ދުނިޔެ ދުށް އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗު, އެލެކްސް ފާގަސަން, ލީޑާޝިޕާ ގުޅޭގޮތުން ލިޔުއްވި ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ދުވަހެއްގެ މަސައްކަތުގެ އާދައިގެ ކަންކަމުގައި ލީޑަރުން ހަރަކާތްތެރިވާކަށް ނުވާނެއެވެ. މިސާލަކަށް ދުވުމަށް ކުޅުންތެރިން ތަމްރީނު ކުރާއިރު އެކަމުގައި އޭނާ ބައިވެރިވެ, ގޮތް ކިޔުމުގެ ބަދަލުގައި ފާގަސަން އަމަލު ކުރެއްވި ގޮތަކީ, ކަންކަން ހިނގާގޮތް ބައްލަވައި, ބޮޑު މަންޒަރު ރޭވުމުގައި ވަގުތުތައް ހޭދަ ކުރެއްވުމެވެ. އޭގެ ނަތީޖާއަކަށްވީ މީހުން ރަނގަޅަށް ދަސްވުމާއި, ޓީމުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅު ކުރެވުމާއި, ޓީމަށް ރަނގަޅު އިރުޝާދެއް ދެއްވުމަށް ފުރުސަތު ފަހިވުމެވެ.
މެންޗެސްޓާ ޔުނައިޑެޓަށް ރަން ވަނަތައް ހޯދައި ދެއްވި, ފާގަސަންގެ ލީޑާޝިޕުން ފެނުނު އެންމެ ބޮޑު މަންޒަރަކީ ހަގީގީ ލީޑަރުންނަކީ ހުރިހާ ކަމެއް އޭނާ ކުރުމުގެ ބަދަލުގައި, ވިޝަންއެއް އޮވެގެން, މީހުންނަށް އިތުބާރުކޮށްގެން ކުރިއަށް ދާ މީހުންކަމެވެ. ލީޑަރުން އިސްކަން ދޭނީ ބޮޑު މަންޒަރަށް ކަމެވެ. ކުދިކުދި ކަންކަން ނުވަތަ "މައިކްރޯ މެނޭޖިން" އަށް ނޫން ކަމެވެ.
ދިވެހި ވެރިން ފަރާތުން ފެންނަނީ އެ މަންޒަރެއް ނޫން
ގައުމެއްގެ ލީޑަރުން ވެސް ވާން ޖެހޭނެ ގޮތަކީ އެއީއެވެ. ލީޑާޝިޕްގައި އެ ހަގީގަތް ފެނުނު ލީޑަރުން ލިބުނު ގައުމުތައް އިންތިހާއަށް ކުރިއެރިއިރު, ކުދިކުދި ކަންކަން މާބޮޑު ކަމަކަށް ހައްދަވަން އުޅުއްވި ލީޑަރުން ލިބުނު ގައުމުތަކަށް އެ ކުރިއެރުމެއް ނުގެނެވުނެވެ. މިސާލަކަށް ރާއްޖެއާއެކު މިނިވަންކަން ލިބުނު ސިންގަޕޫރަށް ބަލާށެވެ.
މިނިވަންކަން ލިބުނުއިރު ވަރަށް ނިކަމެތި ހާލަތެއްގައި އޮތް, އަދި ތެލާއި ގޭސްފަދަ, ގުދުރަތީ އެއްވެސް ވަސީލަތެއް ނެތް, ސިންގަޕޫރުގެ ނަސީބަކީ ޖަވާހިރެއްފަދަ ވެރިއަކު ލިބުމެވެ. އެ ގައުމުގެ އޭރުގެ ބޮޑުވަޒީރު ލީ ކުއާން ޔޫގެ ލީޑާޝިޕުގެ ދަށުން ފުރަތަމަ ދުވަހު ވެސް ގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ފެއްޓެވީ ދުރުމުސްތަގުބަލަށް ވިސްނަވައިގެން, ވަރުގަދަ ސިސްޓަމެއް ބިނާކުރައްވައިގެންނެވެ. އެގޮތުން ލީ, އެންމެ ފުރަތަމަ ވެސް އިސްކަން ދެއްވީ, ތައުލީމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި ރައްޔިތުންގެ އަހުލާގު ރަނގަޅު ކުރެއްވުމަށާއި ކޮރަޕްޝަން ނައްތާލެއްވުމަށެވެ. އެކަންކަމުން ހޯއްދެއްވި އިތުބާރާއެކު ދެން އަމާޒަކަށް ހެއްދެވީ ދުނިޔޭގެ ފެންވަރުގެ ފައިނޭންސް, ޓްރޭޑް, ލޮޖިސްޓިކް ހަބަކަށް އެ ގައުމު ބަދަލު ކުރައްވާށެވެ. ލީ އެކަންކަން ކާމިޔާބު ކުރެއްވީ އަމާޒެއް, މިސްރާބެއް އޮވެގެން, ބޮޑު މަންޒަރަށް ފޯކަސް ކުރައްވައިގެންނެވެ. އޭގެ ނަތީޖާއަކީ އެ ގައުމުގެ މިނިވަން ކަމަށް 60 އަހަރު ފުރުނުއިރު މިއަދު އެ ގައުމަކީ ދުނިޔޭގެ އެންމެ ތަރައްގީ ވެފައި އޮތް އެއް ގައުމަށް ވުމެވެ.

ދިވެހި ބައެއް ވެރިން ސިންގަޕޫރު ދަތުރުގެ ތެރެއިން: ސިޔާސީން އެންމެ ގިނައިން މިސާލު ޖައްސަވާ އަދި ގިނައިން ދަތުރު ކުރައްވާ އެއް ގައުމަކީ ސިންގަޕޫރު-- ސަން ގްރެފިކްސް: އަލީ އަލްތޯފް
އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގެ މިނިވަންކަމަށް ސިންގަޕޫރާއެކު 60 އަހަރު ފުރުނުއިރު މި ހަގީގަތް އޮތީ މި ގޮތަކަށް ނޫނެވެ. މިނިވަން ކަމަށް 60 އަހަރު ފުރުނުއިރު އެތައް ލީޑަރުންނެއް ވެރިކަން ކުރައްވައިފިއެވެ. އަދި މި މިނިވަންކަމުގެ ދެބައިކުޅަ އެއްބައި ވެރިކަން ކުރެއްވީ އެންމެ ބޭފުޅެކެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނުގެ ދިގު ވެރިކަމުގައި ގައުމު ތަރައްގީ ކުރައްވަން ރަނުގެ ފުރުސަތުތަކެއް ލިބިވަޑައިގަތެވެ. އެއީ ސިޔާސީ ހަމަ ޖެހުމާއި ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތެވެ. އެ ވެރިކަމުގައި ވެސް އަދި ފަހުން މި އައި ވެރިކަންތަކުގައި ވެސް ރާއްޖެއަށް ތަރައްގީތަކެއް ނާންނަނީއެއް ނޫނެވެ. ތަރައްގީ ގެންނެވިއެވެ. އަދި މިހާރުވެސް އެބަ ގެންނަވައެވެ. ނަމަވެސް އެންމެ އެކަށީގެންވާ ތަރައްގީއެއް, ތަހުޒީބެއް ނުގެނެވެއެވެ. ގެނެވޭނެ މަންޒަރެއް ވެސް ނުފެނެއެވެ.
މިއީ 2026އެވެ. ދިވެހީންގެ އާބާދީ އަދި ހަތަރު ލައްކައަށް ނާރައެވެ. މިއީ ދުނިޔޭގެ ނިސްބަތުގެ ގައުމެއްގެ ކުޑަ އަވަށަކަށް ވުރެ ވެސް މާ ކުޑަކުޑަ އާބާދީއެކެވެ. އަދި ދިވެހީންގެ ނަސީބު ކަމަށްވާ ޓޫރިޒަމްގެ ސަބަބުން މި ރާއްޖެއަށް ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ އެބަ ލިބެއެވެ. ނަމަވެސް އެހެން ގައުމުތަކުން ޖައްވަށްދާއިރު މިއޮއް ކުޑަކުޑަ އާބާދީ އޮތް މި ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް އަސާސީ ޚިދުމަތްތައް ނުލިބެއެވެ. އެކަށީގެންވާ ބޯހިޔާވަހިކަމާއި މޮޅު ތައުލީމާއި ރަނގަޅު ސިއްހީ ޚިދުމަތެއް މި ގައުމުގައެއް ނެތެވެ. ރަނގަޅު ޚިދުމަތެއް ހޯދަން ވެއްޖެނަމަ ފުރައިގެން ބޭރަށް ދިއުން ނޫން ގޮތެއް ނެތެވެ. މިއީ ވެރިންގެ އިހުމާލު ނޫން އެހެން ކަމެއް ނޫނެވެ.
އަދިވެސް ގޯސް ތަކުރާރު ކުރައްވަނީ؟
މި ހަގީގަތް މިހެން އޮއްވައި ރާއްޖޭގެ މިއަދުގެ ވެރިންގެ ފަރާތުން ވެސް ފެންނަނީ ކުރިން ހެއްދެވި ގޯސް ތަކުރާރު ކުރައްވަމުން އަންނަ މަންޒަރެވެ. އަސްލު ކުރަންވީ ކަންކަން ނުކުރައްވައި, ކުދިކުދި ކަންކަން މާ ބޮޑު ކަމަކަށް ހައްދަވައިގެން އެކަމާ އުޅުއްވާ މަންޒަރެވެ. ވަގުތާއި ހަކަތަ އެކަންކަމަށް ހުސްކޮށްލައްވާ މަންޒަރެވެ.
ހަމަ މިސާލެއްގެ ގޮތުން ކިޔަވާ ކުދިންގެ ޔުނީފޯމް ކޯޑަށާއި ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމުގެ އުސޫލަށް މި ގެނައި ބަދަލުތަކަށް ބައްލަވާށެވެ. އެކަންކަން ގޯސް ކުރަނީއެއް ނޫނެވެ. އެއީ ކުރަން ޖެހޭ, އަދި ގެންނަން ޖެހޭ ބަދަލެއްނަމަ ގެނައުމަކުން އެއްވެސް ގޯހެއް ނެތެވެ. ނަމަވެސް ސުވާލަކީ މިއީ ހަގީގަތުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރައާއި ހިމާޔަތް ހޯއްދަވައިގެން ތިއްބެވި, ގައުމުގެ އެންމެ އިސް ބޭބޭފުޅުންގެ ފެންވަރުގައި އުޅެންވީ ކަންތައްތައް ތޯއެވެ؟ އެ އިދާރީ ބަދަލުތަކަކީ އެކަން ކުރަން ތިއްބަވާ މުވައްޒަފުންގެ ލެވަލްގައި ކޮށް ނިންމައި ތަންފީޒު ކުރެވޭނެ ކަންކަމެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ ފެންވަރުގައި ފޯކަސް ކުރައްވަން ވާނީ އެއަށް ވުރެން މުހިންމު މައްސަލަތައް ހައްލު ކުރެއްވުމަށެވެ.

އިމިގްރޭޝަންގެ ވަޒީފާއަށް ދަމާލާފައި އޮތް ބޮޑު ކިއު: ގިނަ ޒުވާނުން އުޅެނީ 'ފޫހި' ވަޒީފާއެއްގައި --- ފޮޓޯ/ އިމިގްރޭޝަން
ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަހަރަކު ފަސް ބިލިއަނަށް ވުރެން ގިނަ ރުފިޔާ ހޭދަކުރާއިރު, އޭގެ އެންމެ ރަނގަޅު ނަތީޖާ ނެރެވޭތޯ ނުވަތަ ނޫންތޯ މިއީ ބަހުސެއް ނޫނެވެ. ޖަވާބަކީ ނުނެރެވެއެވެ. ގައުމުގެ މަސައްކަތު މާހައުލަށް ބޭނުންވާ މަސައްކަތު އަހުލާގު ހުރި މުވައްޒަފުން އުފެއްދޭ ނިސްބަތް ނިސްބަތުން ވަރަށް މަދެވެ. ޓެސްޓު ނަތީޖާ މޮޅަސް, މައްސަލަ ހައްލު ކުރަން އެނގޭ ސިކުނޑިތައް އާބާދީގެ ނިސްބަތުން މަދެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ ވާހަކައަށް ބަލާއިރު މިހެން ދިމާވާ އެއް ސަބަބަކީ ހަމައެކަނި ޓެސްޓުން ރަނގަޅު ނަތީޖާއެއް ހޯދަން މުޅި ތައުލީމީ ނިޒާމު ބައްޓަން ވެފައި އޮތުމެވެ. ކިޔަވައިދެވޭ އެއްޗެއްސާއި ޒަމާނާ ގުޅުން ކުޑަވުމެވެ. މިހެން ގޮސް އެތައް ކަމެވެ.
