ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް، މާލެ ސަރަހައްދާއި، ކުޅުދުއްފުށި ސިޓީގައި ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކޮށް، ހެޔޮ އަގުގައި މުދާ ރައްކާކޮށް، ގުދަންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވައި، ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެކަންކަން ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްޙޫރިއްޔާ ނިންމާފައިވާ ކަމަށެވެ.
އެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ރައީސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު މި މަހުގެ 17 ވަނަ ދުވަހު ބޭއްވެވި ބައްދަލުވުމުގައި، ވިޔަފާރިވެރިން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މާލެ ސަރަހައްދާއި، ކުޅުދުއްފުށި ސިޓީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް، ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކޮށް، ހެޔޮ އަގުގައި މުދާ ރައްކާކޮށް، ގުދަންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެކަން ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކަމާ ގުޅުންހުރި އެންމެހާ ފަރާތްތައް ހިމެނޭ ގޮތުން ތަފްސީލުތައް ހާމަކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މުދާ ކްލިއާ ކުރުން މިހާރަށްވުރެ އަވަސްކުރުމާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ މުދާ އުފުލާ އުޅަނދުފަހަރުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އެކަންކަން އެ މިނިސްޓްރީން ގާތުން ބަލަމުން ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ރައީސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން، ދިވެހީންނާއި ވޯކް ޕާމިޓް ހޯލްޑަރުން ބޭތިއްބުމަށް ޚާއްސަކޮށްގެން ހިންގާ ކޮޓަރި ކުއްޔަށްދޭ ވިޔަފާރިތައް ރަޖިސްޓްރީކޮށް، ކޯޓާ ލިބުމުގައި ދިމާވާ ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް، ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަރަށް ގިނަ ވިޔަފާރިވެރިން ވަނީ ހައްލުނުކުރެވި ހުރި ބައިވަރު ކަންތައްތަކެއް ހިއްސާކޮށްފައެވެ.
ގިނަ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމެވެ. އޭގެ ތެރޭގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް ވެސް ހިމެނެއެވެ. އެ ވިޔަފާރިވެރިން ވަނީ ލިބެންޖެހޭ ފައިސާއާއި އެ ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކުހާ ލާޖައްސައިގެން ނަމަވެސް އެ މައްސަލަ ހައްލުކޮށްދޭން އެދިފައެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދަރާފައި އޮތް ސީދާ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
އެކަމަކު، އެ ފައިސާ އަންނަ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. އެއީ، އެ ފައިސާ ދައްކަން ސަރުކާރުން ދިން ތިންވަނަ ތާރީޚެވެ. މީގެ ކުރިން މިދިޔަ ރޯދައިގެ ކުރިން އެ ފައިސާ ދައްކާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެކަމަކު، އަދިވެސް އެ ފައިސާ ދެއްކިފައެއް ނުވެއެވެ.