ވިއްސާރާގައި އެމްޕީއެލް ޓަވަރުތަކުގެ އެޕާޓްމަންޓްތަކަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެ

އެމްޕީއެލް ޓަވަރުތަކުގައި ފެން ބޮޑުވެފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް

މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލް ޓަވަރުތަކުގެ އެޕާޓުމަންޓުތަކަށް ފެންވަދެ، ގެއްލުންތަކެއް ލިބިއްޖެއެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއާއި ހުޅުމާލެއަށް ގިނަ އިރުތަކެއް ވަންދެން ވާރޭ ވެހުނެވެ. އެހެންވެ، މާލެއާއި ހުޅުމާލޭގެ މަގުތައް ވެސް އޮތީ ފެނުއަޑީގައެވެ.

އެމްޕީއެލް ޓަވަރުގައި ދިރިއުޅޭ މީހަކު 'ސަން'އަށް ބުނި ގޮތުގައި، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ އެ ޓަވަރުގެ ފުލޯތަކާއި އެޕާޓުމަންޓުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

އެމްޕީއެލް ޓަވަރުގެ ޓެރަސް މަތިން ފުލޯތަކަށް ފެން ފައިބަނީ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

އެ ޓަވަރުތަކަށް ފެންވަންނަނީ، ޓެރަސް މަތީގައި ފެންބޮޑުވެގެން ކަން ފާހަގަކޮށް އެ މީހާ ބުނީ، ޓެރަސް މައްޗަށް ވެހޭ ފެން ދައުރުވާނެ ރަނގަޅު ނިޒާމެއް ނެތް ކަމަށެވެ. އެހެންވެ އެ ފެންތައް ސިޑިގޮޅިއާއި އެޕާޓްމަންޓްތަކުގެ ތެރެއަށް އެޅި ގެއްލުންތައް ލިބުނު ކަމަށް އޭނާ ބުންޏެވެ.

ފެން އެޅުމުގެ ސަބަބުން މިހާރު ވެސް އެ ޓަވަރުތަކުގެ ލިފްޓުތަކުގައި ކަރަންޓު ނެތްއިރު، އެޕާޓުމަންޓުތަކުގައި ހުރީ ވެލިބަސްތާ ޖަހަންވެފައި ކަމަށް އެ މީހާ ބުންޏެވެ.

'ސަން'އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޓެރަސް މަތިން އެ ޓަވަރުތަކުގެ އެޕާޓުމަންޓަށް ބޯކޮށް އަންނަނީ ވާރޭ ފެން ފައިބަމުންނެވެ. އެހެންވެ، މުޅި އެ ޓަވަރުގެ ފުލޯތަކުގައި ފެން ބޮޑުވެފައިވާ މަންޒަރު ފެނެއެވެ.

އެމްޕީއެލް ޓަވަރުތަކުގެ ފުލޯތަކުގައި ފެންބޮޑުވެފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ފާހަގަކުރެވޭ ގޮތުގައި، އެމްޕީއެލް ޓަވަރުތަކުގައި އެތައް ހާސް ބަޔަކު ދިރިއުޅޭއިރު، އެ ތަނުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

އެމްޕީއެލް ޓަވަރުތަކުގައި ފެންބޮޑުވިއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މިއަދު ބޯކޮށް ވާރެވޭހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް