ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ފުލުހަކު ހައްޔަރުކޮށްފި

މާލޭގެ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް ހުރަސް އެޅި މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ)އެވެ. އޭނާއަކީ ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރުމުގެ އިތުރުން ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ.

ފުލުހުން މިއަދު ބުނީ އޭނާ ވަނީ އެ މާރާމާރީ ހިންގި ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން އިއްޔެއިން ފެށިގެން ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށާއި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭގޮތުގައި, އޭނާ ފުލުހުންގެ ބަންދުގައި ހުއްޓައި ވެއްޓި, އޭނާގެ ހަރަކާތްތައް ދަށްވުމުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހުށަހެޅުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާއެކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނައުމަށް ވަނީ އަމުރު ކޮށްފައެވެ.

މި ނޫނަސް ފުލުހުންގެ އެކިއެކި އަހުލާގީ މައްސަލަތަކާއި ކުށްކުރުމުގެ މައްސަލަތައް މިފަހުން އާއްމުވެފައިވެއެވެ.

comment ކޮމެންޓް