މިހާރުގެ ޒުވާން ޖީލު ނުވަތަ ޖެންޒީގެ ކުދިންގެ ތެރެއިން ގިނަ ކުދިން ވަނީ ޖުވާގެ އަވައިގައި ޖެހިފައިކަމަށާއި، ޒުވާނުން އުފެއްދުންތެރި ބަޔަކަށް ހެދުމަށް ހިތާ ދެކޮޅަށް ނަމަވެސް، ޖުވާ ކުޅުން މަނާކުރަން ޖެހޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ޤާނޫނޫލްޢުޤޫބާތަށް ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ. މި އިސްލާހަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ޖުވާކުޅުމަކީ ދެވިހިފާ ކަމެއް ކަމަށާއި، އިސްލާމްދީނުގައި ޖުވާކުޅުން މަނާކޮށްފައިވަނީ އާއިލާތައް ރޫޅި، މީހުންގެ މުދާތައް ނުރައްކަލަށް ހުށަހެޅުން ފަދަ ކަންކަން ދިމާވާތީ ކަމަށެވެ.
ނަމަވެސް މިއަދު ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ޖުވާގެ އަވައިގައި ޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިހާރު ޖެންޒީއޭ މި ކިޔާ ޖީލުގެ ވަރަށް ގިނަ ކުދިން ވަނީ މިކަމުގައި (ޖުވާކުޅުމާއި ބެޓްކުރުމުގައި) ޖެހިފައި، އަޅުގަނޑުމެންނަށް [ބޭރު ލީގުތަކުގެ] ފުޓްބޯޅަ ޓީމުތަކުގެ ޖާޒީތަކުން ވެސް ފެންނަނީ ބެޓުކުރާ [ކުންފުނިތަކުގެ] އިޝްތިހާރުތައް،" ނާޒިމް ވިދާޅުވިއެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: ގައުމުގެ އިގުތިޞާދާއި އަންނަން އޮތް ޖީލުތައް ސަލާމަތްކުރަން މި މަސައްކަތްކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި -- ފޮޓޯ/ މަޖިލީސް
އޭނާ ވިދާޅުވިގޮތުގައި ބޭރުގެ ބައެއް ކުލަބުތަކުގެ ޖާޒީތަކުގައި ޖުވާކުޅުން އިޝްތިހާރުކުރަނީ ޒުވާނުން އެކަމުގެ ތެރެއަށް ވެއްދުމުގެ ގޮތުންނެވެ.
ޖުވާކުޅުމާއި ބެޓުކުރުން ފަދަ ކަންކަމުން ޒުވާނުން ދުރުކޮށް އުފެއްދުންތެރި ބަޔަކަށް ހެދުން މުހިންމުކަމަށާއި، ނަމަވެސް މި ޒަމާނަކީ ސޯޝަލް މީޑިއާއާއި އިންޓަނެޓުގެ ޒަމާނަށް ވުމުން އެކަމަކީ ފަސޭހަ މަސައްކަތަކަށް ނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ބެޓުކުރާ ގިނަ ވެބްސައިޓުތަކުގެ ސަބަބުން ރާއްޖޭން ޑޮލަރު ބޭރުވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ގައުމުގެ އިގުތިޞާދާއި އަންނަން އޮތް ޖީލުތައް ސަލާމަތްކުރަން މި މަސައްކަތްކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުން މި ގެެނެވޭ މަގުބޫލު ނޫން، ދަތި އުނދަގޫ ބަދަލުތަކުގެ ސަބަބުން މުޖުތަމައު އިސްލާޙުވަމުން ދާތަން ރަނގަޅުވަމުން ދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ،" 2007އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމާއި ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން ސަރުކާރުން ނިންމި ނިންމުމަށާއި، މިއަދު ހުށަހެޅި އިސްލާހަށް އިޝާރާތްކުރައްވައި ނާޒިމް ވިދާޅުވިއެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގާ މީހުން އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން ހުށަހެޅި އިސްލާހުގައިވަނީ ޖުވާއަކީ ކޮބައިކަމާއި ޖުވާގެ ގޮތުގައި ނުހިމެނޭ ކަންކަން ވެސް ހިމަނައިފައެވެ.
އިސްލާހުގައިވާ ގޮތުން، މުނިފޫހިފިލުވުން ނުވަތަ ކުޅިވަރުގެ ބޭނުމަށް އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެ، އެފަދަ މުބާރާތްތަކުގެ ބައިވެރިންނަށް ފައިސާ، ނުވަތަ އަގުހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި، އެއްވެސް އަގެއް ދިނުމަކާ ނުލާ މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ފައިސާ، ނުވަތަ އަގުހުރި އިނާމެއް ދިނުން ޖުވާ ކުޅުމުގެ ތެރޭ ނުހިމެނެއެވެ.
ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރި ވެސް ވަނީ ހިމަނައިފައެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްތައް ފަށްޓަވައިފައިވާ ކަމަށާއި، އެގޮތުން ޤާނޫނުލްޢުޤޫބާތު އިސްލާޙުކުރަން ސަރުކާރުން ބިލެއް ހުށަހެޅިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ.
ރާއްޖޭގައި ޖުވާކުޅުން، ޚާއްސަކޮށް އޮންލައިންކޮށް ގޭމްތަކުންނާއި އެހެނިހެން ގޮތްގޮތުން ޖުވާ ކުޅުން އިތުރުވެފައިވާތީ ފަަހަކަށް އައިސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އޭގެ ސަބަބުން މާލީ ގެއްލުންތައް ލިބެމުން ދިޔަ ނަމަވެސް މިހާތަނަށް ޖުވާ ކުޅުމަށް ގާނޫނުލްއުގޫބާތުގައި އަދަބެއް ކަނޑައަޅައިފައިނުވެއެވެ.