ފުލުހުންނަށް ކާންދޭން 10 އަހަރު ދުވަހަށް ބަޔަކާ ހަވާލުކުރީ އެ ކަމަށް ފިނޭންސް މިނިސްޓްރީން ދޫކުރި ހުއްދައާ ޚިލާފަށްކަން ހާމަވެ، ކޮރަޕްޝަންގެ ތުހުމަތުތަކެއް މިއަދު ފެންމަތިވެއްޖެއެވެ.
ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯއިން ފުލުހުންނަށް ކާންދޭން ޕޮލިސް ކޭޓަރިން [ޕޮލްކެޓް]އާ ހަވާލުކުރީ 2018 ވަނަ އަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، ފުލުހުންނަށް ކާންދޭން 2018 ވަނަ އަހަރު 10 އަހަރުގެ މުއްދަތަކަށް ކުންފުންޏަކާ ހަވާލުކުރީ ފިނޭންސް މިނިސްޓްރީން އެ ކަމަށް ދޫކުރި ހުއްދައާ ޚިލާފަށް ކަމަށެވެ.
އެ ގޮތުން، ފިނޭންސްގެ ޓެންޑާ ބޯޑުން އެ ކޮންޓްރެކްޓް ހަދަން ހުއްދަ ދީފައި އޮތީ ފަސް އަހަރަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން ފަސް އަހަރު ދުވަހަށް ހުއްދަ ދެއްވީމާ، އޮފިސަރު މި އޮތީ ލިޔުއްވާފައި 10 އަހަރު ދުވަހަށް އެގްރީމެންޓްކުރަން،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ ޕޮލްކޯއިން ފުލުހުންނަށް ކާންދޭން ޕޮލްކެޓާ ހަވާލުކުރީ ހުއްދައާ ހިލާފަށް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
ނާޒިމް ވިދާޅުވި ގޮތުގައި އެ އެއްބަސްވުމަކީ އަހަރަކު 35 މިލިއަން ރުފިޔާގެ އެއްބަސްވުމެއްކަން ލިޔެކިޔުންތަކުން އެނގެއެވެ. އެހެންވެ، އެއީ 10 އަހަރު ދުވަހަށް ބަލާނަމަ ޖުމުލަ 350 މިލިއަން ރުފިޔާއެވެ.
"ވަރަށް ބޮޑެތި އަދަދުގެ ވާހަކަ މި ދައްކަނީ. އެއްވެސް ޖެހިލުމެއް ނެތި، ޓެންޑާ ބޯޑުން ދިން ހުއްދައެއް ޑަބަލްކޮށްލާފައި.. މިއީ އަޅުގަނޑު މި ދަންނަވާ މައްސަލައަކީ،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
"ޔުނީފޯމް އެޅި ބައެއް މުއައްސަސާތަކުގައި އެއް އޮފިސަރަކު އަނެއް އޮފިސަރަށް އެންގީމާ، ޔެސް ސާ ކިޔާފައި ކުރާ ގޮތް މި އޮންނަނީ. އެކަމަކު، ގާނޫނާއި ގަވާއިދާ ޚިލާފަކަށް ބޭނުމެއް ނުކުރެވޭނޭ،"
އެހެންވެ، ކޯޕަރޭޓިވް ސޮސައިޓީތަކުގެ ތެރޭގައި ހިނގާ ކަންކަން ނުބަލާ ދޫކޮށްލެވެން ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަސް އަހަރު ދުވަހަށް އެ އެއްބަސްވުން ހެދި ނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރު ވެރިކަން ބަދަލުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިއަށް ކަމަށެވެ. އެހެންވެ، އެއްބަސްވުން 10 އަހަރު ދުވަހަށް ހެދީ އެހެން ބަޔަކާ ހަވާލުކޮށްފާނެތީ ކަމަށް ނާޒިމް ވަނީ ތުހުމަތުކުރައްވާފައެވެ.
މާލިއްޔަތު ކޮމިޓީން ޕޮލްކޯގެ މައްސަލަތައް ބަލަން ފެށީ، 2013 ވަނަ އަހަރު ޕޮލްކޯއާ ހަވާލުކުރި ފުލުހުންގެ 'ބްލޫސް ހައުސިން ސްކީމާ' ގުޅޭ ގޮތުން މިދިޔަ ޖަނަވަރީ މަހުގެ 23 ގައި ނެރުނު އޮޑިޓް ރިޕޯޓަކާ ގުޅިގެންނެވެ. އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ދައްކައިފައެވެ.
އެހެންވެ، އޭރު ޕޮލްކޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައިއާއި އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓުގައިވަނީ ލަފާދީފައެވެ.