އެތެރެއިން: ޔާމީނަށް 'އެޓެންޝަން'، ދެން އޮތީ 'ޑިޓެންޝަން'؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: މި ވަގުތު އެންމެ ބޮޑު ސިޔާސީ 'އެޓެންޝަން'އެއް ލިބިވަޑައިގަންނަވަނީ އެ މަނިކުފާނަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"އޭރު ޖަލުގައި އޮތްއިރު ވެސް އަނބިދަރިން ކައިގެން އުޅޭނެކަން ޔަގީންވޭ. މިއަދު މިނިވަންކޮށް ހުންނައިރު ވެސް އެ ޔަގީންކަމެއް ނެތް. މިހާރު ގަބޫލުކުރަން އެއީކަން އޮތް ޗޮއިސްއަކީ،"

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަލުގެ ތޭރިތަކުގެ ތެރޭގައި ވެސް ދުވަސްކޮޅަކު އޮންނެވި ބޭފުޅަކު ކޮފީ މޭޒެއްގައި ދެއްކެވި ވާހަކައެކެވެ. އޭނާ އެ އިޝާރާތްކުރައްވަނީ ހަމައެކަނި ޗޮއިސްއަކީ ޔާމީން ކަމަށެވެ. އިސްލާހީ މަސައްކަތް ކޮށްކޮށް އޭނާ އެ ހުންނެވީ މާޔޫސްވެފައެވެ. ދެން ބޭނުންފުޅީ ނަތީޖާއެކެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ސިޔާސީ ތޫނުފިލި ބޭފުޅެކެވެ.

ސިޔާސީ މީހުން މަތިން މީހުން ފޫހިވަނީ ކީއްވެހެއްޔެވެ؟

"ފޫހިވާން ޖެހޭތީ ފޫހިވަނީ،" މިއީ ވެރިކަމަށް ވަޑައިގަތުމުގެ ކުރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ގަބޫލުކުރެއްވި ހަގީގަތެވެ. ނަތީޖާއެއް ނުނެރެ، ފޮނި ހުވަފެން ދައްކައިގެން ސިޔާސީ މީހުން ރައްޔިތުން މާޔޫސްކޮށްލަނީއެވެ. އެކަމަކު، މިއަދު އެ ހަގީގަތް އެ ގޮތުގައި އަދިވެސް ގަބޫލުކުރައްވާތޯ އެއީ އުފެދޭ މުހިންމު ސުވާލެކެވެ. ވެރިކަމުގެ ދެ އަހަރު މި ވޭތުވީ ކެމްޕޭންގައެވެ. ނަތީޖާއެއް ދެއްކެވުމުގެ ބަދަލުގައި މޮޅު ވާހަކައިގައެވެ.

ރައީސް، ގަލޮޅު ރައްޔިތުންނާ މުޚާތަބުކުރައްވަނީ: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާކޮށް އެކި ރައްޔިތުންނާ ބައްދަލުކުރައްވަމުން --- ފޮޓޯ/ ރައީސް އޮފީސް

ބޭހެއް ހޯދަން އުޅެންޖެހޭ ހާލު އެނގޭނީ ބޭސް ބަލާ ދުވާ މީހުންނަށެވެ. ވާނުވާ ބަންދުގެ ހިތްދަތިކަން އިހުސާސްކުރާނީ އެ ވޭން ތަހަންމަލުކުރާ މީހާއެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި، އަނބިދަރީންނަށް ކާން ނުދެވުނީމާ އެ ކުރާ އިހުސާސް ވެރިންނަކަށް ނޭނގޭނެއެވެ. ވިޔަފާރިކޮށްގެން ޗާލު ދިރިއުޅުމެއް އުޅެއުޅެފައި 'ގަރުދިޔައާއި ބަތަށް' ތިރިކޮށްލަން ޖެހުމުން އަޅާވޭން ރައީސް އޮފީހުގެ މިނިސްޓަރަކަށް ނޭނގޭނެއެވެ. ތަކެތީގެ އަގު ބޮޑުވީމާ ޖީބަށް ކުރާ ބާރު ގަނޑުވަރުގައި އިންނަވާ ބޭފުޅާއަކަށް ނޭނގޭނެއެވެ. އެކަމަކު، މިއީ ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ޝިކާޔަތެވެ.

ސިޔާސީ އެޓެންޝަން ޔާމީނަށް

އެ ކަންކަމުގެ ވާހަކަ ކޮންމެ ހަފުތާއަކު ދައްކަވަނީ ޔާމީނެވެ. އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީ 'ޕެރަލައިޒް'ވެފައި އޮތުމުން އެ ރޯލް ވެސް ކުޅުއްވަނީ ހަމަ ޔާމީނެވެ. އެ މަނިކުފާނުގެ 3،000 ހަމަނުވާ ކުޑަ ޕާޓީއަކީ މިހާރު އިދިކޮޅުގެ އެންމެ ބާރު އަޑެވެ. ކޮންމެ އާދިއްތަ ދުވަހަކާއި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު ބާއްވާ ޓައުންހޯލް ޖަލްސާތަކުން ސަރުކާރު ކުޑަކަކުލަށް ތިރިކޮށްލައެވެ. އެއީ ހަގީގަތެވެ.

އެ ޖަލްސާތައް ފޭސްބުކުން އެކަނި ވެސް މަދުވެގެން 20،000 އެއްހާ މީހުން ކޮންމެ ރެއަކު ބަލާފައި ހުންނަ ކަމަށް ހިސާބުތަކުން ދައްކައެވެ. ކުރީގެ ޓުވިޓާ ނުވަތަ އެކްސްއިން ވެސް 5،000 އަށްވުރެ ގިނަ މީހުން ކޮންމެ ރެއަކު އެ ޖަލްސާތައް ބަލާފައި ހުރެއެވެ. ރީސެޓް ފަދަ ޖަލްސާތައް ލައްކައެއްހާ މީހުންނަށް ރީޗްވެއެވެ. އަދި ކޮބާ ހެއްޔެވެ؟ އެ ޖަލްސާތަކުގައި ޔާމީން ދައްކަވާ ވާހަކަފުޅުތަކުގެ ކުރު ވީޑިއޯތައް ވެސް ޓިކްޓޮކާއި ފޭސްބުކްގައި ވައިރަލްވެއެވެ. ސަރުކާރުން ނުހަދަން އެދޭއިރު ވެސް ގިނަ މީޑިއާތަކުން ޚަބަރު ހަދައެވެ. ކޮންމެ ހަފުތާއެއްގެ ދެ ކޮޅުގައި ވެސް އެ މަނިކުފާނު ފަލަ ސުރުޚީ ހައްދަވައެވެ. އެހެންވެ، ވޯޓުލާ އާބާދީގެ ބޮޑު ބަޔަކަށް ކޮންމެ ޖަލްސާއެއްގައި ވެސް އެ މަނިކުފާނު އެބަ ރީޗްވެއެވެ.

"ޔާމީންގެ ތަފާތަކީ ކުރިން އެ ނަތީޖާ ދައްކަވާފައި ހުންނެވި ބޭފުޅަކަށްވުން،" ދުވަހަކު ޔާމީނަށް ތާއީދުނުކުރައްވާނެ ކަމަށް ހީކުރެވުނުވަރުގެ ސިޔާސީ އަދާވާތްތެރިޔާ، ކުރިން ވެސް ވާހަކަދެއްކެވި ބޭފުޅާގެ އެކްސްޕްލެނޭޝަނަކީ މިއީއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ވިޔަފާރިވެރިޔާ އަހުމަދު މައުމޫން މި މަހު ހަވަނަ ދުވަހު ފޭސްބުކްގައި ލިޔުއްވީ ވެސް އެ ވާހަކައެވެ.

"މިއަދު އެކި ފިކުރުތަކުގެ ބޭފުޅުންގެ ފަރާތުން އިވެނީ ރައީސް ޔާމީންގެ ދައުރުގެ ރަނގަޅު ވާހަކަ. ވެރިކަން ހިންގުމުން ފެށިގެން ތަރައްގީއަށް.،" އެ ބަސްފުޅުތަކަށް އޭނާ ތާއީދުކުރައްވާ ކަމަށް ވެސް ލިޔުއްވިއެވެ. އަދި، ޔާމީނަކީ މިދިޔަ 30 އަހަރު ވެސް ދިވެހީން ނުދެކޭވަރުގެ ލީޑަރެއް ކަމަށާއި ދިވެހި ތާރީޚު ދުށް އެންމެ ރަނގަޅު ވެރިންގެ ތެރޭގައި ހިމެނޭނެ ކަމަށް ވެސް ލިޔުއްވިއެވެ.

