ދިވެހި ފިލްމޭ ބުނެފިނަމަ، މި ދުވަސްވަރު ގިނަ ބައެއްގެ ދުލުކުރިއަށް އަންނަނީ 'މަޖުނޫން'އެވެ. ފިލްމުގެ ޝޫޓިންއިން ފެށިގެން އޮލިމްޕަހުގެ ސްކްރީނާ ހަމައަށް އައުމަށް ދަންދެން ދައްކާފައި ހުރި ވާހަކަތަކުން ގިނަ ބަޔަކު ތިބީ ފިލްމަށް ކެތްމަދުވެފައެވެ. ގައިމުވެސް އަހަރެން ހުރީ މި ފިލްމާ ދޭތެރޭ ވަރަށް އުއްމީދު ބޮޑުވެފައެވެ. އެ ކަމަށް ނިމުމެއް އައީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ފިލްމު ޕްރިމިއާ ކުރި ހިސާބުންނެވެ.
ރެޑް ކާޕެޓު ނޫނަސް ފިލްމު ބެލުނީމައި އެ ނިމުނީތާއެވެ. ރޭގައި އަހަރެން ވެސް މި ފިލްމު ބެލުމުން ގައިމުވެސް އެއް ކަމެއް ޔަގީންވެއްޖެއެވެ. މަޖުނޫންގެ މޭކިންތަކާއި އިންޓަވިއުތަކުގައި ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ދައްކާފައި ވަނީ މުޅިން ތެދު ވާހަކަތަކެއް ކަމެވެ. އެހާ ވެސް މި ފިލްމު ރީތިވެފައި އަސަރު ގަދައެވެ.
މަޖުނޫންގެ ރެޑްކާޕެޓުގައި އެ ފިލްމުގައި މުހިންމު ރޯލެއް އަދާކުރާ ވާޝިޔާ --- ފޮޓޯ/ މަޖުނޫން ދަ މޫވީ، ފޭސްބުކްމަޖުނޫން މިއީ މުޅިން އެހެން ލެވެލެއް!
އަށްގަޑި ފަންސަވީސް ވުމާއެކު ފިލްމު ފަށާ ގަޑީގެ ބެލް އަޅައިފިއެވެ. މީހުން ގިނަ ކަމުން އޮލިމްޕަހުގެ ތެރެއަށް ވަދެވޭނެ އިރެއްގެ އިންތިރާޒުގައި ސަފުގައި ހުރީމެވެ. އޭރު ވެސް މަޖުނޫން ބަލާ ހިތުން ނުހުރެވެއެވެ. މާ ގިނައިރުތަކެއް ނުވެ، އޮލިމްޕަހުގެ އެތެރެއަށް ވަދެވިއްޖެއެވެ. ސީޓު ނަމްބަރު ހޯދައިގެން އިށީން ދެއްޖައީމެވެ. އޭރު ސިނަމާގެ ސްކްރީނުން އެކި އިސްތިހާރުތައް ދައްކަމުން ދިޔައެވެ.
އަށްގަޑި ބައިވުމާއެކު، ފިލްމު ފަށައިފިއެވެ. އެންމެ ފުރަތަމަ މަންޒަރުން ވެސް ފިލްމުގެ ތެރެއަށް ޣަރަގުވެވިއްޖެއެވެ. ފަހަރަކު މަންޒަރެއް އަންނަމުން ދިޔައީ ވަރަށް ތަރުތީބުންނެވެ. ހުރިހާ މަންޒަރުތަކެއް ހުރީ ގުޅިލާމެހިފައެވެ. ކެމެރާ ކުރުމުން ފެށިގެން ކޮށްފައިވާ ހުރިހާ މަސައްކަތެއް މި ފިލްމުގައި ވަރަށް ފުރިހަމައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެކްޓަރަކަށް ދޫކުރާނެ އެކްޓަރެއް ނެތެވެ. އެންމެ ކުޑަ ރޯލުން ފެށިގެން ލީޑު ރޯލާ ހަމައަށް މަޖުނޫންގައި އެކްޓުކޮށްފައިވާ މީހުންގެ ހުނަރުތައް ފުރިހަމައެވެ. ހަމަހިމޭން ރާގުތަކުން ފަރުމާކޮށްފައިވާ ލަވަތަކަކީ ފިލްމުގެ ބައެއްގެ ގޮތުގައި ސިފަވިއެވެ. މި ހުރިހާ ކަމަކަށް އިތުރު ފުރިހަމަ ކަމެއް ގެނުވީ، ނަހޫގެ ސްކްރީންޕްލޭ ރީތިކަމުންނެވެ.
މަޖުނޫންގެ ލީޑު ރޯލު ކުޅޭ ޝާރިފްއާއި އިތުރު ރޯލަކުން ފެންނަ މަރިޔަމް ހަލީމް --- ފޮޓޯ/ މަޖުނޫން ދަ މޫވީ، ފޭސްބުކްފިލްމުގެ ތެރެއިން އިތުރު ހައިރާން ކަމެއް ގެނުވީ، ނަހޫގެ ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާންގެ ރޯލެއް ފެނުމުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، މިއީ އާއިލީ ފިލްމެކޭ ވެސް ބުނެވިދާނެއެވެ.
ނަހޫއަކީ، ލޯބީގެ ފިލްމުތައް އުފެއްދުމުގައި ދިވެހީންގެ މެދުގައި މަގުބޫލު ޑައިރެކްޓަރެކެވެ. 'ޒުލޭހާ'، 'ޔޫސުފް'، 'ބޮސް'، 'ކަލާޔާނުލާ' ފަދަ ފިލްމުތަކަކީ، އަދިވެސް ގިނަ ބަޔެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ނަހޫގެ ފިލްމުތަކެވެ. އެ ހުރިހާ ފިލްމުތަކަށް ވުރެ މަޖުނޫން، ގިނަ ބަޔަކަށް ކަމުދާނެ ކަމާމެދު ޝައްކެއް ނެތެވެ.
މި ފިލްމު އެޅުވުމުގެ ކުރިން ނަހޫ ބުނިހެން މިއީ، ތާރީޚުގައި ލިޔެވޭނެ ވަރުގެ ފިލްމެކެވެ. ތެދަށް ބުނާނަމަ، ގޯހޭ ބުނެ ދައްކާނެ ކަމެއް މި ފިލްމަކު ނެތެވެ. މަޖުނޫނަކީ މިހާތަނަށް އޭނާއަށް ހެދުނު އެންމެ ރީތި އެއް ފިލްމަށް ވާނެއެވެ. މިއީ ހަމައެކަނި އަހަރެން ބުނާ އެއްޗެއް ނޫނެވެ. ފިލްމު އަޅުވަން ފެށީއްސުރެ، މިހާތަނަށް އަދި އަޑުއިވުނީ ކޮށްފައިވާ ތައުރީފުތަކެވެ.
މަޖުނޫން ފިލްމުގެ ރެޑު ކާޕެޓުގެ ތެރެއިން --- ފޮޓޯ/ މަޖުނޫން ދަ މޫވީ، ފޭސްބުކްމަޖުނޫނުގައި ދައްކުވައިދެނީ، ކުޑަ އިރު ފިރިހެން ކުއްޖަކަށް ދިމާވާ ކަމަކުން އޭނާ ތަހަންމަލުކުރާ ވޭނާއި ކެކުޅުންތަކެވެ. އެ ކަމުގެ ތެރެއިން އޭނާއާ ދިމާވާ އަންހެން ކުއްޖަކަށް ހިތް ދޫވެ، އޭނާ ހާސިލުކުރުމަށް ގިރާ ކުރާ ކަންކަމެވެ. މި ހިސާބުން ދެން ފިލްމުގެ ބެލުންތެރިންނާ ހަމައަށް ދޫކޮށްލާނަމެވެ. ކުރުކޮށް ބުނާނަމަ، މި ފިލްމަށް 'މަޖުނޫން' ކިޔުން ހަމަ ހައްގެވެ. އެހާ ވެސް ފިލްމާ ނަމާ ވަނީ ގުޅިފައެވެ.
