ތ. އަތޮޅުގައި ރޭ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި މުދާ އުފުލާ ބޯޓެއް ކަމަށްވާ "ހޮޅުދޫ ބޯޓު" ރޭ 02:07ގައި އަޑިއަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 21:07 ހާއިރުއެވެ. އެއާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ.
"ސަން"އަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ބޯޓުގައި ރޯވި އިރު އޮތީ ތ. ކަނޑޫދޫ ކައިރީގައެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އެމްއެންޑީއެފުން ވަނީ އެ ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު" ގައި 18 މީހުން ތިއްބެވެ. އޭގެ ތެރެއިން 17 މީހަކު ސަލާމަތްކޮށްފައިވާއިރު، ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުޙައްމަދު ޝަރީފް ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ދަނީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މީގެ އިތުރުން ޒުވާނާ ހޯދުމުގެ މަސައްކަތުގައި ޑްރޯން ދަނީ ބޭނުންކުރަމުންނެވެ.
ޑްރޯންގެ އިތުރުން, އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ ހާދިސާގައި އަނިޔާވެ ކަނޑޫދޫ ހެލްތު ސެންޓަރުން ވަނީ ދެ މީހަކަށް ރޭ ފަރުވާ ދީފައެވެ. "ސަން"އަށް މައުލޫމާތު ދެމުން އެ ސެންޓަރުން ރޭ ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ދިވެއްސަކާއި ބިދޭސީއަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.
އެ ދެ މީހުންނަށް ވެސް ބޭރުފުށުން އަނިޔާ ލިބިފައިނުވާ ކަމަށާއި، އެހެން ނަމަވެސް ހާދިސާގެ ސަބަބުން ވަރަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދިނެވެ. އަދި އިތުރު ފަރުވާއަށް އެ ދެމީހުން ވެސް ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އެ މަސައްކަތުގައި، ތ. އަތޮޅު ޕޮލިސް ސްޓޭޝަނުގެ ފަރާތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ދަނީ ބޮޑު އެހީތެރިކަމެއް ލިބެމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.