އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުން އެއްވެސް ޕާޓީއަކަށް އަދި ކޯލިޝަނަކަށްވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިފައިނުވާކަން ވަނީ ޔަގީންވެފައެވެ. ޔަހޫދީންގެ އިންތިޚާބާބެހޭ އިދާރާއިންވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުގެ އިންތިޚާބުތަކާބެހޭ ކޮމިޓީ ބުނާގޮތުން މިދިޔަ އަންގާރަ ދުވަހު ބޭއްވި އާންމު އިންތިޚާބުގެ ވޯޓުތައް ގުނައި ނިމިފައިވާއިރު މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށް ލިބިފައިވަނީ 53 ގޮނޑިއެވެ. އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓްގެ ކޯލިޝަނަށް 48 ގޮނޑި ލިބިފައިވާއިރު އިސްރާއީލުގެ އަރަބީންގެ ގޮތުގައި ސިފަކުރެވޭ ފަލަސްތީނު ދަރިކޮޅުގެ މީހުންނާއި އަރަބި ދުރޫޒު ދަރިކޮޅުގެ މީހުންނަށް ނިސްބަތްވާ ޕާޓީތަކަށް ލިބިފައިވަނީ 19 ގޮނޑިއެވެ. މިނަތީޖާއެކު އެއްވެސް ފަރާތަކަށް އިންތިޚާބު ކާމިޔާބު ކުރެވިފައިނުވާކަން ޔަހޫދީންގެ އިންތިޚާބާބެހޭ އިދާރާއިންވަނީ ހާމަކޮށްފައެވެ.
މިހާލަތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބޮޑުވަޒީރު ކަމުގެ މަގާމުގައި ވަގުތީ ގޮތުން ދެމިހުރުމުގެ ފުރުސަތު ލިބިގެން އެބަދެއެވެ. އިސްރާއީލުގެ މީޑީއާ ބުނާގޮތުން މިހާލަތުގައި އިސްރާއީލުގެ ރައީސް އިސްހާގް ހެރްޒޮގް ގެ ކުރިމަތީގައި އޮތީ ހަތަރު ގޮތެކެވެ. ފުރަތަމަ ގޮތަކީ އައު ސަރުކާރެއް އެކުލަވާލުމުގެ ކަންތައް ނަތަންޔާހޫ އާ ހަވާލުކުރުމެވެ. އެއީ އެންމެ ގިނަ ވޯޓު ކާމިޔާބުކުރީ އޭނާގެ ކޯލިޝަނުން ކަމަށްވާތީއެވެ.
ގާނޫނު ބުނާގޮތުން މިހާލަތުގައި އައު ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫއަށް ދެވޭނީ 28 ދުވަހުގެ މުއްދަތެކެވެ. މިމުއްދަތުގައި އެކަން ނުކުރެވިއްޖެނަމަ އަދި އިތުރު 14 ދުވަސް ދިނުމުގެ އިޚްތިޔާރުވެސް ގާނޫނުގައި ހެރްޒޮގް އަށް ލިބިދެއެވެ. މި އިތުރު މުއްދަތުގައި ޕާލަމެންޓްގެ 61 ގޮނޑި ކަށަވަރުވާގޮތަށް ކޯލިޝަނެއް އެކުލަވާލުމުގައި ނަތަންޔާހޫ އަށް ކާމިޔާބު ނުލިބިއްޖެނަމަ ދެން އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރަންޖެހޭނީ އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓް އަށެވެ. އެއީ ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އޭނާގެ ކޯލިޝަނުންކަމަށްވާތީއެވެ.
އައިޒެންކޮޓް އަށް ދޭނީ 28 ދުވަހުގެ މުއްދަތެއް އެކަންޏެވެ. އިތުރު 14 ދުވަހެއް ނުލިބޭނެއެވެ. މިމުއްދަތުގައި ޕާލަމެންޓްގެ 61 ގޮނޑި ކަށަވަރުވާގޮތަށް ކޯލިޝަނެއް އެކުލަވާލުމުގައި އައިޒެންކޮޓްއަށް ކާމިޔާބު ނުލިބިއްޖެނަމަ އިސްރާއީލުގެ ރައީސްގެ ކުރިމަތީގައި ދެންއޮންނާނެ ޗޮއިސް އަކީ ނަތަންޔާހޫ އާއި އައިޒެންކޮޓް ގެ ދެކޯލިޝަން ގުޅިގެން ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް އެދެ ލީޑަރުންނަށް ފުރުސަތު ދިނުމެވެ.
މިގޮތުން ބޮޑުވަޒީރުކަމުގެ ދައުރުގެ މުއްދަތު ދެބައިކޮށް އެއްބައިގައި (ދެއަހަރު) އައިޒެންކޮޓް ބޮޑުވަޒީރުކަމުގައި ހުރެފައި އަނެއް ބައިގައި (ބާކީ އަނެއް ދެއަހަރު) ނަތަންޔާހޫ ބޮޑުވަޒީރުކަމުގައި ހުންނަ ގޮތަށް ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް އެދެ ލީޑަރުންނަށް ފުރުސަތު ދެވިދާނެއެވެ. މިގޮތަށް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގުޅިގެން އެކުލަވާލަން އެދެލީޑަރުން އެއްބަސް ނުވެއްޖެނަމަ ދެން އޮންނާނެގޮތަކީ ޕާލަމެންޓް އުވާލައި އަލުން އިންތިޚާބަކަށް ދިޔުމަށް ނިންމުމެވެ.
އިސްރާއީލުގެ އެތެރެން ލިބޭ ޚަބަރުތައް ބުނާގޮތުން ނަތަންޔާހޫ އާއެކު ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން އައިޒެންކޮޓް ބޭނުމެއް ނުވެއެވެ. ނަތަންޔާހޫވެސް މިކަމަކަށް އެއްބަސްވާނެކަމެއް އަދި ނޭންގެއެވެ. ނަމަވެސް ނަތަންޔާހޫ އާ ގާތްބައެއް ލީޑަރުން މިގޮތަށް އަމަލުކުރުމަށް އޭނާއަށް ލަފާދެމުން ގެންދާކަމަށް އިސްރާއީލުގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" ބުނެއެވެ. މި ނޫސް ބުނާގޮތުން ނަތަންޔާހޫ އަށް ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭނެ އޮތީ އެންމެ ދެގޮތެވެ. ފުރަތަމަ ގޮތަކީ އައިޒެކްކޮޓްގެ ކޯލިޝަންގައި ހިމެނޭ ބައެއް ފެކްޝަންތަކާއި ކުދި ޕާޓީތައް އެކޯލިޝަނުން ވަކިވެ ނަތަންޔާހޫ އާ ބައިވެރިވުމަށް ހިއްވަރު ދިނުމެވެ.
މިގޮތުން އަލަށް އެކުލަވާލާ ސަރުކާރުގެ ބާރުގަދަ ނުވަތަ ސިޔާދަތީ ވުޒާރާތަކުގެ ވަޒީރުކަން އެކުދި ޕާޓީތަކުގެ މެންބަރުނަށް ދޭނެކަމަށް ބުނެ ވަރަށް އުންމީދީ ހުށަހެޅުންތަކެއް ކުދި ޕާޓީތަކަށް ހުށަހެޅިދާނެއެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރެވޭނީ ނަތަންޔޫގެ ކޯލިޝަންގައި ހިމެނޭ އެހެންޕާޓީތައް މިކަމާ ރުހޭނަމައެވެ. ހަމަ މިގޮތަށް ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ކުދި ޕާޓީތައް އެކޯލިޝަނުން ވަކިވެ އައިޒެންކޮޓްގެ ކޯލިޝަންގައި ބައިވެރިވުމަށް އައިޒެންކޮޓްއަށްވެސް މަސައްކަތް ކުރެވިދާނެއެވެ. ނަމަވެސް "ހާއާރެޓްސް" ބުނާގޮތުން މިއީ އިސްރާޢީލުގެ ލީޑަރުންނާއި ޕާޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއި ސިޔާސީ ހަސަދައިގެ ސަބަބުން ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މުޅިން މުސްތަހީލް ކަމެއްވެސް ނޫނެވެ.
ހަގީގަތަށް ބަލާއިރު މި ދެކޯލިޝަންގައިވެސް ހިމެނޭ ކުދި ޕާޓީތަކާއި ފެކްޝަންތައް ޚާއްސަކޮށް ނަތަންޔާހޫގެ ފެކްޝަންގައި ހިމެނޭ ދީނީ ގޮތުން ހަރުކަށި ކުދި ޕާޓީތައް މިގޮތަށް އަމަލުކުރަން ރުހޭވަރަށް ވުރެ އެމީހުން ސިޔާސީ ގޮތުންނާއި ފިކުރީގޮތުން ދުޝްމަންކަން ބޮޑު ކަމަށްވެއެވެ.
އަނެއްކޮޅުން ނަތަންޔާހޫގެ ކޯލިޝަން އާއި އައިޒެންކޮޓްގެ ކޯލިޝަންވެސް ތިބީ ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ގޮނޑިތައް ހޯދުމަށް ފަލަސްތީނާއި ދުރުޒީންގެ ދަރިކޮޅަށް ނިސްބަތްވާ އަރަބި ޕާޓީތަކާ ގުޅޭގޮތަކަށް ނޫނެވެ. ހާއާރެޓްސް ބުނާގޮތުން މިކަންކަން ކޮޅެއްގައި ޖެހެންދެން ވަގުތީ ގޮތުން ބޮޑުވަޒީރުކަމުގައި ދެމި ހުރުމުގެ ފުރުސަތު ނަތަންޔާހޫ އަށް ލިބިގެންދާނެއެވެ. އެއީ ނަތަންޔާހޫ އަށް ވަރަށް މުހިއްމު ފުރުސަތެކެވެ.
ހާއާރެޓްސް ބުނާގޮތުން މިހާލަތު ކޮޅެއްގައި ޖެއްސުމަށް މަދުވެގެން ތިންމަސް ނުވަތަ ތިންމަސްބައިގެ މުއްދަތަކަށް ބޮޑުވަޒީރުކަމުގައި ދެމިހުރުމުގެ ފުރުސަތު ނަތަންޔާހޫއަށް ލިބިގެން ދާނެއެވެ. އަލުން އިންތިޚާބެއް ބާއްވާނަމަ ހަތަރު ނޫނީ ފަސް މަސްދުވަހުގެ ފުރުސަތެއްވެސް އޭނާއަށް ލިބިގެން ހިނގައިދާނެއެވެ. އަނެއްކޮޅުން އިސްރާއީލުގައި އަލުން އާންމު އިންތިޚާބެއް ބާއްވައިފިނަމަ އެ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު މިހާރަށްވުރެ ނަތަންޔާހޫ އަށް ބޮޑުވެސް ވެދާނެއެވެ. އަދި ކުޑަވެސް ވެދާނެއެވެ.
އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި ނަތަންޔާހޫ އެންމެ ގިނައިން ކުރާނެކަމަކީ ފަލަސްތީނު ގެ އާންމުން އިތުރަށް މެރުމެވެ. ހިންގާ ގަތުލުއާންމުތައް މެކުހަށް ޖެހުމެވެ. މިހާރު ނަތަންޔާހޫ އެވްރެޖްކޮށް މަރަނީ ދުވާލެއްގެ މައްޗަށް ފަލަސްތީނުގެ 4 ވަރަކަށް މީހުންނެވެ. އަލުން އިންތިޚާބަކަށް ދާނަމަ ދުވާލެއްގެ މައްޗަށް 15 ވަރަކަށް ފަލަސްތީނު މީހުން މަރާލަން ނަތަންޔާހޫ ނިންމަފާނެއެވެ. ހަތިޔާރުނެތް ފަލަސްތީނުގެ އާންމުން ފައިޓާ ޖެޓްތަކުން މެރުމަކީ އިސްރާއީލަކީ ބާރުގަދަ ގައުމެއްކަން އިސްރާއީލު މީހުން ގަބޫލުކުރާ ކަމެކެވެ.
މިގޮތުން ޣައްޒާއާއި ހުޅަނގު އައްސޭރިއަށް ހަނގުރާމައިގެ ބާރުގަދަ ޖެޓްތަކުން ގިނަ ހަމަލާތަކެއް ދީގެން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާ އަދި އެނޫންވެސް އާންމުންގެ ލޭތައް އިތުރަށް އޮހޮރުވާލައި އިސްރާއީލުގެ "ބާރު" އިސްރާއީލުގެ ރައްޔިތުންނަށް އިތުރަށް ދައްކާލުމަކީ ނަތަންޔާހޫގެ އެންމެ އަތްމަތީ މަސައްކަތެވެ.
މީގެއިތުރުން ދެން ނަތަންޔާހޫ ދެން ކުރާނެކަމެއް ކަމަށް ބެލެވެނީ އެެމެރިކާގެ ޓެކްސް ޕޭޔަރުންގެ ފައިސާއިން އެމެރިކާގެ ސަރުކާރުތަކުން އިސްރާއީލަށް ދީފައިވާ ފައިޓާ ޖެޓްތަކުން އީރާނަށް ހަމަލާދީ އީރާނުގެ މީހުން މެރުމާއި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދީގެން އޭނާގެ ކުޅަދާނަކަމާއި އިސްރާއީލުގެ ބާރު ދައްކާލުމެވެ. ނަމަވެސް މިއީ އެމެރިކާގެ އެއްބާރުލުން ނުލިބި އޭނާއަށް ކުރެވޭެނެ ކަމެއްނޫނެވެ. އަނެއްކޮޅުން ދެން އީރާންއާ ކުޅެލައިފިނަމަ މަސްރަހު އަނެއްކޮޅަށް ބަދަލުވުމަކީވެސް ފަހަރުގައި އެކަށީގެންވާ ކަމެކެވެ. އެއީ ރައްދުގައި އީރާން ދޭ ހަމަލާތައް އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް އަމާޒުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ. އެތަންތަނަށް ގެއްލުންދީ ނިއުކްލިޔާ ރޭޑީއޭޝަން ބޭރުކޮށްލެވޭނެ ގޮތަކަށް އީރާން އަމަލު ކޮށްފި ހާލަތެއްގައި މިކަންވާނީ ވަރަށް ނުރައްކާތެރި ކަމަކަށެވެ.
އިސްރާއީލަކީ ސައިޒުގެ ގޮތުންނާއި އާބާދީގެ ގޮތުން ވަރަށް ކުޑަ އެންޓިޓީ އަކަށްވާތީ މިފަދަ ހާލަތެއްގައި ރޭޑިއޭޝަންގެ ސަބަބުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ވަރަށް ގާތްކަމެކެވެ. މިހާލަތުގައި އީރާނަށް ދިން އުދުވާނީ ހަމަލާތައް އަނެއްކޮޅަށްޖެހި ނަތަންޔާހޫ އަށް ބެކްފަޔާ ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެމެރިކާގެ ދިފާއެކޭ އެއްގޮތަށް އިސްރާއީލުގެ ދިފާއަކީވެސް ސައްތަ އިންސައްތައިގެ ކާމިޔާބު ދިފާއެއް ނޫނެވެ. މި ދެގައުމުގެ ދިފާއުގައިވެސް ބާގަނޑުތައް ވަރަށް ބޮޑެވެ. އީރާން ފޮނުވާލި މިސައިލްތަކުގެ 25 އިންސައްތައާއި 20 އިންސައްތައިގެ މިސައިލް އިސްރާއީލުގެ އިމާރާތްތަކާއި އަސްކަރީ އަދި މަދަނީ މަރުކަޒުތަކަށް އަރައި އެތަންތަން ހަލާކުވެފައިވާކަން ވަނީ ހާމަވެފައެވެ. އަދި އުރުދުންއާއި ގަލްފުގައިވާ އެމެރިކާގެ 27 އަސްކަރީ މަރުކަޒު އީރާނުގެ ހަމަލާތަކުގައި ފުނޑާލާފައިވާކަންވެސްވަނީ ހާމަވެފައެވެ.
އީރާން ބުނާގޮތުން ދެން ރައްދު ހަމާލާދޭނީ އިސްރާއީލުގައި މީހުން ދިރި ނޫޅެވޭފަދަ ހާލަތެއް ކުރިމަތިވާނެ ފަދަ ހަރުކަށި ގޮތަކަށެވެ. މުހައްލިލުން ދެކޭގޮތުގައި މީގެމާނައަކީ އީރާނުގެ ރައްދު ހަމަލާތައް އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް އަމާޒުކޮށް ނިއުކްލިޔާ ރޭޑިއޭޝަން ބޭރުކޮށްލުމެވެ.