ހޯޕް އައިލެންޑް ހަދަން އެންމެ ފަހުން ނިންމީ މާގިރިފަޅުގައި، މަޝްރޫއުގެ 'ޓެސްޓިން' މަރުހަލާއެއް ކުރިއަށްގެންދާނެ

މިނިސްޓަރު އިހުސާން: ހޯޕް އައިލެންޑް ހަދަން އެންމެ ފަހުން ނިންމީ މާގިރިފަޅުގައި -- ފޮޓޯ/ ހޯމް މިނިސްޓްރީ

ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް އެ ކުދިން ރަނގަޅު މަގަށް ގެނައުމަށް، "ހޯޕް އައިލެންޑު"ގެ ނަމުގައި ހެދުމަށް ނިންމާފައިވާ ރީހެބިލިޓޭޝަން ފެސިލިޓީ ހަދާނީ މާލެ ކައިރީ އޮންނަ މާގިރިފަޅުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން "ސަންގު ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ، ހޯޕް އައިލެންޑް ތަރައްގީ ކުރަން ފުރަތަމަ ނިންމީ ދ. ވާނީގައި ކަމަށްވީ ނަމަވެސް، މާލެ ސަރަހައްދުގައި އެފަދަ ތަނެއް ހެދުމުން ގޮންޖެހުންތައް ކުރުމަތިވާނެ ކަމަށް ދެނެގަނެވުނު ކަމަށެވެ. އެގޮތުން ދެ މައްސަލައެއް އޭނާ ފާހަގަކުރެއްވިއެވެ.

އެއް ކަމަކަށް، އިޖުތިމާއީ އެހީގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ރާއްޖޭގައި މަދުއިރު، މާލެ ސަރަހައްދުން ބޭރުގައި އެފަދަ މަސައްކަތް ކުރާނެ މީހުން ހޯދަން ދަތިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގިނަ އަދަދެއްގެ ކުދިން ބަލަހައްޓާއިރު، ސިއްހީ ހާލަތެއް ފަދަ ކަމެއް ދިމާވެއްޖެނަމަ، އެ ކުދިން ވާނީން މާލެއަށް ގެންނަން ގިނަ ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެެހެންވެ ސަރުކާރުން ނިންމީ އެ މަޝްރޫއު މާލެ ސަރަހައްދަށް ބަދަލުކުރަން ކަމަށާއި އެގޮތުން ފުރަތަމަ ބިމެއް ހޯދަން ނިންމީ އުތުރުތިލަފަޅުން ކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް އެއީ ވެސް އެފަދަ ފެސިލިޓީއެއް ހަދަން މާލެއާ މާ ދުރު ސަރަހައްދެއް ކަމަށް ރައީސް ނިންމެވި ކަމަށް އޭނާ ހާމަކުރެއްވިއެވެ.

އެ ނިންމެވުމާއެކު، ގުޅިފަޅު ވެސް ބެލި ކަމަށާއި ނަމަވެސް އެ ފެސިލިޓީ ހަދާ ވަރުގެ ޖާގައެއް ނުލިބުނު ކަމަށް އިހުސާން ވިދާޅުވިއެވެ.

އެހެންވީމަ މިހާރު މި ކަނޑައެޅުނީ ތިލަފުށި ކުރިމަތީ އޮންނަ މާގިރިފަޅު އެ އެންމެ ފަހުން މިހާރު ކަނޑައެޅިފައި މި އޮތީ، އެއީ ވަރަށް ކައިރި މިތަނާ، ގާތްގަނޑަކަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި 10 ވަރަކަށް މިނިޓު ތެރޭ ލޯންޗުން ދެވޭނެ
ހޯމް މިނިސްޓަރު އަލީ އިހުސާން

އޭނާ ވިދާޅުވި ގޮތުގައި، މާގިރިފަޅު ތަރައްގީ ކުރުމަށް މިހާރު އީއައިއޭގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައެވެ. އެއަށްފަހު އެ ބިން ހިއްކަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން އަދިވެސް އަމާޒުކުރަނީ، އަންނަ އަހަރުގެ ޑިސެންބަރު ޖެހޭއިރު، ހޯޕް އައިލެންޑްގެ އެއް ފިޔަވަހި ނިންމައި، އެ ތަނަށް ކޮންމެވެސް ވަރަކަށް ކުދިން ގެންދިޔުމަށެވެ. އެއަށްފަހު 2028ގައި ވެސް އެ ފެސިލިޓީގެ ބާކީ ފިޔަވަހިތައް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ހޯޕް އައިލެންޑަކީ އިރާދަކުރެއްވިއްޔާ ހަމަ ދިރިއޮތް، އަޅުގަނޑުމެން ވަރަށް އިސްކަންދީގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް. އަދި އެ ޕްރޮޖެކްޓް ފެށެންދެން މިހާރު އަޅުގަނޑުމެން ވާނެ މި އަންނަ އަހަރު ކުރީކޮޅު އިރާދަކުރެއްވިއްޔާ ވާނީގައި ފުލުހުންގެ ބެލުމުގެ ދަށުން ކުޑަ ކޯހޯޓެއް، މަދު ކުދިންކޮޅެއް ނަގައިގެން އެ ޕްރޮޖެކްޓް ފެށުމުގެ ގޮތުން ޕްރޮޖެކްޓުގެ ޓެސްޓިން ފޭސްއެއްގައި އިންޓަވެންޝަން ޕްރޮގްރާމެއް،" އިހުސާން ވިދާޅުވިއެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން މީގެ ކުރިން އިހުސާން ވިދާޅުވެފައިވަނީ، ސަރުކާރުގެ ވިސްނުމަކީ ކުށްކުރާ ގްރޫޕުތަކާ ގުޅުން އޮންނަ ކުދިން 18 އަހަރު ވަންދެން 'ހޯޕް އައިލެންޑު'ގައި ބޭތިއްބުން ކަމަށެވެ. އެއަށް ފަހުގައި އެ ކުދިންނަށް 18 އަހަރުވުމުން އެސެސްމަންޓު ހެދުމަށް ފަހު މޮނިޓަރިންގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާނެ ކަމަށާއި އެ ނޫން ކުދިން ސިފައިންނާއި ފުލުހުންގެ ތެރެއަށް ރެކްރޫޓު ކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށް ވެސް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް