މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރުއެޅި ސަރަހައްދުގައި ފެންބޮޑުވަނީ އެ ސަރަހައްދުގައި ފެންހިންދަން ބޭނުންކުރާނެ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ނުނިމޭތީ ކަމަށް ބޭރު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިރޭ ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގުގައި ރައީސް އޮފީހާއި ފެރީ ޓާމިނަލާ ދެމެދު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އާންމު ދަތުރުފަތުރަށް ހުޅުވާލީ މިދިޔަ ހުކުރު ދުވަހެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުޅަނގު މޫސުމުގެ ވިއްސާރަކޮށް، މާލެއަށް ވެސް ބައެެއް ގަޑިތަކުގައި ވަރަށް ބޮޑަށް ވާރޭ ވެހެއެވެ. އެގޮތުން މިއަދު ވާރޭ ވެހުނު ގަޑީގައި، ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދުގައި ފެން ބޮޑުވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ބައެއް މީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެމްޓީސީސީއިން އެކަމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނުގައި ވަނީ، ބޮޑުތަކުރުފާނު މަގު އާންމު ދަތުރުފަތުރަށް ހުޅުވާލިއިރު ފުރިހަމަކުރަންޖެހޭ މަސައްކަތްތަކެއް ކުރަމުންދާކަން އެ ކުންފުނިން ކުރިން ވެސް އަންގައިފައިވާނެ ކަމަށް ބުނެފައެވެ. އެގޮތުން މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕު ސްޓޭޝަންގެ މަސައްކަތް މިހާތަނަށް ފުރިހަމަނުކުރެވޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ އެ ތިން ޕަމްޕް ސްޓޭޝަން ބަހައްޓައި، ޓެސްޓުކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މުއްދަތުގައި މާލެއަށް ކުރާ މޫސުމީ ވިއްސާރައާ ގުޅިގެން އެ ސަރަހައްދުގައި ފެން ބޮޑުވާނަމަ، ފެން ހިންދުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގައެވެ.
ފެން ހިންދާ ނިޒާމު ހަރުކުރުން ހިމެނޭ ގޮތަށް، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.