ތިން ގަޑިއިރެއްހާއިރުގެ މި ފިލްމު ބަލާ ނިމުނުއިރު ވެސް ނޭނގުނެވެ. ކޮންމެ މަންޒަރެއް ވަނީ އެހާ ބޮޑަށް ގުޅިލާމެހިފައެވެ. ލޯބީގެ އޭގެ އިންތިހާއިން ފެށިގެން ހުރިހާ އިހުސާސެއް މި ފިލްމުން ދައްކުވައިދެއެވެ. އުފާވެރިކަމާއި ހިތާމައެވެ. ހީ ނުކުރާފަދަ އެތައް މަންޒަރެއް ބަލަން ޖެހުނެވެ. މަންޒަރަކަށް ފަހު، މަންޒަރެއް ބަލަމުން ދިޔައީ ހިތް 'އަތަށް' ލައިގެންނެވެ. ކެތްމަދުވެފައި އިނީ، ދެން ވާނެ ގޮތެއް ބަލާށެވެ. މި ފިލްމުގެ ވާހަކަ ވެސް ގެނެސްފައި ވަނީ، ހީކުރި ގޮތަކަށް ނޫނެވެ. ޚިޔާލަށް ވެސް ގެންނަން ނޭނގެހާ ރީއްޗެވެ. ފިލްމު ނިމުނުއިރު މި ފިލްމަށްޓަކައި، ނަހޫއާއި މުޅި ޓީމު ކޮށްފައިވާ މިންނެތް މަސައްކަތް ވަރަށް ސާފެވެ.
ނަހޫއާއި އޭނާގެ ދޮށީ ދަރިފުޅު އީނާޝް --- ފޮޓޯ/ މަޖުނޫން ދަ މޫވީ، ފޭސްބުކްމަޖުނޫންގެ ލީޑު ރޯލުން ފެންނާނީ، އަހްމަދު ޝާރިފްގެ އިތުރުން މަރިޔަމް ޝިފާއެވެ. އިތުރު ރޯލުތަކުން ވާޝިޔާ މުހައްމަދާއި އަޙުމަދު އީސަ (އާނަންދު)އާއި ސާމީ ހުސައިންއާއި މުހައްމަދު މަނިކުއާއި މަރިޔަމް ހަލީމާއި އަލީ ފާރޫގާއި ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި މާމަ ދަރިފުޅު އެވެލީ ފެންނާނެއެވެ.
މި ފިލްމު ބަލާލަން ބޭނުންވާ މީހުންނަށް މިހާރު ވަގުތު ބޭކާރު ކުރެވޭކަށް ނެތެވެ. މަޖުނޫންގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މި ފަހަރު އޮލިމްޕަސް ލިބިފައިވަނީ މަދު ދުވަސްކޮޅަކަށެވެ. މިހާރު ވެސް ފިލްމުގެ ޝޯތައް ފުލްވަމުން އަންނައިރު، އަވަހަށް ޓިކެޓު ނެގުން މުހިންމެވެ. އެގޮތުން، 7844422އަށް ގުޅައި، މެސެޖުކޮށް ޓިކެޓު ގަނެވޭނެއެވެ. އަދި، އޮލިމްޕަސް ކައުންޓަރުން ވެސް މި ފިލްމުގެ ޓިކެޓު ލިބެން ހުންނާނެއެވެ.
މިއީ، ހަމަ ޔަގީނުން ވެސް މުޅިން އެހެން ލެވެލެއްގެ ފިލްމެކެވެ. މިއީ، މިހާތަނަށް ރާއްޖޭގައި އުފައްދާފައިވާ ފިލްމުތަކަށް ގޮންޖަހާލާނެ ފިލްމަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސިނަމާގައި ފިލްމު އަޅުވާ ނިމުނަސް، އެތައް ބަޔަކު މި ފިލްމުގެ ވާހަކަ ދައްކާނެއެވެ.