އަވިދޭނަމަ ގަދަ ހޫނު، ވާރޭނަމަ ތެމިގެން، މިލިއަނުން ޚަރަދުކުރިއިރު މިވަރު ނުވިސްނާ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭރު --

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ރާއްޖެ އައިސް އެެއާޕޯޓުގެ އެރައިވަލް ގޭޓުން ބޭރަަށް ނިކުމެވުނީ ހީކުރި ވަރަށްވުރެ ހަލަބޮލި މާހައުލަކަށެވެ. ދިގު ދަތުރަކަށްފަހު ވަރުބަލިކަމާއެކު ފޭބި އުމްރާވެރިންނަށް މަރުހަބާ ކިޔަން އައިސް ތިބި އާއިލާތަކުގެ މޫނުމަތިން ފެނުނީ އުފާވެރިކަމަށްވުރެ ބޮޑަށް، ތަކުލީފާއި ނުތަނަވަސްކަމެވެ.

އެމްއޭސީއެލްގެ ސެކިއުރިޓީން ތިބީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގި، ތޮއްޖެހިފައިވާ މާހައުލު ކޮންޓްރޯލް ނުކުރެވިފައެވެ. ނިކުންނަ ގޮތަށް ތޮއްޖެހޭހެން ޓެކްސީ ކިއުއެއް ހަދައިފައި އޮތްއިރު، އުމްރާވެރިންނަށް މަރުހަބާ ކިޔަން ބަލައި އައިސްތިބި އެތައް ސަތޭކަ ބަޔަކު ތިބީ އުޑުހާމަޔަށް، ވެހޭ ވާރޭގައި ތެމޭށެވެ. މިއީ މިއަދު ރާއްޖޭގެ މައި ދޮރާށީގެ ހާލަތެވެ.

އެތައް ސަތޭކަ މިލިއަނުން ޚަރަދުކޮށްގެން ބިނާކޮށް ނިންމި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭރުން ބަލައިލަން ކިތަންމެހާ ވެސް ހިތްގައިމެވެ. ނަމަވެސް އެ ރީތިކަމުގެ ފުރަގަހުގައި ފޮރުވިފައި ވަނީ އާންމު ރައްޔިތުން އުފުލަންޖެހޭ ބޮޑު ތަކުލީފެކެވެ.

އެންމެ ބޮޑު އަދި އެންމެ ފަރުވާ ކުޑަކޮށް ކޮށްފައި އޮތް ކަމަކީ އާ ޓާމިނަލްގެ ގޭޓް ސަރަހައްދު ހާމައަށް ދޫކޮށްލައިފައި އޮތުމެވެ. ގަދަ އަވީގައި ނަމަ މަޑުކޮށްގެން ތިބެންޖެހެނީ ދިލަ ހޫނުގައެވެ. ފަންކާއެއްގެ މިންވަރު ވެސް އެތަނަކު ނެތެވެ. ބޯ ވިއްސާރައިގައި ނަމަ، ގަދަ ވަޔާއެކު އެތެރެއަށް ވިއްސާ ފެނާ ހެދި ގޮނޑިއެއްގައި ނީށީނދެވި، މީހުން ތިބެންޖެހެނީ ކޮޅަށެވެ.

ފަތުރުވެރިންތަކެއް އެއާޕޯޓުގައި ---- ފޮޓޯ/ އެމްއޭސީއެލް

އެ ޓާމިނަލުގެ ރީތިކަމުގެ ކްރެޑިޓް ނުނަގާކަށް މި ގައުމުގައި ވެރިއަކު ނެތެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ އެއީ އެމީހުންގެ ކާމިޔާބީއެއްގެ ގޮތުގައި ދައްކާށެވެ. އެކަމަކު އެ ޓާމިނަލުގައި އުނިވާ އެންމެ އަސާސީ ސިފަތަކުގެ ސަބަބުން، އެ ތަނުން ޚިދުމަތް ހޯދާ އެތައް ހާސް ބަޔަކަށް ކޮންމެ ދުވަހަކު ދިމާވާ ދަތިތަކުގެ ޒިންމާ ނަގާނެ ހަމަ އެއްވެސް ވެރިއަކު ނުވިއެވެ.

އަޅުގަނޑަކީ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް އެތައް ދަތުރެއްކުރާ މީހެއްކަމުން، އާ ޓާމިނަލުގެ މި ދަތިތައް އެތައް ފަހަރަކު ތަހައްމަލުކުރަން ޖެހިއްޖެއެވެ.

https://sun.mv/218970

މީގެކުރިން ވެސް އެއާޕޯޓުގެ މިފަދަ މައްސަލަތައް ލިޔުންތަކުގައި ފެންމަތިކުރުވައިފައި ވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޑޮމެސްޓިކުން ޓެކްސީ ހޯދަންޖެހޭ ގޮތާއި، ޕާކިން ޒޯނުން އާ ޓާމިނަލަށް ހުރަސްކުރަން ހިނގަންޖެހޭ ދިގު ހިނގުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައިސްފައިވެއެވެ. ނަމަވެސް މިހާރު މި ދިމާވެފައިވާ މައްސަލައަކީ މުޅި އިމާރާތުގެ ފަރުމާއާ ގުޅިފައިވާ، މާ ބޮޑު ކަންބޮޑުވުމެކެވެ.

"މިކަހަލަ މޮޅެތި ޑިޒައިން ހަދާއިރު ކާކުބާ އެޕްރޫވް ކުރަނީ؟" އާންމު މީހަކު ފޭސްބުކްގައި ކޮށްފައިވާ މި ސުވާލަކީ މިއަދު ކޮންމެ މީހެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް --- ފޮޓޯ/ އެމްއޭސީއެލް

ޒަމާނީ ފެންވަރަށް، މިލިއަނުން ޚަރަދުކޮށްގެން ހަދާ އިމާރާތެއްގައި، ރާއްޖޭގެ މޫސުމަށް ރިއާޔަތްކޮށްފައި ނެތުމަކީ ބަގީޗާއެއްގައި ގަސް އިންދާއިރު ފެންދޭނެ ގޮތެއް ނުވިސްނުން ފަދަ ކަމެކެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު އަދި އިނާ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް ވެސް ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފިރާޤް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މުހިންމު އުމްރާނީ ވަސީލަތްތައް ފަރުމާކުރުމުގައި އަލުން ވިސްނަންޖެހިފައިވާކަން ހަނދާންކޮށްދޭ ކަމެކެވެ.

ޚާއްސަކޮށް އެއާޕޯޓުގެ ޓާމިނަލަށް ފަސިންޖަރުން ބާލާ ސަރަހައްދަކީ މޫސުމީ ބަދަލުތަކާއި ގަދަ ވިއްސާރައަށް މިހާރަށްވުރެ ބޮޑަށް ތައްޔާރުވެފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެތައް މިލިއަން ރުފިޔާއެއްގެ މަޝްރޫއެއް ނިމޭއިރު، އާންމު ރައްޔިތުންނަށް އެންމެ އަސާސީ ހިޔާވަހިކަން ނުލިބުމަކީ ބޮޑު އިހުމާލެއް. ކުޑަކުދިން ގޮވައިގެން ތެމިފޯވެގެން މިތަނުގައި ތިބެންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އާއިލާ މީހަކު ބަލައި އެއާޕޯޓަށް ގޮސް ހުރި އާންމު ރައްޔިތަކު ބުންޏެވެ.

މީހަކު ވީއައިއޭގައި: -- ފޮޓޯ/ އެމްއޭސީއެލް

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ރެޕަކު ފާހަގަކުރި ގޮތުގައި ފުރަތަމަ ފެންނަ މަންޒަރަކީ މިއީ ކަމަށްވާނަމަ، 'ލަގްޒަރީ' މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ބޭނުމެއް ނެތެވެ. އެއާޕޯޓުން ފައިބާ ގޮތަށް ފަތުރުވެރިޔާ ތެމި ފޯވާން ޖެހުމަކީ މުޅި ގައުމުގެ އަބުރާ ގުޅިފައިވާ ކަމެކެވެ.

މިއީ އަވަސް ހައްލެއް ހޯދުން މުހިންމު ކަމެކެވެ. އަބަދަކު އަވިދީފައި ވެސް ނޯންނާނެއެވެ. "ސަނީ ސައިޑް އޮފް ލައިފް" އަކީ ވަކި ދުވަސްވަރެކެވެ. ސަނީ ސައިޑް އޮފް ލައިފްގައި ދޭ ގަދަ ހޫނާއި، ޖޫން ޖުލައިގެ ބޯ ވިއްސާރަ މަތިން މިފަދަ ތަނެއް ފަރުމާކުރުމުގައި ވިސްނައިފައި ނެތްކަން މިއަދު މިވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ.

އާ ޓާމިނަލެއްގެ ހިތްގައިމުކަމާއި ފުރިހަމަ ތަޖުރިބާ ފަސިންޖަރުންނަށް ފޯރުކޮށްދޭން ބޭނުންނަމަ، އިމާރާތުގެ ބޭރުފުށުގެ ރީތިކަމަށްވުރެ ބޮޑަށް، އޭގެ ބޭނުންކުރާ މީހުންގެ އަސާސީ ހިތްހަމަޖެހުމަށް އިސްކަންދޭންޖެހެއެވެ.

މިފަދަ ކުދިކުދި ކަންކަމުން މުޅި މަޝްރޫއުގެ އަގު ވެއްޓިގެންދާން ދޫކޮށްލުމަކީ ބޮޑު އިސްރާފެކެވެ. ރައްޔިތުންނަށް ދިމާވާ މި ތަކުލީފުތަކަށް ނިމުމެއް ގެނައުމަކީ އެމްއޭސީއެލާއި ކަމާބެހޭ ވުޒާރާތަކުގެ މަސްއޫލިއްޔަތެކެވެ. މިއަދު ފެންނަ މަންޒަރުތަކުން ބުނެދެނީ އެންމެ ވާހަކައެކެވެ. މިލިއަނުން ޚަރަދުކުރިއިރު، ރާއްޖޭގެ މޫސުމާއި އާންމު މީހާގެ ހާލަތަށް ވިސްނުން މާ ބޮޑަށް ވެސް ލަސްވެއްޖެ ކަމެވެ.

comment ކޮމެންޓް