ޖޭއެސްސީއަށް ސިޓީ ފޮނުވީ ތަހުގީގެއް ނުފަށަނީސް، ޝާމިލްގެ މަގާމު ދިފާއުކުރަން: އަޒްމިރަލްދާ

ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިޓީއެއް ފޮނުވީ އެފަދަ ތަހުގީގެއް ނުފަށަނީސް، އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މަގާމު ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށް އަޒްމިރަލްދާ ތުހުމަތު ކުރައްވައިފިއެވެ.

އަޒްމިރަލްދާ މިއަދު އޭސީސީއަށް ފޮނުއްވި ސިޓީއެއްގައިވަނީ، އޭނާގެ ޖިނާއީ މައްސަލައެއް ބަލާ ކަމަށް ބުނެ މިދިޔަ މަހުގެ 26ގައި އޭސީސީން ޖޭއެސްސީއަށް ސިޓީއެއް ފޮނުވި ނަމަވެސް އެފަދަ ތުހުމަތެއް ކުރާ ކަމެއް އޭގެ ކުރިން އެއްވެސް ފަނޑިޔާރަކަށް އަންގައިފައިނުވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް ސިޓީއެއް ފޮނުވިއިރު، އެކަން ކޮށްފައިވަނީ ކޮމިޝަންގެ އިޖުރާއަތުތަކާއި އުސޫލުތަކުގެ ބޭރުންކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން:

  • ސިޓީ ފޮނުވައިފައިވަނީ އާންމު އުސޫލާ ޚިލާފަށް، އަތުން އަތަށް
  • ސިޓީގައި ސިޓީ ނަމްބަރެއް ނެތް
  • އަޒްމިރަލްދާގެ ތަހުގީގެއް ފަށައިފައިވާ ކަމަށް ބުނި ނަމަވެސް، ތަހުގީގެއް ކުރުމަށް އޭސީސީން ނިންމާފައިނުވުން
  • މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ވެސް، އަޒްމިރަލްދާގެ މައްސަލަ އޮތީ އިވެލިއޭޝަން ނުވަތަ ޕްރީ އިންވެެސްޓިގޭޝަން ސްޓޭޖުގައި ކަން އަދި އެއީ ތަހުގީގު ކުރުމަށް ފެށުމުގެ ކުރިން މައުލޫމާތު އެއްކުރުމުގެ މަރުހަލާކަން

"އެހެންކަމުން އަޅުގަނޑުގެ މައްޗަށް ޖިނާއީ ކުށުގެ މައްސަލަ 'ތަހުގީގުކުރެވެމުންދާ ކަމަށް' ބުނެ ތިޔަ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއްކަން އެނގޭ،" އަޒްމިރަލްދާ ލިޔުއްވާފައިވެއެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، ޖޭއެސްސީއަށް ފޮނުވި ސިޓީގައި ޝާމިލް ވަނީ ހިމަނުއްވާފައިވަނީ ދޮގު މައުލޫމާތެވެ. އަދި އޭނާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ ސިޓީ ފޮނުވީ ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން ކަމަށް އަޒްމިރަލްދާ ތުހުމަތު ކުރެއްވިއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް: އޭސީސީން އަޒްމިރަލްދާގެ މައްސަލައެއް ބަލާ ކަމަށް ބުނެ ޖޭއެސްސީއަށް ސިޓީ ފޮނުވިއިރު، އެފަދަ ތަހުގީގެއް ނުފަށާ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި -- ފޮޓޯ/ އޭސީސީ

މީގެ އިތުރުން، ބަންޑާރަނައިބު އުޝާމް ބޭނުންވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިޔުމަށް ކަމަށްވާތީ އާއި އޭސީސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މީހެއް ކަމަށް ބަޔާންކޮށް މިފަހުން ގާނޫނަށް އިސްލާހު ގެނެސްފައިވާތީ، އަމިއްލަ މަގާމު ދިފާއު ކުރުމުގެ މަސްލަހަތު ވެސް ޝާމިލް އިސްކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެހެންވެ، ޝާމިލް އަމަލުކޮށްފައިވަނީ ތިމާއަށް އަދި މަންފާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށްވާތީ، ޖިނާއީ ކުށުގެ އެ އަމަލު ތަހުގީގުކޮށްދިނުމަށް އަޒްމިރަލްދާ އެދިވަޑައިގަތެވެ.