އެ ވާހަކައަށް ތާއީދުކޮށް ގިނަ ބަޔަކު ކޮމެންޓް ވެސް ކޮށްފައި ހުއްޓެވެ. އޭގެ ތެރޭގައި އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވެސް ހިމެނެއެވެ. އޭނާ ފާހަގަކުރެއްވީ ޔާމީނަށް ދެވަނަ ދައުރެއް ނުލިބުމަކީ ދެރައެއް ކަމަށެވެ. ލިބުން ނަމަ އަހަރެމެންވީހީ ދެވަނަ ސިންގަޕޫރަށޭ ވިދާޅުވެ، އެ ކޮމެންޓް ކުރުކޮށްލެއްވީއެވެ. ފިރާގުގެ ވާހަކައަށް 'ތިއީ ވަރަށް ބޮޑު ތެދެކޭ' އިތުރުކޮށްލެއްވީ ދިވެހި އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލެވެ.

އެ ވާހަކަ އެ ގޮތަށް ދައްކަނީ ސަބަބެއް އޮތީމައެވެ. މިދިޔަ ވެރިކަމާއި މި ހިނގި ދެ އަހަރުގެ ނަތީޖާ ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. ތަކެތީގެ އަގު ހިފެހެއްޓުމެއް ނެތި ބޮޑުވަނީއެވެ. ވިޔަފާރިވެރިން ވިޔަފާރި ބަންދުކޮށްފައި ވަޒީފާގަނޑެއް ހޯދަނީއެވެ. ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ. ޔާމީންގެ ވެރިކަން ނިމެންދިޔައިރު ގިނަ ދެމަފިރިން ތިބީ ކުދި ވިޔަފާރިވެރިންނަށްވެފައެވެ. އެކަމަކު، މިދިޔަ ސަރުކާރާއި މި ވެރިކަމުގައި އެ އިގުތިސާދީ ދުވެއްޔެއް ނުފެނެއެވެ.

ޔާމީންގެ ހަލާކަކީ ވެސް އެ މާޒީ

ދިވެހިރާއްޖޭގެ އިތުބާރުހިފޭ މިނިވަން ޕޯލްތަކެއް ނުހުރެއެވެ. އެހެންވެ، ސިޔާސީ މީހުންގެ ޕޮޕިއުލާރިޓީ ވަޒަންކުރުމަކީ އުނދަގޫ މަސައްކަތެކެވެ. އަމުދުން ހެއްކެއް ދައްކަން އުނދަގޫވާނެއެވެ. ޚާއްސަކޮށް ދިވެހި ސިޔާސީ ބޭފުޅުންގެ 'މަވެތިކަން' ބޮޑުވުމުން ދައްކާ ވާހަކަ ގަބޫލެއް ނުކުރައްވާނެއެވެ. އެހެންވެ، ޕޮޕިއުލާރިޓީގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.

އެ ވަޒަންކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުކަމަށް ރައްޔިތުން ވޯޓުލާ ގޮތް ދިރާސާކޮށްލުމެވެ. ގިނަ ބަޔަކު އިތުބާރުކުރާ ނަތީޖާއެއް ދެއްކޭނީ އެ ދުވަހުންނެވެ.

އަރިހުގައި މާ ބޮޑު ޓީމެއް ނެތް ނަމަވެސް، ޔާމީނަށް ލިބިވަޑައިގަންނަވާ އެޓެންޝަންއަކީ އެ މަނިކުފާނަށް ހައްގު އެއްޗެކެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކޮންމެ ގޮތަކަށް ކުރިން ވިދާޅުވި ނަމަވެސް އެއީ ޔާމީންގެ މުރާލިކަމުން ހޯއްދަވާ ސަމާލުކަމެކެވެ. އެ މަނިކުފާނުގެ ޓްރެކްރިކޯޑުން ހޯއްދަވާ އިތުބާރެކެވެ. އަމުދުން ސިޔާސީ އިލްމުގައި އެ މަނިކުފާނުގެ ތޫނުފިލިކަން ވެސް މެއެވެ.

އެކަމަކު، އެ މަނިކުފާނުގެ ހާލަކަކީ ވެސް ހަމަ އެ ރިކޯޑެވެ.

https://sun.mv/215469

ޖަލަށްލެއްވި ސިޔާސީ ބޭފުޅުންނާ މެދު ގިނަ މީހުންގެ ހިތުގައި ހަމްދަރުދީ އެބައޮތެވެ. އަނިޔާވެރިވުން ކަމަށް ގިނަ ބަޔަކަށް ބެލެވެއެވެ. އެ މަނިކުފާނު އެންމެ އިތުބާރު ކުރައްވައިގެން ގެންގުޅުއްވި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގެވި ކަމަށް އަމިއްލައަށް އިއުތިރާފުވި އެމްއެމްޕީއާރްސީގެ ބޮޑު ވައްކަން އެއީ އަދިވެސް ފުހެނުލެވޭ ކަޅު ލައްގަނޑެކެވެ. ވައްކަމުގެ ޓެގުން ރެކެން ދަތިފުޅުވާނެއެވެ.

ސުވާލަކީ ރައްޔިތުންނަށް އެކަން ފެންނާނީ ކިހިނެއް ހެއްޔެވެ؟

ހަގީގަތަކީ އެމްއެމްޕީއާރްސީ ވައްކަމުގެ ވާހަކަ އެމްޑީޕީއަކަށް ވެސް ނުދެއްކޭނެއެވެ. އެ ފަސް އަހަރު އެންމެ ލާރިފޮއްޗެއް ވެސް ނުހޯދެއެވެ. ނުވިތާކަށް އެ ހުރިހާ ވައްކަމެއް ތިމަންނަ ކުރީމޭ އަމިއްލައަށް އިއުތިރާފުވި އަދީބު ވެސް ފަހު ނޭވާގައި މިނިވަންކޮށްދެއްވީ އެމްޑީޕީގެ މިދިޔަ ސަރުކާރުންނެވެ. ޔާމީންގެ ސިޔާސީ ކުރިމަގާ ގުޅިފައި އޮތް ސުވާލަކީ ރައްޔިތުންނަށް މިހާރު އެ މަނިކުފާނުގެ ފަސް އަހަރު ފެންނާނީ އަނިޔާވެރިކޮށްތޯ ނުވަތަ އާރޯ ވަރުގަދަ އިގުތިސާދެއް ގޮތުގައިތޯއެވެ؟

ދެން އޮތީ 'ޑިޓެންޝަން'؟

މިއީ އެންމެން ވެސް ދަންނަ ހަގީގަތެވެ. ކިތަންމެ މިނިވަންކޮށް ވާހަކަފުޅު ދެއްކެވިޔަސް ޔާމީން އެ ހުންނެވީ މަޅިއެއް ޖަހާ ބަނދެލާފައެވެ. މިދިޔަ ފަސް އަހަރު އުޅުއްވި ހާލުގައެވެ. މުޅި އެމްއެމްޕީއާރްސީގެ ވައްކަމުގެ ހަމައެކަނި "ކުށްވެރިޔާ"އެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެ ވައްކަމުގެ ހަމައެކަނި ކުށްވެރިއަކީ ޔާމީނަށް ވެއްޖެ ނަމަ އެއީ އިންސާފަށްވުރެ ސިޔާސީ ކަމެއް ކަމެވެ. އެ ވައްކަމުގެ ފައިދާ ލިބުނު އެންމެންނަށް އަދަބު ދޭންވާނެއެވެ. އެ ފައިސާ އަނބުރާ ހޯދަންޖެހޭނެއެވެ.

ކޮންމެ ނިޔަތެއް އޮތް ނަމަވެސް، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިގެން ހުންނެވި ޔާމީންގެ އެންމެ ބޮޑު ހުރަހަކީ މިދިޔަ އިންތިޚާބެކޭ އެއްގޮތަށް ބަންދެއްގައި ހުންނެވުމެވެ. އެކަން ޔާމީން ވެސް ގަބޫލުކުރައްވައެވެ.

