ޕޮލްކޯގައި އެހެން ކޮރަޕްޝަންތަކެއް ހިންގާ ކަމަށް ތުހުމަތުކޮށް، ފުލުހުންގެ ތެރެއިން މަޖިލީހަށް ސިޓީއެއް

ފުލުހުންގެ ފުލެޓުތައް: ޕޮލްކޯގައި އެހެން ކޮރަޕްޝަންތަކެއް ހިންގާ ކަމަށް ތުހުމަތުކޮށް، ފުލުހުންގެ ތެރެއިން މަޖިލީހަށް ސިޓީއެއް ވަނީ ފޮނުވާފައި -- ފޮޓޯ/ މިހާރު ނޫސް، ފަޔާޒް މޫސާ

ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގައި އިތުރު ކޮރަޕްޝަންތަކެއް ހިންގާ ކަމުގެ ތުހުމަތާ އެކު، ފުލުހުންގެ ވަޒިފާގައި މަސައްކަތް ކުރާ މީހަކު މަޖިލީހަށް ސިޓީއެއް ހުށަހަޅާފައިވާކަން މިއަދު ހާމަވެއްޖެއެވެ.

'ބްލޫސް ހައުސިން ޕްރޮޖެކްޓު'ގެ ނަމުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލުހުންނަށް ޚާއްސަކޮށް ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލްކޯއާ ހަވާލުކުރުމުން އެ މަޝްރޫއުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަ މަޖިލީހުން އަންނަނީ ދިރާސާ ކުރަމުންނެވެ.

ޕޮލްކޯއަށް ކުރާ އިތުރު ކޮރަޕްޝަންގެ ތުހުމަތުތައް ފެންމަތިވީ އެ މައްސަލަ ދިރާސާކުރަމުން އަންނަ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ، އޮޑިޓުގެ މައްސަލަ ބަލަން ފެށިފަހުން ޕޮލްކޯގެ އިތުރު ކޮރަޕްޝަނުގެ މައުލޫމާތުތަކެއް މިހާރު ފުލުހުންގެ ވަޒީފާއަދާ ކުރާ "ވިސިލްބްލޯވަރެއްގެ" ފަރާތުން މަޖިލީހުގެ މެއިލަށް ފޮނުވާފައިވާ ކަމަށެވެ.

މިއަދު އެ މައްސަލަ ދިރާސާކުރަން ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މެމްބަރުންތަކެއް --- ފޮޓޯ/ މަޖިލިސް

އަޅުގަނޑުމެން މި މައްސަލަ ބަލަން ފެށުމާ އެއްކޮށް، އަޅުގަނޑުމެން މަޖިލީހުގެ އީމެއިލްއަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާގައި ހުންނެނި ވިސިލްބްލޯވަރެއްގެ ފަރާތުން އެބަ ހުރި ބައެއް މައުލޫމާތު ލިބިފައި މިހާރު. ހަމައެކަނި މި ހައުސިން ކަންތައް އެކަނި ނޫން ކަމަށް އެތަނުގައި ޕޮލްކޯގެ ފަރާތުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައި ހުރީ. އެއަށްވުރެ ފުޅާ ދާއިރާއެއްގައި މުދަލާއި ޚިދުމަތް ހޯދުމަށް ޕޮލްކޯ ތެރޭގައި ކޮރަޕްޝަން ހިންގަމުންދާ ކަމަށްކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

އެގޮތުން، މައުލޫމާތުތައް ފޮނުވި މީހާ ހަވާލާދީފައި އޮތް އެއް ރިޕޯޓަކީ 2019ވަނަ އަހަރު އޭރުގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުވާފައިވާ ރިޕޯޓެއް ކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެކަމަށް ސީޕީ ހަމީދުގެ ފަރާތުން ފިޔަވަޅު އަޅާފައިނުވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ 16 މައްސަލައެއްގައި އެކި ގޮތްގޮތުން ފުލުހުންގެ ޒިންމާދާރު މަގާމުތަކުގައި ތިބި ބޭފުޅުން ބައިވެރިވި ކަން އެނގެން އެބަ އޮތް ކަމަށް ކޮމިޓީގައި ނާޒިމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ކޮމިޓީން ނިންމަން ޖެހޭ އެންމެ މުހިންމު ނިންމުމެއް ގޮތުގައި ނާޒިމް ފާހަގަކުރެއްވީ، ޒިންމާދާރު މަގާމުތަކުގައި ތިބި ފުލުހުންނާ ދޭތެރޭ އަޅާނެ ފިޔަވަޅެކެވެ.

ދެން އެ ކޮމިޓީ ކުރިއަށް ގެންދިޔައީ މައިކް އަޑު ކަނޑަލައިގެން ކަމުން ކޮމިޓީގައި އިތުރަށް ކޮށްފައިވާ މަޝްވަރާތަކުގެ ތަފުސީލެއް ނޭނގެއެވެ.

ޕޮލްކޯގެ ސާވައަށް ދިމާވި މައްސަލައެއްގެ ސަބަބުން މުހިންމު ގިނަ ލިޔެކިޔުންތަކެއް ނެތް ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މީގެކުރިން ކޮމިޓީގައި ވަނީ ވިދާޅުވެފައެވެ.

ޕޮލްކޯއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ގެންދަނީ ބަލަމުންނެވެ.

https://sun.mv/202420

އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓަކުން ވަނީ ދައްކައިފައެވެ. މި ކަމުގައި ޕޮލްކޯގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް