ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު"ން ސަލާމަތްވުމަށް ފުންމައިލި ދެބެންގެ ތެރެއިން އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުޙައްމަދު ޝަރީފް ގެއްލުމުގެ ހިތާމައިގައި ލ. މާވަށް އޮތީ ހަމަހިމޭން ކަމުގައެވެ. ގެއްލި ދިޔައީ ޖަވާހިރެއް ފަދަ ހުނަރުވެރި، މޮޅު ޒުވާނެކެވެ.
އެ ދަތުރަކީ، އީދު ޗުއްޓީއަށް އާއިލާ ކައިރިއަށް އައިސް، އަނބުރާ މާލެއަށް ދިއުމަށް ދެބެއިން ކުރި ދަތުރެކެވެ. ދެބެން ވެސް މަތީ ތައުލީމު ހާސިލުކުރަނީ މާލޭގައި ކަމަށް ވުމުންނެވެ.
މި ހާދިސާ ހިނގައިދިޔަ ގޮތް މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވަނީ "ސަން"އާ ހިއްސާކުރައްވާފައެވެ.
އެގޮތުން، ބޯޓުގައި އަލިފާން ރޯވިއިރު މުޝްފިގާއި އޭނާގެ ކޮއްކޮ މިންޝާވީ ޝަރީފް އޮތީ ބޯޓުގައި ނިދާފައެވެ. ހޭލެވުނީ އެންމެން ހަޅޭއްލަވާ އަޑަށެވެ. އޭރު ބޯޓުގައި ލައިފް ޖެކެޓުތައް ބަހައްޓާފައި ހުރި ދިމާލުގައި އަލިފާނުގެ ހާދިސާ ވަނީ ހިނގާފައެވެ. ބައެއް ލައިފް ޖެކެޓުތައް އަނދާފައިވުމުން ބޯޓުގައި ތިބި 18 މީހުންނަށް ވާވަރަށް ލައިފް ޖެކެޓެއް ނުލިބުނެވެ.
މުޝްފިގު ގޮސް އޭނާގެ ކޮއްކޮއާ ދެމީހުންނަށް ދެ ލައިފް ޖެކެޓު ގެނައި ނަމަވެސް، ބޯޓުން ފުންމާލަން ދިޔަ ވަގުތު މުޝްފިގުގެ އަތުގައި އޮތް ލައިފް ޖެކެޓު އެހެން މީހަކު ޖަހައިގަތް ކަމަށް މިންޝާވީ އާ ހަވާލާދީ އޭނާ ވިދާޅުވިއެވެ. މުޅި ބޯޓުގައި ރޯވުމާއެކު އިތުރު ގޮތެއް ނެތި ދެބެން މޫދަށް ފުންމާލިއިރު މުޝްފިގު ހުރީ ލައިފް ޖެކެޓެއް ވެސް ނުލައެވެ.

ރޭގެ ހާދިސާގައި ގެއްލުނު އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުޙައްމަދު ޝަރީފް ---
"އެއީ މޫދަށް އެހާ ފަރިތަ ވެސް ކުއްޖެއް ނޫން،" އަހުމަދު މޫސާ ވިދާޅުވިއެވެ.
މުޝްފިގުގެ ކޮއްކޮ މީންޝާވީ މޫދަށް ފަރިތަ ކުއްޖެއް ކަމުން އެވަގުތު ލައިފް ޖެކެޓު ބާލައި ބޭބެއަށް ދޭން މަސައްކަތްކުރި ކަމަށްވެއެވެ. ނަމަވެސް ރާޅުތަކުތެރޭ އެކަން ކާމިޔާބުވާ ގޮތް ނުވީ ސަލާމަތަށް މުޝްފިގް ތެޅުނު ވަގުތު މިންޝާވީގެ ގައިގައި ވަރަށް ބޮޑަށް ހިފަހައްޓައި، ބޭބެގެ ބަރަށް މިންޝާވީ އަޑިއަށް ދާން ފެށުމުންނެވެ.
ދެބެން ވެސް ފުންމާލީ ބޯޓުގެ ވައި ދަށް ފަރާތަށެވެ. އެވަގުތު ދެބެންގެ ގަޔާ ދިމާލަށް ބޯޓު އަންނަން ފެށުމުން މިންޝާވީ އޭނާގެ ދެފައިން ބޯޓު ކޮއްޕާލަން މަސައްކަތް ކުރިއެވެ. އެވަގުތު އޭނާގެ އަތުން ބޭބެ ދޫވެ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ގެއްލުނީއެވެ.
ބޯޓުގެ ކައްޕިއާ ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ބޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އަދި މައްސަލަ ހައްލުކުރަން މާ ގިނަ ވަގުތެއް ނުލިބުނުކަމަށް ކައްޕިއާ ހަވާލާދީ އޭނާ ވިދާޅިވިއެވެ.
"އަލިފާން ފެނުމާ ބޯޓުގަ ރޯވުމާ ދެމެދު ދެ ވަރަކަށް މިނެޓު ލިބުނު ކަމަށް ބުނީ. އެއީ ވަރަށް ކުޑަ ވަގުތުކޮޅެއް ދެއްތޯ،" އަހުމަދު މޫސާ ވިދާޅުވިއެވެ.
މުޝްފިގަކީ ވަރަށް ހުނަރުވެރި، މޮޅު އަދި މާވަށުގެ ރައްޔިތުން ވެސް އެ ދަރިއަކަށްޓަކައި ފަޚުރުވެރިވާ ޒުވާނެކެވެ.
"އެއީ މާވަށުގެ ޒުވާނުންނަށް އަބަދުވެސް ރޯލް މޮޑެލެއް ގޮތަށް ދައްކާ ޒުވާނެއް. ރީތިކޮށް ގުރުއާން ކިޔަވާ، ރަށުގެ މިސްކިތްތަކުގައި ވަރަށް ގިނައިން އިމާމުވެ ނަމާދު ވެސް ކުރާ ދީނަށް ލޯބިކުރާ، ފަސް ވަގުތު ނަމާދުކުރާ ޒުވާނެއް އެއީ،" މުޝްފިގާ ބެހޭގޮތުން ކިޔައިދެއްވައި، އަހުމަދު މޫސާ ވިދާޅުވިއެވެ.
ރަށަށް އެންމެ ފަހުން ކުރި ދަތުރުގައި ވެސް ރަށުގައި މުޝްފިގް ވަނީ އިމާމުވވެ ނަމާދުކޮށްފައެވެ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މާވަށަށް ގެއްލުނީ އެރަށުގެ މުސްތަގުބަލަށް މުހިންމު "ޖަވާހިރެ"ކެވެ.
އެ ހިތާމައިގައި މުޅި މާވަށް އޮތީ ހަމަހިމޭންކަމުގައެވެ.
އޭނާގެ އެދުމަކީ މުޝްފިގް ހެޔޮ ހާލުގައި ފެނުމަށް އެދި އެންމެން ވެސް ހެޔޮ ދުއާ ކޮށްދިނުމެވެ.
ރޯވި ބޯޓު ރޭ 02:07ގައި ވަނީ އަޑިއަށް ގޮސްފައެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން މުޝްފިގް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަނީ ޑްރޯންގެ އެހޯގައެވެ.
ޑްރޯންގެ އިތުރުން, އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިޤް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.