ހަވާ އެރުވުމުގެ ފަރިތަކުރުންތަކެއް އެމްއެންޑީއެފުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި މިރޭ ކުރިއަށް ގެންދާނެ ކަން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، މިރޭ 8:00 އާއި 8:30 އާ ދެމެދު ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ހަވާ އެރުވުމުގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ފަރިތަކުރުންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެންމެ ހަތަރު މިނެޓަށް ކަމަށްވެސް، އެމްއެންޑީއެފުން ބުންޏެވެ.
އެންމެ ފަހުން ހަވާ އަރުވާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ، މާފުށީގެ ފަތުރުވެރިކަމުގެ ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކުރުމުގެ ގޮތުންނެވެ.
ފާހަގަކުރެވޭ ގޮތުގައި ހަވާ ބެލުމަކީ ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ.
ސިފްކޯއިން ކަނޑައަޅާފައި ހުންނަ އަގުތަކެއް ދެއްކުމުން, އަމިއްލަ މީހުންގެ ހަފުލާތަކާއި ކުންފުނިތަކުގެ ހަފުލާތަކަށްވެސް ސިފައިން ހަވާ އަރުވައިދެއެވެ. ރާއްޖޭގައި ހަވާ އެރުވުމުގެ ހުއްދަ އޮންނަނީ ސިފައިންނަށް އެކަންޏެވެ. އަދި އެއީ ސިފައިންގެ ކުންފުނި ސިފްކޯއަށް ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިއެކެވެ.