ކުރިއަށް އޮތް ދެ އަހަރު ދުވަހު ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް މިފަދައިން ހާމަކުރައްވާފައިވަނީ ކުރިއަށް އޮތް ދެ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ އިނާޔަތްތަކެއް ދެއްވާނެ ކަމަށް ރައީސް ނިންމަވާފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް އޮފީހުގައި ބުރާސްފަތި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަޢީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދޭން ވަޒީރުން ނިންމެވީ ބުދަ ދުވަހު ކަމަށެވެ. އެކަމަކު، އޭގެ އިތުރު ތަފްސީލެއް އެދުވަހު އޭނާ ހިއްސާނުކުރައްވައެވެ.
މިއަދު 'އެކްސް'ގައި ރައީސް ކުރެއްވި ޕޯސްޓެއްގައިވަނީ، މި މަހުގެ 17ވަނަ ދުވަހު ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އަދި އެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކޮށް ގިނަ ކަންކަން ނިންމާފައިވާ ކަމަށެވެ.
"މިގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިއުލާނުކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ ދެ އަހަރު ގޮތުގައި ވަނީ ކަނޑައަޅާފައި،" އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.
މީގެ ތެރެއިން ބައެއް ކަންކަން މި ފެށޭ 2026ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށް ރައީސް ލިޔުއްވި ނަމަވެސް، އެ ކަންކަމުގެ ތަފުސީލެއް ހިއްސާ ނުކުރައްވައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގިނަ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމެވެ. އޭގެ ތެރޭގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް ވެސް ހިމެނެއެވެ. އެ ވިޔަފާރިވެރިން ވަނީ ލިބެންޖެހޭ ފައިސާއާއި އެ ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކުހާ ލާޖައްސައިގެން ނަމަވެސް އެ މައްސަލަ ހައްލުކޮށްދޭން އެދިފައެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދަރާފައި އޮތް ސީދާ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
އެކަމަކު، އެ ފައިސާ އަންނަ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. އެއީ، އެ ފައިސާ ދައްކަން ސަރުކާރުން ދިން ތިންވަނަ ތާރީޚެވެ. މީގެ ކުރިން މިދިޔަ ރޯދައިގެ ކުރިން އެ ފައިސާ ދައްކާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެކަމަކު، އަދިވެސް އެ ފައިސާ ދެއްކިފައެއް ނުވެއެވެ.