ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެ އިދާރާގެ ވިޔަފާރި އުސޫލުން ހިންގާ މައިގަނޑު ބައިތަކުގެ 20 އިންސައްތަ ހިއްސާ ޕްރައިވެޓް އީކުއިޓީ އިންވެސްޓަރުންނަށް ވިއްކާލަން ހުށަހެޅި އިންތިހާއަށް ކަންބޮޑުވުން ހުރި ހުށަހެޅުން އަނބުރާ ގެންދަން މަޖުބޫރުވުމާ ގުޅިގެން، ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ބޮޑު އިތުބާރެއް އޭނާއަށް ވަނީ ގެއްލިފައެވެ.
"ފީފާ ފޯވާޑް އެންޓަޕްރައިޒް" ގެ ނަމުގައި 20 ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދައިގެން ކުރިއަށްގެންދަން ރޭވި މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުން ޕްރައިވެޓް އިންވެސްޓްމަންޓް ހޯދައި، ކޮންމެ މެމްބަރު ގައުމަކަށް ފުޓްބޯޅަ ތަރައްގީކުރުމަށް ދޭ ފައިސާ 20 މިލިއަން ޑޮލަރަށް ދެގުނަ ކުރުމެވެ.
ނަމަވެސް، ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި ރޭވުމުގެ ޚަބަރު ތިލަވުމާއެކު، ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ (ޔުއެފާ) އާއި އެމެރިކާ ބައްރުގެ ފުޓްބޯޅަ އިދާރާ (ކޮންކާކަފް) އަދި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) ފަދަ ބައްރުތަކުގެ މައި އިދާރާތަކުން ވަނީ ވަގުތުން ދެކޮޅުހަދައި ނުރުހުން ފާޅުކޮށްފައެވެ.
އެ އިދާރާތަކުން އިންފަންޓީނޯއަށް ތުހުމަތުކުރީ ކުރު މުއްދަތެއްގެ މާލީ ފައިދާއަށްޓަކައި ފުޓްބޯޅައިގެ އެންމެ މުހިންމު ވަސީލަތްތަކާއި މުބާރާތްތަކުގެ ކޮންޓްރޯލް ވިއްކާލަން އުޅޭކަމަށެވެ. އަދި މި ހުށަހެޅުން މުޅިން ބާޠިލުނުކުރާނަމަ، ޔޫރަޕުގެ ގައުމުތަކުން ކުރިއަށް އޮތް ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރާނެކަމުގެ ވަރުގަދަ އިންޒާރެއް ވެސް ވަނީ ދީފައެވެ.
މި މައްސަލައިގެ ތެރެއިން އިންފަންޓީނޯގެ ބާރާއި ނުފޫޒަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެ، 2027 ވަނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރިޔާސީ އިންތިޚާބުގެ ކުރިން އޭނާގެ މަޤާމު ދިފާޢުކުރެވިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ފީފާގައި އިންފަންޓީނޯގެ އިސް އޮފިޝަލުން އިސްތިޢުފާ ދެއްވުމާއި، ދުނިޔޭގެ ނުފޫޒުގަދަ ލީގުތަކާއި ކުޅުންތެރިންގެ ޔޫނިއަންތަކާއި މެމްބަރު އެސޯސިއޭޝަންތަކުގެ ނުރުހުން ބޮޑުވުމާ ގުޅިގެން، އިންފަންޓީނޯ ވަނީ އެ ހުށަހެޅުން ރަސްމީކޮށް އަނބުރާ ގެންގޮސްފައެވެ.
ހުށަހެޅުން އަނބުރާ ގެންދިޔަ ނަމަވެސް، ޔުއެފާއިން އާންމުކޮށް ބުނެފައިވަނީ މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ އިތުބާރު އިންފަންޓީނޯއަށް މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ. އަދި ކަންކަން ނިންމުމުގައި ދެފުށް ފެންނާނެ ގޮތެއް ނެތުމުން އެކަން ކުށްވެރިކޮށް، ފީފާ ހިންގުމުގެ ނިޒާމު އަލުން މުރާޖަޢާކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ސިއްރު ޑީލާއި އެމެރިކާގެ ނުފޫޒު

އެމެރިކާގެ ރައީސް ޓްރަމްޕާއެކު ފީފާގެ ރައީސް އިންފަންޓީނޯ--
ދެހާސް ސޯޅަ ވަނަ އަހަރު ކޮރަޕްޝަނުގެ ވަޅުގަނޑުން ފީފާ ސަލާމަތްކޮށް، "ދެފުށް ފެންނަ" އިންސާފުވެރި އިދާރާއަކަށް ހަދައިދޭނެކަމުގެ ވަޢުދާއެކު ވެރިކަމަށް އައި ޖިއާނީ އިންފަންޓީނޯ، މިއަދު ވެއްޓިފައިވަނީ އޭނާގެ ދިހަ އަހަރުވީ ވެރިކަމުގައި ކުރިމަތިވި އެންމެ ބިރުވެރި އަނދަވަޅަށެވެ.
