާސީ އެކުލަވައިލިއިރު މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ވަކިވަކިން ބާއްވަނީ ސަބަބެއް އޮވެގެންނެވެ. މަޖިލީހުގެ އެންމެ ބޮޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. އެހެންވެ، މަޖިލީހެއް ހޮވަނީ ސަރުކާރު ހޮވާފައި، ވާގޮތެއް ބަލައިލާފައެވެ. ދެން ބަލަންޖެހޭނީ މި ބަދަލު ގެނައި އެހެން ގައުމުތަކުގައި ނުކުތީ ކޮން ނަތީޖާއެއްތޯއެވެ.

މި އުސޫލަށް އަމަލުކުރަނީ އެހާ ޑިމޮކްރަސީއާ ރައްޓެހި ނޫން ގައުމުތަކުގައެވެ. އުރުދުޣާންގެ ތުރުކީން ވެސް އަމަލުކުރަނީ މި އުސޫލުންނެވެ. އެ ފަދައިން އަމަލުކުރާ ގައުމުތަކުގެ އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާލުމުން ފެންނަނީ ގޮނޑިކޮއްކޮ މަޖިލިސްތަކެވެ. ދިރާސާތަކުން ވެސް އެނގެނީ އެއްފަހަރާ އިންތިޚާބުތައް ބޭއްވުމުން ޕާޓީތަކުގެ އަތްގަދަވާ ކަމެވެ. އެހެންވީމާ، މިއީ އެ މައްސަލައަށް ވެސް އޮތް ހައްލެއް ނޫނެވެ. އަނެއްކާ ވެސް ކުރަން މި ޖެހެނީ އެއް ސުވާލެކެވެ. ދެން މި ބަދަލު ގެންނަންޖެހޭ ސަބަބަކީ ކޮބާ ހެއްޔެވެ؟

ދިގު ވެރިކަމަކަށް ފައި ނަންގަވަނީ؟

މިއީ އެހެން ވިސްނުމެކެވެ. މާޒީއަށް އަނެއްކާ ވެސް ބަލައިލަން ހިނގާށެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި މަޖިލީހުން ލިބުނު މެޖޯރިޓީ ގުޑުންވީ ކޮން ވަގުތެއްގައި ހެއްޔެވެ؟ އެ ކަންތައްގަނޑު ފެށުނީ 2017 ގައެވެ. ވެރިކަމުގެ ފަހު ކޮޅެވެ. ޖުލައި 13، 2017 ގައި ތިން މެންބަރުން ޕާޓީން ވަކިކުރިއިރު އަނެއް ނުވަ މެންބަރުން އަމިއްލައަށް ވަކިވީއެވެ. ފަހުން، އެ ބޭފުޅުންގެ ގޮނޑިއާ މެދު ވެސް ބަހުސް އުފެދި، ބޮޑު ހައިޖާނުގަނޑަކަށްވީއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ ވެސް ރެނދުލީ ނޫން ހެއްޔެވެ؟ ރިޔާސީ އިންތިޚާބަށްވީއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އަރިހުގައި އުޅުއްވި އެންމެ "އަޑުގަދަ" މެންބަރުން ތިއްބެވީ އެ ސަރުކާރަށް ވަގަށް ގޮވާށެވެ. އެއީ، ރިޔާސީ އިންތިޚާބައިގެން އެންމެ ވަރުގަދައަށް ކެމްޕޭން ކުރަންވީ ދުވަސްތަކެވެ. އުޅެން ޖެހުނީ އެހެން ސަކަރާތެއްގައެވެ.

https://sun.mv/210138

"ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް މެންބަރުން އެކަށިގެންވާ ވަރަށް މަސައްކަތްނުކުރާ މައްސަލަ ކުރިމަތިވޭ. ޚަރަދުކުރަން ދޭ ފައިސާ މަޖިލިސް އިންތިޚާބަށް ބަހައްޓާ މައްސަލަ ފެންމަތިވޭ،" ފާއިތުވި ތިން ރިޔާސީ އިންތިޚާބުގައި ވެސް ޕީޕީއެމް/ޕީއެންސީ ފިކުރުން ކެމްޕޭންކުރަން އުޅުއްވި ބޭފުޅަކު އޭނާގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ.

އެއީ ތެދެކެވެ. ރާއްޖޭގެ ކުރު ތާރީޚުން ފެންނަން އޮތް ހަގީގަތަކީ ކޮންމެ މަޖިލީހެއް ވެސް ރިޔާސީ ދައުރުގައި ފަހު ކޮޅަށްދާއިރު ދެބައިވާ ކަމެވެ. ސަރުކާރުތަކަށް އެ ކަމުގެ ސަބަބުން ލިބުނު ސިޔާސީ ގެއްލުން ވެސް އެހާ ބޮޑެވެ.

ރައީސް މުއިއްޒު އެ ނަންގަވަނީ އެ ފިޔަވަޅެވެ. އެ މައްސަލައަށް ހައްލެއް ހޯއްދަވަނީއެވެ. ދެ އިންތިޚާބު އެއްކޮށްލީމާ، މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ސަރުކާރާ ގުޅެއެވެ. އެ މެންބަރުންނަށް ދެވަނަ ދައުރެއް ލިބޭނީ ވެސް ސަރުކާރާ އެކުގައި، ރައީސަށް ވެސް ދެވަނަ ދައުރެއް ހޯދަން މަސައްކަތްކޮށްގެންނެވެ. އެންޓި ޑިފެކްޝަންގެ ނަމުގައި އަމިއްލައަށް ލިޔުނު ގާނޫނުން ބަނދެވިފައި ތިއްބެވި މެންބަރުންގެ ކަޅުގައި އިތުރު މަޅިއެއް އަޅުވާ ސަބަބަކީ މިއީ ކަމަށް ވެދާނެ ހެއްޔެވެ؟

ފެންނަ މަންޒަރާއި، ސިޔާސީ ތާރީޚާއި، ކަމާ ގުޅޭ ދިރާސާތަކާއި، އެހެން ގައުމުތަކުގައި ކަން ހިނގާ މޭރުމަށް ބެލި ނަމަވެސް މިއީ ޚަރަދު ކުޑަކުރުމުގެ ނުވަތަ ޑިމޮކްރަސީ ހަރުދަނާކުރުމުގެ ފިޔަވަޅެއް ނޫނެވެ. އޭގެ ބަދަލުގައި ދެވަނަ ދައުރެއް ހޯއްދެވޭނެ މަގަކީ ކޮބާތޯ ބައްލަވައިގެން، އެ މަގުން ކުރައްވާ ކަމެކެވެ. ދެ އިންތިޚާބު އެއްކޮށްލަން ކުރާ މަސައްކަތުގެ ފަހަތުން ވެސް ފެންނަނީ ބާރުތައް ޖަމާކުރެއްވުމުގެ ނިޔަތެވެ. ވެރިކަން ދިގުކުރެއްވުމުގެ ވިސްނުންފުޅެވެ.

comment ކޮމެންޓް