ޖުވާ ކުޅެގެން އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނަހެން އިސްލާހެއް

މެންބަރު އަޒާން: އަޒާން ވަނީ ޖުވާ ކުޅޭ މީހުން ހަތަރު އަހަރަށް ޖަލަށް ލެވޭ ގޮތް ހަދަން ޤާނޫނުލްޢުޤޫބާތަށް އިސްލާހެއް ހުށަހަޅުއްވައިފަ -- ފޮޓޯ/ މަޖިލިސް

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު، މާދަމާ ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަހަޅާނެއެވެ.

ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ހުށަހެޅުއްވި މި އިސްލާހުގައި ވަނީ ޖުވާއަކީ ކޮބައިކަމާއި ޖުވާގެ ގޮތުގައި ނުހިމެނޭ ކަންކަންވެސް ހިމަނައިފައެވެ.

އިސްލާހުގައިވާ ގޮތުން، މުނިފޫހިފިލުވުން ނުވަތަ ކުޅިވަރުގެ ބޭނުމަށް އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެ، އެފަދަ މުބާރާތްތަކުގެ ބައިވެރިންނަށް ފައިސާ، ނުވަތަ އަގުހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި، އެއްވެސް އަގެއް ދިނުމަކާ ނުލާ މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ފައިސާ، ނުވަތަ އަގުހުރި އިނާމެއް ދިނުން ޖުވާ ކުޅުމުގެ ތެރޭ ނުހިމެނެއެވެ.

ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރި ވެސް ވަނީ ހިމަނައިފައެވެ.

ޖުވާ ކުޅުމުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

https://sun.mv/215118

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްތައް ފަށްޓަވައިފައިވާ ކަމަށާއި، އެގޮތުން ޤާނޫނުލްޢުޤޫބާތު އިސްލާޙުކުރަން ސަރުކާރުން ބިލެއް ހުށަހެޅިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ.

ރާއްޖޭގައި ޖުވާކުޅުން، ޚާއްސަކޮށް އޮންލައިންކޮށް ގޭމްތަކުންނާއި އެހެނިހެން ގޮތްގޮތުން ޖުވާ ކުޅުން އިތުރުވެފައިވާތީ ފަަހަކަށް އައިސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އޭގެ ސަބަބުން މާލީ ގެއްލުންތައް ލިބެމުން ދިޔަ ނަމަވެސް މިހާތަނަށް ޖުވާ ކުޅުމަށް ގާނޫނުލްއުގޫބާތުގައި އަދަބެއް ކަނޑައަޅައިފައިނުވެއެވެ.

ޖުވާ ކުޅުން ހުއްޓުވުމަށް ޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި، ބެޓްކުރަން ބޭނުންކުރާ ސައިޓުތަކެއް ބްލޮކުކޮށްފައިވެއެވެ.

comment ކޮމެންޓް