ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފެހެއްޓި, ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ފައިސާ ލިބުނު ފަރާތްތަކުން ޖުވާ ކުޅެ ނަފާ ހޯދަން މަސައްކަތް ކުރުމުގެ ތެރޭގައި ފައިސާތަކެއް ވަނީ ގެއްލިފައި ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރު ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ޤާނޫނޫލްޢުޤޫބާތަށް ހުށަހެޅުއްވި އިސްލާހަށް މިއަދު ދައުރުން ބޭރުގައި ބާއްވާ މަޖިލީހުގެ ޖަލްސާގައި ވަނީ ބަހުސް ކޮށްފައެވެ.
އެ ބަހުސްގައި ނާޒިމް ވިދާޅުވީ، 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ފައިސާ ލިބުނު ފަރާތްތަކުން ޖުވާ ކުޅެ ފައިދާ ހޯދަން އުޅުމުން އެ ފައިސާ ގެއްލިފައިވާ ކަމަށެވެ.
"އެންމެ ބޮޑު ވައްކަމެއް ގޮތުގައި މި ފާހަގަކުރެވުނު ސިނގިރޭޓުގެ ވައްކަމުގެ ތެރޭގަވެސް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމުގެ ފައިސާ ލިބުނު ފަރާތްތަކުން ވަނީ އެ ފައިސާއަށް ބެޓުކޮށް، އަދި ޖުވާކުޅެ އޭގެން ނަފާ ހޯދަން މަސައްކަތްކޮށް އެ ހުރިހާ ފައިސާއެއް ގެއްލިފަ،" ނާޒިމް ވިދާޅުވިއެވެ.
އަދި އެ ފަރާތްތަކުން އެ ޖުވާ ކުޅެގެން ލިބުނު ފައިދާ އެ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްދޭންވެސް ވަކި ކުންފުނިތަކެއް ހަދައިފަ ޖުވާ ކުޅޭ މީހުން ހުރިކަންވެސް އެ ކަމުގެ ތެރެއިން އެނގިފައިވޭ،އަޙްމަދު ނާޒިމް - ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް
މިކަމުން ދޭހަވަނީ ރާއްޖޭގައި ޖުވާކުޅުމާއި ބެޓުކުރުން ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ކަން ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެ މީހުން ޖުވާ ކުޅެގެން ލިބުނު ފައިސާ ޖަމާކުރަން ބޭނުންކުރީ ދިވެހި ކުންފުނިތަކެއް ކަމަށް ތުހުމަތުކުރައްވައި ނާޒިމް ވިދާޅުވީ، ޖުވާކުޅޭ ފަރާތްތަކަށް ވާގިވެރިވާ ދިވެހި ކުންފުނިތަކެއްވެސް އެބަ ހިންގާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ބޭންކުތަކަށް އެ މުއާމަލާތްތައް ދެނެނުގަނެވޭ ވަރުގެ ކުދި އަދަދުތަކުން ކުންފުނިތަކުން ޖުވާ ކުޅޭ މީހުންނަށް ފައިސާ ޖަމާކުރަމުން ދިޔަ ކަމަށެވެ.
ސިނގިރޭޓްގެ ބޮޑު ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެއެވެ. ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވަނިކޮށް, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އެދިގެން ފަހުން ވަނީ އެ މީހުން މިނިވަން ކޮށްފައެވެ.
ނަމަވެސް އާއްޓޭ އާއި ދިގަލި ހިމެނޭހެން މި މައްސަލައިގައި ހިމެނޭ 10 މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިދިޔަ ޑިސެމްބަރު މަހު ވަނީ ފޮނުވައިފައެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގާ މީހުން އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން ހުށަހެޅި އިސްލާހުގައިވަނީ ޖުވާއަކީ ކޮބައިކަމާއި ޖުވާގެ ގޮތުގައި ނުހިމެނޭ ކަންކަންވެސް ހިމަނައިފައެވެ.
އިސްލާހުގައިވާ ގޮތުން، މުނިފޫހިފިލުވުން ނުވަތަ ކުޅިވަރުގެ ބޭނުމަށް އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެ، އެފަދަ މުބާރާތްތަކުގެ ބައިވެރިންނަށް ފައިސާ، ނުވަތަ އަގުހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި، އެއްވެސް އަގެއް ދިނުމަކާ ނުލާ މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ފައިސާ، ނުވަތަ އަގުހުރި އިނާމެއް ދިނުން ޖުވާ ކުޅުމުގެ ތެރޭ ނުހިމެނެއެވެ.
ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރި ވެސް ވަނީ ހިމަނައިފައެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްތައް ފަށްޓަވައިފައިވާ ކަމަށާއި، އެގޮތުން ޤާނޫނުލްޢުޤޫބާތު އިސްލާޙުކުރަން ސަރުކާރުން ބިލެއް ހުށަހެޅިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ.
ރާއްޖޭގައި ޖުވާކުޅުން، ޚާއްސަކޮށް އޮންލައިންކޮށް ގޭމްތަކުންނާއި އެހެނިހެން ގޮތްގޮތުން ޖުވާ ކުޅުން އިތުރުވެފައިވާތީ ފަަހަކަށް އައިސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އޭގެ ސަބަބުން މާލީ ގެއްލުންތައް ލިބެމުން ދިޔަ ނަމަވެސް މިހާތަނަށް ޖުވާ ކުޅުމަށް ގާނޫނުލްއުގޫބާތުގައި އަދަބެއް ކަނޑައަޅައިފައިނުވެއެވެ.