ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގުރުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ޖަހާއިރު ކަމަށެވެ. ގުރުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލު ހޯލުގައެވެ.
ނަމަވެސް މިނިސްޓްރީން ބުނި ގޮތުގައި، ގުރު ނަގާނީ، ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ހާޒިރުވާ މީހުންގެ ކުރިމަތީ، މިނިސްޓްރީގެ މުވައްޒަފުންނެވެ.
އެހެންކަމުން އެ ވަގުތު ހޯލަށް ވަދެވޭނީ އެ ގޯއްޗެއް ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެކަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ މީހަކު އަންނައިރު އައިޑީ ކާޑު ގެންނަން ވާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލުން މިހާރު ފެންނަން ވެސް ހުންނާނެ ކަމަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާއިރު މިހާރު ވަނީ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 31.5 ހެކްޓަރު ހިއްކައި ނިންމައިފައެވެ. ކުރިއަށް އޮތް ދޮޅު މަހެއްގެ ތެރޭ އެ މަސައްކަތް ނިމޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލުން މައުލޫމާތު ދެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ވެސް ގޯތި ދިނެވެ.
ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ މަހުގެ ފަހުކޮޅުގައި ވިދާޅުވެފައިވެއެވެ.
ބިން ހިއްކައި، ގުޅިފަޅާއި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދިން ނަމަވެސް، އެ ތަންތަނުގައި ފެނާއި، ކަރަންޓާއި، ނަރުދަމާ ފަދަ އެއްވެސް އަސާސީ ޚިދުމަތެއް އަދި ނެތެވެ. މީގެ އިތުރުން މަގުތައް ވެސް ނުހަދައެވެ. އެހެންވެ އެ ތަންތަނުން ގޯތި ލިބުނަސް އަދިވެސް އެ ތަންތަން ހެދުމުގެ މަސައްކަތް ބިން ލިބުނު މީހުންނަށް ނުފެށެއެވެ.