ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ސަލާމަތްކޮށްފި، މީހަކަށް އަނިޔާއެއް ނުވޭ

ވ. އަތޮޅު ކައިރީ އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، އަނދަނީ: ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ސަލާމަތްކޮށްފި -- ފޮޓޯ/ އެމްއެންޑީއެފް

މިރޭ އަލިފާން ރޯވި ވ. އަތޮޅު ކުޑައަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

'ސަން' އަށް މައުލޫމާތުދެމުން ފުލުހުން ބުނީ ވ. އަތޮޅު ކުޑަ އަންބަރާ ދިމާލުން ތިން މޭލު ބޭރުގައި އޮތް "ޔަސާވާ ޕްރިންސެސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:54 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި އަށް ފަޅުވެރިންނެވެ. އަދި ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނުންނާއި 12 އަންހެނުން ކަމަށް ފުލުހުން ބުންޏެވެ. އަދި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ފަސް ބަންގްލަދޭޝް ފިރިހެނުންގެ އިތުރުން ޖަރުމަނު ރައްޔިތެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

https://sun.mv/215799

ހަމައެއާއެކު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

'ސަން'އަށް މައުލުމާތު ދެއްވައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަދިވެސް އަލިފާންގަނޑު ނުނިވޭ ކަމަށާއި، ސަފާރީ މިހާރު އޮތީ ވަރަށް ބޮޑަށް އަނދާފައި ކަމަށެވެ.

ނަމަވެސް ސަފާރީއިން ސަލާމަތްކުރި އެއްވެސް މީހަކަށް އެއްވެސް ގެއްލުމޭ ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަކަށް ސާފެއް ނޫނެވެ.

comment ކޮމެންޓް