މާލޭގެ ތިން ތަނެއް ބަލައި ފާސްކޮށް, 133 ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަޔްވާ އުމުރުން 27 އަހަރުގެ މަމްނޫރް ރަހްމާނާއި އިންޑިއާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އޮމެތަރަން ކަންދަސަމީ ކަމަށެވެ.
ފުލުހުން ބުނީ އަންގާރަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކޮށް، މާލޭން އެ މީހުންނާ ގުޅުންހުރި ތިން ތަނެއް ބަލައިފާސްކުރިއިރު 133 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އެ ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ބަނގުރަލުގެ މައްސަލަތަކަކީ މިހާރު މާލެ ސަރަހައްދުގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. މީގެ ދެދުވަސް ކުރިންވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލޭން ދެ ބިދޭސީއަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ މާލޭގެ މަގުމަތިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިންނެވެ. އެގޮތުން އެ މީހުންގެ އަތުގައި ހުރި ތަކެއްޗާއި ދުއްވި ސައިކަލުގެ އިތުރުން އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ޖުމްލަ 17 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރީގައި ބިދޭސީންގެ ބައިވެރިވުން ބޮޑުކަން މި ފަހަކަށް އައިސް ވަނީ ފާހަގަކުރެވިފައެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ކުށްތަކަށް އަރައިގަންނަ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.