މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ދިރާސާގެ މަސައްކަތް 10 ދުވަހުން ނިންމާލަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ގާނޫނުއަސާސީއަށް އިއްޔެ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.
އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ.
މިހާރު ޗުއްޓީގައި އޮތް މަޖިލީހުން މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި، އިސްލާހު ބަލައިގަތް މަރުހަލާގައި ވޯޓުދެއްވި 51 މެންބަރުންގެ ތެރެއިން، ފަސް މެންބަރަކު ފިޔަވައި ދެން ތިބި މެންބަރުން ވޯޓުދެއްވީ ބިލު ބަލައިގަތުމަށެވެ.
އެއާއެކު، މި އިސްލާހު ދިރާސާކުރުމަށް ސުންގަޑި ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމީ އިސްލާހަށް އާންމުން ޚިޔާލު ހުށަހެޅުމަށް މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތުދީ، އިސްލާހުގެ މަސައްކަތް ހަމަ އެ ދުވަހު ނިންމާލުމަށެވެ.
ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް ހުށަހެޅި އިސްލާހުވެސް ދިރާސާކުރާ މި ކޮމިޓީން ނިންމީ، އެ އިސްލާހުގެ މަސައްކަތް މާދަމާއަށް ނިންމާލުމަށެވެ.
ފަލާހު ހުށަހެޅުއްވި އިސްލާހު ކޮމިޓީން ނިންމުމަށްފަހު މަޖިލީހުން ފާސްކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ އިސްލާހު ތަސްދީގުކުރައްވައިފި ނަމަ 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، 21ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ އެ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހެވެ. އަދި، މިހާރު ހިނގާ 20ވަނަ މަޖިލިސް އެ ދުވަހު އުވޭނެއެވެ.
ފާހަގަކުރެވޭ ގޮތުގައި ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މިއަދު މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން ވަނީ ހާމަކުރައްވާފައެވެ.