https://sun.mv/215475

"އެހެންކަމުން މި ސަރުކާރުން ވެސް އަޅުގަނޑު ޖަލަށްލަންޏާ ޖަލަށް ލައްވަވާ. އެއީ، އެ ބޭފުޅުން ހައްދަވާނެ އެންމެ ބޮޑު ގޯސް،" އެންމެ ފަހުން ބޭއްވި ރީސެޓް ޖަލްސާ ނިންމަވާލައްވަމުން ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ނުކުމެ ތި ބޭފުޅުންގެ ކުރިމަތީގައި އައިސް މިހުންނަނީ ސަމާސާއަކަށްތޯ. އަޅުގަނޑު ނުކުމެ ސިޔާސީ މަސައްކަތް މި ކުރަނީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް މިކުރަނީ އަޅުގަނޑު ޖަލަށް ލާފާނެތީ ބިރުންތޯ؟ އެހެންވެއްޖެއްޔާ އެ މީހުން ބިރުގަންނަން އެ އުޅެނީ ނުބައި މީހެއް. އަޅުގަނޑު ބިރުގަންނަވަން އުޅޭނެ ކަމެއް ނެތް،"

އެއީ ހަގީގަތުގައި ދައްކާ ބިރެއް ނޫނެވެ. ސިޔާސީ މައްސަލައަކަށް ހޯއްދަވާ ސިޔާސީ ހައްލެކެވެ.

ވޯޓެއް ކާމިޔާބުކުރައްވާނަމަ އެންމެ މުހިންމު އެއް ކަމަކީ ކާމިޔާބުވާނެކަމުގެ އުންމީދެވެ. އެ އުންމީދު ނެތް ކެންޑިޑޭޓުންނަށް ވޯޓު ހޯދަން އުނދަގޫވާނެއެވެ. ޔާމީނަށް ވެސް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއީއެވެ. އެ މަނިކުފާނަށް ތާއީދުކުރެއްވި ނަމަވެސް ވޯޓު ދޭން ފަސްޖެހޭނެ މީހުން އެހެންވެ ތިބޭނެއެވެ.

https://sun.mv/211650

"ރައީސް ޔާމީން ޖަލަށްލާނެ، އެކަމަކު އިންތިޚާބާ ކައިރިކޮށްފައި ކަމަށް ގަބޫލުކުރެވެނީ،" އެ ބޭފުޅަކަށް ގުޅާލީމާ ކޮންމެ ކަމެއް ވެސް ވާވަރުގެ، މި ސަރުކާރުގެ ވަރުގަދަ ބޭފުޅަކު ވިދާޅުވިއެވެ.

އެކަމަކު، އެއީ ވެސް ފަސޭހަ ނިންމުމެއް ނޫނެވެ. ޔާމީން އެ ވިދާޅުވަނީ ވެސް ސިޔާސީ ހަގީގަތެވެ. އެ މަނިކުފާނު އަނެއްކާ ވެސް ތޭރިތަކުގެ ތެރެއަށް ލެއްވިދާނެއެވެ. އެކަމަކު، ސިޔާސީ ބޭފުޅުން 'ކޮންމެ ފަދަ ކަމެއް ކުރެއްވިޔަސް' އިދިކޮޅު ބޭފުޅެއް ޖަލަށްލުން އަނިޔާވެރިކަމުގެ ކެޓަގަރީއަށް ފެތޭކަން ދިވެހި ސިޔާސީ މައިދާނުން މިގެ ކުރިން ފެނިއްޖެއެވެ.

މި ވަގުތު ރާއްޖޭގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިވަޑައިގަންނަވާ ސިޔާސީ ބޭފުޅަކީ ޔާމީނެވެ. އެއީ، ވޯޓަށް ވެސް އައި ބަދަލެއްތޯ ކައުންސިލް އިންތިޚާބުގައި ވަޒަންކޮށްލެވޭނެއެވެ. އެކަމަކު، އެ މަނިކުފާނުގެ ސިޔާސީ ކުރިމަގާ ގުޅިފައި އޮތް އެންމެ މުހިންމު ސުވާލަކީ، ދެން އޮތީ ޖަލުގެ ތޭރިތަކުގައި ބަންދުވުންތޯއެވެ؟ ސިޔާސީ 'އެޓެންޝަން'އަށް ފަހު ދެން އޮތީ 'ޑިޓެންޝަން'ތޯއެވެ؟ އެ މަނިކުފާނުގެ ސިޔާސީ ކުރިމަގު ބިނާވަނީ އެ ސުވާލުގެ ޖަވާބަށެވެ.

comment ކޮމެންޓް