ހޭންޑްބޯލް މޯލްޑިވްސް ހިންގަމުންދާ އޮފީސް އިމާރާތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތުދީފައިވާ ގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:05 ހާއިރެވެ.
އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މައުލުމާތު ލިބުމާއެކު ފަޔާ ފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ސިފައިން ކުރި އަވަސް މަސައްކަތުން، އެ އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިޔަނުދީ، 06:21 ހާއިރު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާގެ ސަބަބުން އެ އޮފީސް ހިންގާ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ.