ފައިސާ ޗާޕު ކުރަނީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުން ފައިސާ ނުލިބުމުން: ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ފައިސާ ޗާޕު ކުރަނީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުން ފައިސާ ނުލިބުމުން ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި ސަރުކާރުން ފައިސާ ޗާޕު ކުރަނީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުން އެއްވެސް ފައިސާއެއް ނުލިބުމުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުޅުމާލެއިން ބިމެއް ވިއްކައި، ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭ މެދުވެރިކޮށް ދެެއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމްޑީޕީންވަނީ ސަރުކާރުން 15 ބިލިއަން ރުފިޔާ ޗާޕުކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ވެއްޓެނީ އިގުތިސާދު ކާރިސާއެއްގެ ތެރެއަށް ކަމުގެ އިންޒާރު ދީފައެވެ.

https://sun.mv/203521

އެ މައްސަލައާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ކުރަން އުޅޭ ކަމަކީ ޒިންމާދާރުކަން ކުޑަ، އަދި އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އިތުރުން އިގުތިސާދީ މާހިރުންގެ ލަފަޔާ ޚިލާފު އަމަލެއް ކަމަށެވެ. އެގޮތުން މާލީ ސިޔާސަތު ހަރުދަނާކޮށް، ޚަރަދުކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އިގުތިސާދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް ދޫކޮށްލުމުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި، އިގުތިސާދަށް ލޮޅުން އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފައިސާ ޗާޕުކުރުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އާއްމު ރައްޔިތުމީހާއަށް ކަމަށެވެ. އެގޮތުން ކާނާއާއި، ތެލާއި، އަސާސީ މުދަލުގެ އަގު ބޮޑުވެ، ޑޮލަރު ހޯދަން މިހާރު ވެސް ދަތިއިރު އިހުނަށްވުރެ އެކަން ވެސް ދަތިވެ، ދިގު ރާސްތާގައި ސަރުކާރަށް ޓެކްސް ބޮޑުކޮށް އާއްމު ޚިދުމަތްތައް މެދުކަނޑާލަން ޖެހޭ ހިސާބަށް ދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްއެމްއޭއިން ބިން ގަންނަން އުޅޭ މައްސަލައަށް ފާޑުވިދާޅުވެ ޝާހިދު ވިދާޅުވީ މަރުކަޒީ ބޭންކަކީ ބިން ބޭނުންވާ ތަނެއް ނޫންކަމަށާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަނުމުގެ މެންޑޭޓްވެސް އޮތް ބައެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ޖެހުނު މަގަކުން ފައިސާ ހޯދަން މަސައްކަތް ފެށީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުންވެސް އެއްވެސް ފައިސާއެއް ނުލިބުމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންވެ، މިއަދުގެ ސަރުކާރަށް ސަރުކާރު ހިންގަން ނޭނގުމުގެ އަގު ދައްކަން ޖެހޭނީ ދިވެހި ރައްޔިތުން ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބިން ގަތުމުގެ ނަމުގައި ސަރުކާރުން ހިންގަން އުޅޭ ކަންކަމަކީ އެމްއެމްއޭގެ ގާނޫނާއި ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ވެސް ޚިލާފު، އަދި އޭގެ ސަބަބުން ދިގު މުއްދަތަކަށް އިގުތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށާއި، އެކަން ވަގުތުން ހުއްޓާލަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕުނުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވެސް ތަކުރާރުކޮށް އެތައް ތަނެއްގައި ވަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވެރިކަމުގެ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ވެސް ފައިސާ ޗާޕުނުކުރުން އެ މަނިކުފާނު ހިމަނުއްވައެވެ.

https://sun.mv/203513

އެހެންނަމަވެސް އެމްއެމްއޭއަށް ބިމެއް ގަތުމުގެ ނަމުގައި އެމްއެމްއޭއިން ފައިސާ ނަގަން މަސައްކަތްކުރުމުން ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި އެގޮތަށް ފައިސާ ނެގުމަކީ ފައިސާ ޗާޕު ކުރުން ކަމަށާއި އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ތަކެތީގެ އަގު ބޮޑުވުމަށް މަގުފަހިވާނެ ކަމަށް އިގުތިސާދީ މާހިރުން އަންނަނީ ބުނަމުންނެވެ.

ހަމައެއާއެކު ފައިސާ ޗާޕު ކުރުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ދެކޮޅު ކަމެއް ކަމާއި، އެ އިދާރާތަކުން ތަކުރާރުކޮށް ބުނަމުން އަންނަނީ ޚަރަދު ކުޑަކުރަންކަން އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެ ބިން ގަތުމަށް ނިންމުމާ ގުޅޭ ގޮތުން ސަރުކާރުން ވެސް އެމްއެމްއޭއިން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެކޭ ބުނެފައިނުވެއެވެ.

comment ކޮމެންޓް