ގައުމުގެ ކުރިއެރުން ބިނާވާނީ އެ ގައުމެއްގެ ތައުލީމީ ސިކުނޑިތަކާ ކަމަށްވާއިރު މިއީ އެންމެ އިސްކަން ދީގެން އިސްލާހު ކުރަން ޖެހޭ ކަންކަމެވެ. ނަމަވެސް ސަރުކާރަކަށް ފަހު ސަރުކާރެއް, އެޑިއުކޭޝަން މިނިސްޓަރަކަށް ފަހު, މިނިސްޓަރެއް ބަދަލުވާއިރު މި މުހިންމު ބަދަލު ގެނައުމަށް ރެއާއި ދުވާލު ކުރަން ޖެހޭ މަސައްކަތް ކުރައްވާ މަންޒަރެއް ނުފެނެއެވެ. އެއަށް ވުރެން ބޮޑަށް ފެންނަނީ ދިރާސީ އާ އަހަރު ފަށާނެ ދުވަހަކާއި ޔުނީފޯމް ބަދަލު ކުރާނެ ގޮތަކާމެދު ބުރަކޮށް އުޅުއްވާ މަންޒަރެވެ.
ދައުލަތުގެ ވޯކްފޯސް ނުވަތަ ސިވިލް ސާވިސްގެ ހާލަތު ވެސް ހަމައެގޮތެވެ. ސިވިލް ސާވިސް މުވައްޒަފުންގެ އަދަދަކީ 30436 އެކެވެ. އެހެންކަމުން ގާތްގަނޑަކަށް ކޮންމެ 12 ދިވެއްސަކަށް ސިވިލް ސާވިސް މުވައްޒަފެއް އެބަހުއްޓެވެ. މި ހުރިހާ މުވައްޒަފުންނަށް ދައުލަތުގެ ބަޖެޓުން އަހަރަކު 14 ބިލިއަނެއްހާ ރުފިޔާ ހޭދަ ކުރެއެވެ. ނަމަވެސް ސުވާލަކީ އެކަށީގެންވާ ޚިދުމަތެއް ލިބޭތޯއެވެ؟ އޮފީހަކަށް ގުޅީމަ ފޯނު ނަގާތޯއެވެ؟ ސިޓީއެއް ލުމުން ޖަވާބު ލިބޭތޯއެވެ؟ ހަގީގަތަކީ އަދިވެސް ސިވިލް ސާވިސް ހިންގަމުން އަންނަނީ އެންމެ އެކަށީގެންވާ ނަތީޖާ ނެރެވޭ ގޮތަކަށް ނޫނެވެ. ޕްރޮޑަކްޓިވިޓީ ދަށެވެ.
މި ހަގީގަތް މިހެން އޮތްއިރު ހުރިހާ ކަމަކަށް ވުރެން އިސްކަން ދޭންވީ ސިވިލް ސާވިސް އެފެޝިއެންޓް ކުރެވޭނެ ގޮތަކަށެވެ. ރަނގަޅު މަސައްކަތު މާހައުލެއް އުފައްދައި ނަތީޖާ ނެރެވޭނެ, އަދި އަވަސް ޚިދުމަތެއް ދެވޭނެ ނިޒާމެއް ގާއިމު ކުރުމަށެވެ. ނޫނީ ކޮންމެ އަހަރަކު މި ހޭދަ ކުރާ 14 ބިލިއަން ރުފިޔާ މި ވަނީ އިސްރާފަކަށެވެ. ނަމަވެސް މި މުހިންމު ބަދަލު ނުގެނެވެއެވެ. އޭގެ ބަދަލުގައި އަދިވެސް މި އުޅެވެނީ އެހެން ކުދިކުދި ކަންކަމާ މާ ބުރަކޮށެވެ.
މުޅި ދައުލަތުގެ ތެރޭގައި ކޮރަޕްޝަން މި އޮތީ ސަލާމަތް ނުވާ ވަރަށެވެ. އެ މީހަކު ޖެހުނު ތާކުން ކަނީއެވެ. ހިޔާނާތުން ގެއްލޭ ފައިސާ ގިނަ ފަހަރަށް ނުހޯދޭތަނުގައި ގިނަ މީހުންނަށް އަދަބެއް ވެސް ނުދެވެއެވެ. ރާއްޖޭގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ އެއީއެވެ. ނަމަވެސް މިކަން ހައްލު ކުރަން ވެސް އަސްލު ކުރަންވީ ވަރާ ގާތަށް ވެސް މަސައްކަތެއް ނުކުރެވެއެވެ.
ރާއްޖެއަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް މުހިންމެވެ. އިތުރު އިންޑަސްޓްރީތައް އަންނަން ޖެހެއެވެ. އަދި ޓޫރިޒަމް ވެސް އިތުރަށް ފުޅާ ކުރަން ފޯކަސް ކުރަން ޖެހެއެވެ. އާމްދަނީ އިތުރުނުކޮށް ކުރިއެރޭކަށް ނެތެވެ. ނަމަވެސް މިކަންކަމަށް ވެރިންގެ ފޯކަސް ފެންނަނީ މަދު ފަހަރެއްގައެވެ. އޭގެ ބަދަލުގައި ގިނައިން އުޅުއްވަނީ ދަނޑުބޭރުން ކޮންމެވެސް ކަމަކާއެވެ. އެހެން އުޅުއްވަ އުޅުއްވާ ހުއްޓައި 90 މިނެޓް ހަމަވަނީއެވެ. ނޫނީ ދައުރު ހަމަވަނީއެވެ.
މޮރިޝަސްގެ ލަޒްގަރީ ހޮޓެލް ޗެއިނެއް ކަމަށްވާ ލަކްސްގެ ރީޖަނަލް ޑިރެކްޓާ އޮފް އެޗްއާރް އެންޑް ޓްރެއިނިންގެ މަގާމުގައި ހުންނެވި، އަދި މަޝްހޫރު މޯޓިވޭޝަން ސްޕީކާ ހުސެއިން އަފީފް ވިދާޅުވިގޮތުގައި ދުނިޔޭގެ ތަރައްގީވެފައިވާ އަދި ބާރު ސްޕީޑުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލީޑަރުން ކަންކަން ކުރައްވަނީ ދުނިޔެއަށް ދެން އަންނާނެ ބަދަލުތަކަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ނަމަވެސް ރާއްޖޭން ފެންނަނީ އޭގެ އިދިކޮޅު މަންޒަރު ނުވަތަ ކުރު މުއްދަތަކަށް ކަންކަން ކުރައްވާ މަންޒަރު ކަމަށް އަފީފް ވިދާޅުވިއެވެ.
"ރާއްޖޭގައި މި ވާގޮތަކީ ލޯންގްޓާމަށް ވިސްނުމެއް ނުހުރޭ. ހުރިހާ ކަމެއް ޝޯޓްޓާމަށް މި ކުރަނީ. އެހެންވީމަ ކަންނޭނގެ ތާކުންތާކު ނުޖެހޭ ޕޮލިސީސްތަކައިގެން އަބަދު އުޅެން މި ޖެހެނީ. މިސާލަކަށް ސްކޫލުތަކުގެ ޝެޑިއުލް ބަދަލުކޮށްފާނެ ނުވަތަ, އަނެއްހެން ބަލާއިރު މި ޒަމާނުގައި ފޯކަސް ކުރަން ނުޖެހޭ ކަންކަމައިގެން އުޅުން," އަފީފް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ކީނޯޓު ސްޕީކާ އަދި އެގްޒެކެޓިވް ކޯޗު އަފީފް ހުސެއިން-- ފޮޓޯ:
ރާއްޖޭގެ ލީޑަރުންގެ ފުށުން ފެންނަ އަނެއް މައްސަލައަކަށް އަފީފް ފާހަގަ ކުރެއްވީ ވެރިކަމުގެ ދައުރު ނިންމާފައި ވަޑައިގަންނަވާއިރު ގައުމު އޮތް ހާލަތުން ރަނގަޅު ހާލަތަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ނުކުރެއްވުމެވެ. ނުވަތަ އެކަން ކުރައްވަން އެނގިވަޑައިނުގަތުމެވެ.
"މިސާލަކަށް ސްޓްރެޓިޖިކް ވިސްނުން އެނގޭ މީހަކު ގޮސްފައި ކިތަންމެ ވަރަކަށް ސްޓްރެޓިޖިކް ވިސްނުން ނޭނގޭ ބަޔަކަށް ކިޔައި ދިނަސް އެ މީހުންނަށް އެ ވިސްނުމުން ވިސްނައި ގަނެވޭނީ އެ މީހުންގެ ވިސްނުން ހުރި ވަރަކުން. ވަރަށް މޮޅު ފާމަކުން ކިތަންމެ މޮޅު ޑިވެލޮޕްމެންޓް ޕްލޭނެއް ހަދާފައި ދިނަސް އޭތި އިމްޕްލިމަންޓް ކުރަން އެނގޭނީ އެކަން ކުރަން އެނގޭ ބަޔަކަށް." އަފީފް ވިދާޅުވިއެވެ.
"މިސާލަކަށް ބަލާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް. އޭގެ މަފްހޫމު މުޅިން ގެއްލިފައި މި އޮތީ. މީގެން މި އެނގެނީ ވެރިންނަށް ކަންކަން ކުރަން ނޭނގޭކަށް. ހަވާލުވެ ތިއްބެވި ބޭފުޅުންނަށް ދުނިޔެ ތަރައްގީވެ ބަދަލު ވެފައިވާ ގޮތް ނޭނގޭކަން."
ރައްޔިތުން ބޭނުންވަނީ ލިބޭ އާމްދަނީ އާއި ޚަރަދު ދެކޮޅު ޖެހޭ ފަދަ ދިރިއުޅުމެއްގައި ދިރިއުޅެން ކަމަށްވާއިރު މިފަދަ ކަންކަން ހަގީގަތުގައި ހައްލު ކުރަން ރާއްޖޭގެ ލީޑަރުން މަސައްކަތް ނުކުރައްވާ ކަމަށް އަފީފް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނަށް މާ ވަގުތުވާނަމަ އެއީ ގޯހެކެވެ. ކުދިކުދި ހަފްލާތަކާއި ކުދިކުދި މަޝްރޫއުތައް ފެއްޓެވުމާއި ސޯޝަލް މީޑިއާގައި އާއްމުންގެ ހިޔާލު ހޯއްދަވަން އުޅުއްވުމަށް ވުރެން ބޮޑު މަންޒަރަށް އެ ބޭފުޅުން ފޯކަސް ކުރައްވަން ޖެހެއެވެ.
އިއްޔެ ވެސް މިއަދު ވެސް ރާއްޖޭގެ ވެރިން ހެއްދެވި, އަދި ހައްދަވާ އެންމެ ބޮޑު ގޯހަކީ ދުރުމުސްތަގުބަލަށް ވިސްނައި, ކުރައްވަން ޖެހޭ ކަންކަން ކުރެއްވުމުގެ ބަދަލުގައި ކުދިކުދި ކަންކަމާ މާ ބޮޑަށް އުޅުއްވުމެވެ. ގިނަ ފަހަރަށް އެކަންކަން އެ ގޮތަށް ކުރައްވަނީ ސިޔާސީ މަންފާއަށްޓަކައެވެ. ދީނާއި އިސްތިގުލާލުގެ ނަމުގައި ސިޔާސީ މަންފާ ހޯދުމަށެވެ. ނަމަވެސް ހަގީގަތުގައި ގައުމެއް ތަރައްގީ ކުރަން ބޭނުންނަމަ ދުރުމުސްތަގުބަލަށް ވިސްނައިގެން ބޮޑެތި ކަންކަމާ އުޅުއްވަން ޖެހެއެވެ. އެ މަންޒަރެއް އިއްޔެ ނުފެނުނުތާ މިއަދަކު ވެސް ނުފެނެއެވެ. ފާގަސަން އެ ވިދާޅުވާ ލީޑާޝިޕެއް ނުފެނެއެވެ. އެއަށް ވުރެން ބުރަކޮށް އުޅުއްވަނީ ކުދިކުދި ކަންކަމާއެވެ.