ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "އެކުވެހި" އެކޮމޮޑޭޝަން އިމާރާތުގައި ދިރިއުޅެން ބޭނުންވާ ދަރިވަރުންނަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީން އަންނަ މަހުގެ ފުރަތަމަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުން ދަނާލެއް ގޮތަށް ޢިމާރާތްކޮށްފައިވާ މިތަނަށް މަހަކު ދައްކަން ޖެހެނީ 3،500ރ. އެވެ. ވިނަރެސް ޓަވަރުތަކުގެ ކައިރިގައި ހަދާފައިވާ މި ޢިމާރާތުން ކޮޓަރި ކުއްޔަށް ދޫކުރަނީ ދެމީހަކު އެކީގައި އުޅެވޭނެ ގޮތަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މި ދަނާލު އެކުލެވިފައިވާ ގޮތަށް ކޮންމެ ކޮޓަރިއެއްގައިވެސް ދެ ދަރިވަރަކަށް ވަކިން އެނދު ހުރެއެވެ. އަދި ކޮޓަރީގައި ކިޔަވަން ތިބެވޭނެ ގޮތަށް "ސްޓަޑީ ޓޭބަލް" ވެސް ބަހައްޓާފައިވާއިރު ކޮންމެ ކޮޓަރިއެއްގައި ވެސް ފާޚާނާއެއް ހުރެއެވެ.
މި ޢިމާރާތުގައި ކެއްކުމަށް ބޭނުންވާ ވަސީލަތްތަކާއެކު ކޮމިއުނަލް ޕޭންޓްރީއަކާއި ލޯންޑްރީ ރޫމެއްގެ އިތުރުން މީޓިން ރޫމާއި ދަރިވަރުންނަށް ކިޔަވަން ތިބެވޭނެފަދަ އިންތިޒާމުތަކާއެކު ތައްޔާރުކޮށްފައިވާ ކޯވޯކިން ސްޕޭސްތަކެއްވެސް ހުންނާނެއެވެ.
އެކުވެހީގެ ކޯވޯކިން ސްޕޭސްއެއް--އެޗްޑީސީން ބުނި ގޮތުގައި ކޮމަން ކޯޓްޔާޑާއި ޓެރަސް ވެސް ހަދާފައި ވަނީ އެންމެންނަށް ގޮސް އިށީނދެލައިގެން ތިބެވޭނެ އަދި އެކަކު އަނެކަކާ ބައްދަލުވެ، ހިތްހަމަޖެހިލައިގެން ތިބެވޭނެ ކަހަލަ ގޮތަކަށެވެ.
ކިޔެވުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ޚާއްސަކޮށްގެން ހަދާފައިވާ ގޭމިން ރޫމެއްގެ އިތުރުން ދަރިވަރުން ކަސްރަތުކުރުމަށް އައުޓްޑޯ ޖިމެއްވެސް އެކުވެހީގައި އެކުލެވެއެވެ.
އެތަން ސާފުކޮށް، މެއިންޓަނަންސްގެ މަސައްކަތް ވެސް ގަވާއިދުން ބަލަހައްޓަމުންދާނެއެވެ. އަދި ސެކިއުރިޓީ ވެސް ބަލަހައްޓައި އެ އިމާރާތުގައި ޕާކިންނަށް ވެސް ޖާގަ ކަނޑައަޅާފައިވެއެވެ.
އެކުވެހި ޢިމާރާތްކޮށްފައި ވަނީ ދަރިވަރުންނަށް ހަމަޖެހިލައިގެން ފަސޭހަކަމާއެކު، ދިރިއުޅެވޭނެ ގޮތް މަގުފަހިވާނެ ގޮތަށްކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކިޔެވުމުގެ އިތުރުން ދަރިވަރުންނަށް މުނިފޫހިފިލުމުގެ ހަރަކާތްތަކާއި މީހުންނާ ބައްދަލުވެ، ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެކަން އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.
އެކުވެހީގެ ގޭމިން ރޫމް--އެކުވެހީގައި ރަޖިސްޓްރީވުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް:
- އުމުރުން 35 އަހަރުން ދަށުގެ ދަރިވަރުން.
- ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގައި ރަޖިސްޓްރީވެފައިވާ ދަރިވަރުން.
- އެމްކިޔުއޭ އެޕްރޫވް ކޯހެއް ހަދަމުންދާ ދަރިވަރުން.
- ފުލްޓައިމް ކޯހެއްގައި އުޅޭ، ގަވާއިދުން ކްލާސްތަކަށް ހާޒިރުވެގެން ކިޔަވާ ދަރިވަރުން.
- ކިޔެވުން ފުރިހަމަކުރުމަށް މަދުވެގެން އެެއް އަހަރުގެ މުއްދަތު ބާކީ އޮތުން.
ޝަރުތުތައް ހަމަވާނަމަ އެކަމަށް ކަނޑައަޅާފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ހުށަހަޅާއިރު އައިޑީކާޑާއި ޕޮލިސް ރިޕޯޓުގެ އިތުރުން ކޮލެޖު ނުވަތަ ޔުނިވާސިޓީގެ ޕްލޭސްމެންޓް ލެޓާ ބޭނުންވާނެކަމަށް އެޗްޑީސީން ބުނެއެވެ.
އެކުވެހިން ޖާގަ ދޫކުރަން ހަމަޖެހިފައިވަނީ އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން، ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިންކަމަށް އެޗްޑީސީން ބުނެއެވެ. ޖާގަ ކަށަވަރުވުމުން އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން އެތަނަށް ބަދަލުވެ ދިރިއުޅެން ފެށޭނެކަމަށް އެޗްޑީސީން ބުނެއެވެ.
ފުރަތަމަ ފަހަރަށް މާލެ ސަރަހައްދުގައި ދަރިވަރުންނަށް ޚާއްސަ އެކޮމޮޑޭޝަން އިމާރާތެއް ހުޅުވާފައިވާއިރު މިތަނާއެކު ދަރިވަރުންގެ ދިރިއުޅުމަށް ބޮޑު ލުޔެއް ލިބޭނެއެވެ. އެމްއެންޔޫގެ ދަނާލެއް ވަރަށް ކުރިއްސުރެ މާލޭގައި އިމާރާތްކޮށްފައިވީ ނަމަވެސް އެތަން ޚާއްސަކޮށްފައި ވަނީ އެ ޔުނިވާސިޓީގެ ދަރިވަރުންނަށެވެ.