ވޯލްޑް ކަޕާއި ފީފާގެ މުހިންމު މުބާރާތްތަކުގެ 20 އިންސައްތަ ހިއްސާ ޕްރައިވެޓް އީކުއިޓީ އިންވެސްޓަރުންނަށް ވިއްކާލަން އޭނާ ރޭވި ސިއްރު ރޭވުން ފަޅާއެރުމާއެކު މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާ އޮތީ އޭނާއާ ދެކޮޅަށް ތެދުވެފައެވެ.
މި ހުށަހެޅުމުގެ ފަހަތުގައި އެމެރިކާގެ މާލީ އަދި ސިޔާސީ ވަރުގަދަ ނުފޫޒުތަކެއް ވާކަން ހާމަވުމުން ކަންބޮޑުވުންތައް އިތުރަށް ގޯސްވިއެވެ. ޖޭޕީ މޯގަން މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ޑީލުގެ މައިގަނޑު އިންވެސްޓަރަކަށް ހަމަޖައްސާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ޖޯޝުއާ ކުޝްނާގެ "ތުރައިވް އިޓާނަލް" ކުންފުންޏެވެ.
މެމްބަރު 211 ގައުމަށް ފުޓްބޯޅަ ތަރައްގީކުރަން ވަގުތުން 20 މިލިއަން ޑޮލަރުގެ މާލީ އެހީ ދޭނެކަމުގެ ދަންތުރައިގައި ޖައްސައިގެން، ކުއްލި ގޮތަކަށް ސީދާ އިންފަންޓީނޯ އަމިއްލައަށް ރޭވި މި "ސިއްރު ޑީލް" ފީފާ ކައުންސިލުގެ ބޭފުޅުންނަށް ވެސް އެނގުނީ މީޑިއާތަކުންނެވެ.
ދުނިޔޭގެ ފުޓްބޯޅައަށް ކުރާނެ ނޭދެވޭ އަސަރުތައް
މި ދޯހަޅި ހުށަހެޅުން ފީފާއިން އަނބުރާ ގެންދަން މަޖުބޫރުވީ، މުޅި ދުނިޔޭގެ ފުޓްބޯޅައިގެ ބައްރުތަކުން އެއްގަލަކަށް އަރައި އިންފަންޓީނޯއާ ދެކޮޅަށް ތެދުވުމުންނެވެ. މި ހުށަހެޅުން ތަންފީޒުވި ނަމަ ދުނިޔޭގެ ފުޓްބޯޅައަށް އަންނާނެ ނުރައްކާތެރި ބަދަލުތަކުގެ ތެރޭގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ވެއެވެ.
އެގޮތުން ފުޓްބޯޅައިގެ ކޮންޓްރޯލް ޕްރައިވެޓް އިންވެސްޓަރުންގެ އަތަށް ދިއުމަކީ ގާތްކަމެކެވެ. ފުޓްބޯޅައިގެ ތާރީޚީ މުބާރާތްތަކުގެ ނިންމުންތައް ނިންމުމުގެ ބާރު، ކުޅިވަރުގެ ރޫޙަށްވުރެ މާލީ ފައިދާއަށް އިސްކަންދޭ އަމިއްލަ ކުންފުނިތަކުގެ އަތްމައްޗަށް އޭރުން ދިއުމުގެ ފުރުޞަތު އޮންނާނެއެވެ.
ކުޅުންތެރިން ވަރުބަލިވެ، އަނިޔާގެ ނުރައްކާ ބޮޑުވުމަކީ ވެސް ގައުމުތަކާ ކުލަބުތަކުން އެންމެ ބޮޑަށް ވިސްނާ އެއް ކަމެވެ. ފައިސާ ހޯދުމުގެ ބޭނުމުގައި މުބާރާތްތައް ގިނަކޮށް، މެޗުތައް އިތުރުކުރުމުން ކުޅުންތެރިންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވުން އިތުރުވެދާނެކަމަށް ކުލަބުތަކުން ދެކެއެވެ.
އިންފަންޓީނޯއަށް އިތުބާރު އަނބުރާ ހޯދިދާނެތަ؟
ޔުއެފާއާއި ކޮންކާކަފްގެ އިތުރުން އޭއެފްސީން ވަނީ އިންފަންޓީނޯއަށް އޮތް އިތުބާރު މުޅިން ކަނޑާލާފައެވެ. ޔޫރަޕުގެ 55 ގައުމަކުން ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރާނެކަމުގެ އިންޒާރު ދިނުމާއި، އިންފަންޓީނޯގެ އަރިސް އިސް މުޝީރު ކާލޯސް ކޯޑޭރޯއާއި ސީއޯއޯ ކެވިން ލާމޫރު ފަދަ ބޭފުޅުން އިސްތިޢުފާ ދެއްވައި އާންމުކޮށް އޭނާއާ ދެކޮޅަށް ނުކުތުމަކީ އޭނާގެ ވެރިކަމުގެ ބިންގާ ގުޑައިގެން ދިޔަ ކަމެކެވެ.
ލަލީގާގެ ރައީސް ހާވިއާ ޓެބާސް ފަދަ ބޭފުޅުން ވަނީ އިންފަންޓީނޯ ވަގުތުން މަޤާމުން އިސްތިޢުފާ ދިނުމަށް ގޮވާލައްވާފައެވެ.
އަންނަ އަހަރުގެ މާޗް މަހު ބާއްވާ ފީފާގެ ރިޔާސީ އިންތިޚާބަށް އިންފަންޓީނޯ ކުރިމަތިލައްވާއިރު، މީގެ ކުރިން އޭނާއަށް އޮތް އޮޓޮމެޓިކް ތާއީދު މިހާރު ވަނީ ގެއްލިފައެވެ. ކުދި ގައުމުތަކަށް ފައިސާދީގެން ތާއީދު ހޯދަން އޭނާ މަސައްކަތް ކުރި ނަމަވެސް، ފުޓްބޯޅައިގެ މައި ދެ ބައްރު ކަމަށްވާ ޔޫރަޕާއި އެމެރިކާގެ އިދާރާތައް އޭނާއާ ދެކޮޅަށް އެކުވެފައިވުމުން، އޭނާއަށް އިތުބާރު އަނބުރާ ހޯދުމަކީ ދެން ނާދިރު ކަމެކެވެ.
ޖިއާނީ އިންފަންޓީނޯ ފީފާގެ ރިޔާސަތާ ހަވާލުވީ ކޮރަޕްޝަނުގެ އަމާޒަކަށްވެފައިވާ އިދާރާއަކަށް ސާފު، ދެފުށް ފެންނަ އިޞްލާޙީ ބަދަލުތަކެއް ގެނެސްދޭނެ މީހެއްގެ ގޮތުގައެވެ. ނަމަވެސް، ފުޓްބޯޅައިގެ ރޫޙާއި ސަގާފަތް އެމެރިކާގެ ޕްރައިވެޓް އިންވެސްޓަރުންގެ ފައިސާއަށް ވިއްކާލަން އޭނާ ކުރި ސިއްރު މަސައްކަތް ފަޅާއެރުމާއެކު، އޭނާގެ މޫނުމަތީގައި ވަނީ ފައިސާއަށް ފުޓްބޯޅަ ވިއްކާލަން އުޅުނު ވެރިއެއްގެ ސިއްކަ ޖެހިފައެވެ.
މިއަދު އިންފަންޓީނޯއަށް ކުރިމަތިވެފައިވަނީ ސިޔާސީގޮތުން އެކަހެރިވެ، ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ކުރިމަތީގައި އިތުބާރު ގެއްލުމުގެ ހިތި ޙަޤީޤަތެވެ. ހުށަހެޅުން އަނބުރާ ގެންދިޔަ ނަމަވެސް، ގެއްލުނު އިތުބާރެއް އަލުން އިޢާދައެއް ނުކުރެވޭނެއެވެ.
ދުނިޔޭގެ އެންމެ މަޤުބޫލު ކުޅިވަރުގެ އަމާނާތްތެރިޔާގެ ގޮތުގައި ހުރުމުގެ އަޚުލާޤީ ބާރު މުޅިން ގެއްލިފައިވާ އިރު، އިންފަންޓީނޯއަށް ދެން އޮތީ އަމިއްލައަށް އަބުރުވެރިކަމާއެކު މަޤާމުން ދުރުވުމެވެ؛ ނޫންނަމަ، ފުޓްބޯޅައިގެ ތާރީޚުގައި ފައިސާއަށްޓަކައި ކުޅިވަރުގެ ރޫޙު ގުރުބާންކުރި ނާކާމިޔާބު ލީޑަރެއްގެ ގޮތުގައި ތާރީޚުގެ ތެރެއިން އޮއްސިގެން ދިއުމެވެ.