ކުރިއަށް އޮތް ދެ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދޭން އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ކަމަށްވާ 2026، 2027 އަކީ ކުދި ވިޔަފާރިތަކަށް ޚާއްސަ އިނާޔަތްތަކެއް ދެއްވާނެ ދެ އަހަރުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެކަމަކު، އެ އިނާޔަތްތަކުގެ ތަފުސީލު ހިއްސާކުރައްވާފައެއް ނުވެއެވެ.
ސައީދު ވިދާޅުވީ، އެ ލުއިތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ފަރާތުން ފާހަގަކުރެއްވި ގިނަ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށެވެ. އެހެންވެ، އެއީ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓަރު ސައީދު: ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދޭން ވަނީ ނިންމާފައި -- ފޮޓޯ/ ރައީސް އޮފީސް
"ވިޔަފާރިއަކާ ގުޅުން ހުންނާނެ ހުރިހާ ދާއިރާއެއްގެ އެކި ފަރާތްތަކާ ވާހަކަދައްކައިގެން ކަންތައްތައް މި ދެންނެވި ވިޔަފާރިތަކުން ގެނައި މައްސަލަތަކާއި އޭގެ އިތުރަށް ސަރުކާރުން އިސްވެކުރާ ކަންތައްތައް ވެސް އެޑްރެސްކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއީ ކުދި ވިޔަފާރިތަކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މީގެ އިތުރުން ނޮވެންބަރު 17، 2023 ގައި ވެރިކަމާ ހަވާލުވި ފަހުން މި ސަރުކާރުން 595 ކުދި ވިޔަފާރިވެރިންނަށް 349 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކޮށްފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އެއީ، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ދޫކޮށްފައިވާ ލޯނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގިނަ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމެވެ. އޭގެ ތެރޭގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް ވެސް ހިމެނެއެވެ. އެ ވިޔަފާރިވެރިން ވަނީ ލިބެންޖެހޭ ފައިސާއާއި އެ ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކުހާ ލާޖައްސައިގެން ނަމަވެސް އެ މައްސަލަ ހައްލުކޮށްދޭން އެދިފައެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދަރާފައި އޮތް ސީދާ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
އެކަމަކު، އެ ފައިސާ އަންނަ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. އެއީ، އެ ފައިސާ ދައްކަން ސަރުކާރުން ދިން ތިންވަނަ ތާރީޚެވެ. މީގެ ކުރިން މިދިޔަ ރޯދައިގެ ކުރިން އެ ފައިސާ ދައްކާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެކަމަކު، އަދިވެސް އެ ފައިސާ ދެއްކިފައެއް ނުވެއެވެ.