އަދަދު ނޫހުގެ އެޑިޓަރު އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒު މޫސާއަށް، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި، އިންޒާރުދެއްވި ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ޖޯނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކުށްވެރިކޮށްފިއެވެ.
އެމްޖޭއޭއިން ނެރުނު ނޫސްބަޔާނުގައި ބުނީ ފިޔާޒަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި، އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް އެ ޖަމިއްޔާއަށް ރަސްމީކޮށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ނޫހުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ވެސް ހުށަހަޅާފައިވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
އެމްޖޭއޭއިން ބުނި ގޮތުގައި ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެ ޖަމިއްޔާއަށް އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ފިޔާޒާއި އަދަދު ނޫހުގައި މަސައްކަތްކުރާ އެހެން ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، އެ ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މީޑިއާއަކުން ގެނެސްދޭ ޚަބަރެއް ނުވަތަ ކޮންޓެންޓެއްގައި ގޯހެއް ވާނަމަ އެކަމެއް ހުށަހަޅަންޖެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަކީ އެ ޖަމިއްޔާއިން އަބަދުވެސް ބާރުއަޅާ ގޮތް ކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ. އެ ނޫން ގޮތްގޮތަށް ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދިނުމަކީ އެ ޖަމިއްޔާއިން ކުށްވެރިކުރާ ކަމެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ.
ހަމައެއާއެކު އަދަދު ނޫހުގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ މައްސަލަ އިންސާފުވެރިކަމާއެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.
މީގެ އިތުރުން އެ ނޫހުގެ އެކި ނޫސްވެރިންނަށް އެކި ފަހަރުމަތިން ލިބިފައިވާ އިންޒާރުތަކާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ހުރިއިރު އެ ކަންކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީ ވެސް އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެ އޮފީހުގެ ކޮމިއުނިކޭޝަންގެ އިސްވެރިން އެއްވެސް ބަހެއް އެ ޖަމިއްޔާއަށް ދީފައިނުވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
މި ފަހުން އެމްޑީޕީގެ އިހުތިޖާޖެއްގެ ތެރެއިން އެ ޕާޓީގެ އެކްޓްވިސްޓަކު ރައީސްގެ ދަރިކަލަކާ ގުޅޭގޮތުން ދެއްކެވި ވާހަކައެއްގެ ސަބަބުން ސިޔާސީ މަޝްރަހު ވަނީ ހޫނުވެފައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނާއި އެޗްއާރުސީއެމްގެ އިތުރުން ދައުލަތުގެ ވަޒީރުން ވެސް ވަނީ އެމްޑީޕީގެ އެ އަމަލު ކުށްވެރި ކުރައްވައިފައެވެ.
އަދި ރައީސް މުއިއްޒާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ދަރިކަލަކާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން، އެމްޑީޕީގެ އެކްޓްވިސްޓަކަށާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މަދަނީ ދައުވާކުރަން ސާޖިދާ ވަނީ ނިންމަވައިފައެވެ.