https://sun.mv/203379

އަޒްމިރަލްދާގެ ވަކީލުން މީގެ ކުރިން ނެރުނު ބަޔާނުގައިވަނީ އޭނާއާ ގުޅޭ ގޮތުން ބަލާ މައްސަލައާ ގުޅޭ ތަފުސީލު އޭސީސީން ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭނާއާ ގުޅޭ ގޮތުން ބަލާ މައްސަލައަކީ، އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމުގެ މައްސަލައެއް ކަމަށް ސޯޝަލް މީޑިއާގައި ވަނީ ވާހަކަދެކެވިފައެވެ. އެހެންނަމަވެސް އަޒްމިރަލްދާގެ ވަކީލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އޭސީސީން އެ މައްސަލައިގައި ހަމައެކަނި ބުނެފައިވަނީ އެ ކޮމިޝަނުގެ ގާނޫނުގައި ބުނާ ކޮރަޕްޝަނުގެ އަމަލެއް އޭސީސީއަށް ހުށަހަޅައިފި ނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަހުގީގު ކުރުމަކީ ކޮމިޝަނުގެ މައްޗަށް އޮންނަ ގާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.

އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަހުގީގު ކުރިއަށްގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ވެސް އޭސީސީން ބުނެފައިނުވެއެވެ.

https://sun.mv/203088

ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައިގެ އެއްވެސް ތަފުސީލެއް މިހާތަނަށް ވެސް އެ ކޮމިޝަނުން ދީފައިނުވެއެވެ. ނަމަވެސް އެ މައްސަލައިގައި، ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންގެ ބަޔާން ނެގުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ޖޭއެސްސީން ވެސް ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލާއިރު، އެ ކޮމިޝަނުން ވަނީ މަހާޒާއި އަޒްމިރަލްދާ ހާޒިރުކުރަން ނިންމައިފައެވެ. އޭގެ ތެރެއިން މަހާޒު އިއްޔެ ހާޒިރުކޮށް، ކްރިމިނަލް ކޯޓުގައި ހިނގި ބަންދުގެ މަޖިލީހަކަށް މަހާޒު ނުފޫޒު ފޯރުވިިތޯ ބެލުމަށް ސުވާލުކޮށްފައިވެއެވެ.

https://sun.mv/203479

މަހާޒުވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.

އެ މައްސަލައިގައި އަޒްމިރަލްދާ މާދަމާ ޖޭއެސްސީއަށް ހާޒިރުވާން އަންގައިފައިވާއިރު، އެ އަޑުއެހުންތައް އާންމުންނަށް ހުޅުވައިލައިގެން ކުރިއަށްގެންދިޔުމަށް އޭނާވަނީ އެދިވަޑައިގެންފައެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން، މެންބަރުން ޕާޓީން ވަކިކުރުމުންނާއި ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަން، މިދިޔަ މަހުގެ 18ގައި އެ ކޯޓުން ނިންމިއެވެ. އޭގެ ފަސް ދުވަސް ފަހުން ސަރުކާރުން ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހަށް ހުށަހަޅައިފައެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ހަމަ އެ ދުވަހު ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންވަނީ، ގާނޫނު އަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަތްކަން ހާމަކުރައްވައިފައެވެ. އެކަމާ ގުޅޭ އަޑުއެހުމެއް މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ 11:00އަށް ތާވަލު ވެސް ކުރިއެވެ.

އެ ދުވަހު ހެނދުނު މަޖިލީހުންވަނީ ފަނޑިޔާރުން މަދުކުރުމުގެ ބިލް ފާސްކޮށްފައެވެ. އަދި އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި އެއިރު ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސްނުއްސުއޫދު ސަސްޕެންޑުކޮށްފައިވާކަން ޖޭއެސްސީން ހާމަކުރިއެވެ. އެއާއެކު އެ ދުވަހު އޮތް އަޑުއެހުން ކެންސަލްކުރިއެވެ.

ސަސްޕެންޝަންގައި ހުންނެވި ހުސްނުއްސުއޫދުވަނީ މިދިޔަ ހަފުތާގެ އަންގާރައިގައި އިސްތިއުފާދެއްވައިފައެވެ. އިސްތިއުފާ ދެއްވަމުން އޭނާވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އޭސީސީއާއި ޖޭއެސްސީން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަޒްމިރަލްދާގެ ވަކީލުން ނެރުނު ބަޔާނެއްގައި ވަނީ، ސަރުކާރުގެ އިސް ފަރާތްތަކުން އޭނާއަށް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް