ފިޔާޒަށް ރައީސް އިންޒާރު ދެއްވިކަމަށް ބުނާ މައްސަލަ: ހެކިނެތުމުން ދައުވާ ނުކުރަން ނިންމައިފި

އައްބާސް ޝަރީފް، ރައީސް މުއިއްޒާ އެކު: ޕްރޮސެކިއުޓާ ޖެނެރަލްކަމަށް ރައީސް ވަނީ އައްބާސް އައްޔަންކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ބިރުދައްކަވައި، އިންޒާރުދެއްވިކަމަށް ބުނާ މައްސަލައިގައި ހެކި ނެތުމުން ދައުވާ ނުކުރަން ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލަ ފުލުހުން ތަހުޤީޤުކުރުމަށް ފަހު، އިއްޔެ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ހެކި ޤަރީނާ އެ އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސް ޑރ. މުޢިއްޒު، ފިޔާޒަށް ގުޅައި އިންޒާރު ދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އެނގެން ނެތް ކަމަށް ޕީޖީން ބުންޏެވެ. އެހެންވެ މި މައްސަލައިގައި ދަޢުވާނުކުރުމަށް ނިންމައިފައިވާ ކަމަށް ޕީޖީން ބުންޏެވެ.

https://sun.mv/203746

"ޙުސައިން ފިޔާޒް މޫސާގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށްވާއިރު، މިއީ އިސްވެ ދެންނެވުނު ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް މި އޮފީހުން ނިންމީއެވެ،" ޕީޖީން ބުންޏެވެ.

ފިޔާޒަށް އިންޒާރުދިން ކަމަށް ބުނާ މައްސަލައިގައި ޖަމިއްޔާތަކުން ވަނީ އެ ކަން ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ.

comment ކޮމެންޓް