ވަކި ބަޔަކަށް ދިނުމަށް ފުލެޓުތަކެއް ހުސްކުރީއޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، އެއީ އިދިކޮޅު އެމްޑީޕީން ރައްޔިތުންނަށް އޮޅުވައިލުމުގެ ނިޔަތުގައި ދައްކާފައިވާ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ބުނެފިއެވެ.
ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓެއް އެ ސަރުކާރުގެ އެންމެ ފަހު ދުވަސްތަކުގައި ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވިއެވެ. އެއަށްފަހު މި ސަރުކާރުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ފުލެޓު ދިނުމުގެ ހުއްދަ ދިނުމުން ހައުސިން މިނިސްޓްރީން ނިންމީ އަލުން ފޯމުތައް ބެލުމަށެވެ.
އެ މަސައްކަތް ދިގު ދެމިގެންގޮސް، ފުލެޓު ލިސްޓު ނެރެވޭ ވަރުވީ މިދިޔަ މަހުގެ 27ގައެވެ. އެ ލިސްޓު ނެރުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި ސަރުކާރުން އަލުން ބަލައިފައިވަނީ 4،939 މީހެއްގެ ފޯމު ކަމަށެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް
އެ ލިސްޓު ނެރުމާ އެކު އެމްޑީޕީން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ފުލެޓު ލިސްޓު އާއްމުކުރިއިރު ނެރެފައިވަނީ މުޅި ލިސްޓެއް ނޫން ކަމަށާއި، މީގެ ކުރިން ޝަރުތުހަމަވެ ފުލެޓު ލިބުނު މީހުންގެ ނަންތައް ކަނޑައި ދިނީ އަނިޔާއާއި ހިތްދަތިކަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި ކުރީ ސަރުކާރުން 4،000 ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވާ ފޯމުތަކުގެ ބޭރުން މި ސަރުކާރުން 577 މީހެއްގެ މައުލޫމާތު އަލުން ބަލައި ފުލެޓު ދޭން ކަނޑައެޅި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެ ވާހަކަތަކަށް ރައްދު ދީ މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނީ، ފުލެޓު ލިސްޓު ނެރެފައި ވާނީ އޭސީސީގެ ތަހުގީގަށް ފަހު އެ ކޮމިޝަނުން ދީފައިވާ ލަފަޔާ އެއްގޮތަށް ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ. އެގޮތުން ލިސްޓުގައި ހިމެނޭނީ:
- ތިން ކޮޓަރީގެ ފުލެޓަށް އެދި ފޯމު ލީ ފަރާތްތަކުގެ ތެރެއިން 76 ޕޮއިންޓް ލިބި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް.
- ދެ ކޮޓަރި ފުލެޓަށް އެދި ފޯމުލީ ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓް ލިބި ފުލެޓު ލިބޭނެކަމަށް އިއުލާނުކޮށްފައިވާ ފަރާތްތައް.
- 75 ޕޮއިންޓު ލިބި ގުރުއަތަށް ދާނެ ކަމަށް އިއުލާނުކޮށްފައިވާ ފަރާތްތައް.

އެފްޑީސީން އަޅަމުންދާ ފްލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފްލެޓެއް -- ސަން ފޮޓޯ
މިނިސްޓްރީން ބުނީ އެ ނޫން އެއްވެސް ފަރާތެއްގެ ފޯމެއް އެ މަރުހަލާގައި ބަލާފައި ނުވާނެ ކަމަށެވެ. އަދި ތިން ކޮޓަރީގެ ފުލެޓަށް އެޕްލައި ކޮށްފައިވާ މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ ދަށްކޮށް މާކްސް ލިބުނު އެއްވެސް ފަރާތެއްގެ ފޯމު އެ މަސައްކަތުގައި ބަލާފައި ނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަދި ފުލެޓު ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފުލެޓު، މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައި ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކަށް ލިބިފައިވާ ފުލެޓެއް އެހެން ފަރާތަކަށް ދިނުމަށް ކަނޑައެއްނާޅާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ މާލޭގައި ރަށްވެހިވެފައިވާ ފަރާތެއް ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާނަމަ ޑިސްކޮލިފައި ނުވާނެ ކަމަށެވެ. އަދި މާލޭގެ ރަށްވެއްސަކަށް ވީތާ 15 އަހަރު ނުވާނަމަ، އެ މުއްދަތުގައި މާލޭގައި އުޅުނުކަން ބެލުމަށް ލިޔުންތަކަށް ބަލާފައިވާނެ ކަމަށް ވެސް ބުންޏެވެ. އަދި އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާނަމަ އައިސްފައިވާނީ ފޯމުލީ ފަރާތުން ދީފައިވާ މައުލޫމާތާއި ޚިލާފަށް ޕޮއިންޓު ދީފައިވާނަމަ ކަމަށާއި، އެކަން ޕޯޓަލުން އެނގެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކައުންސިލްތަކުން ދީފައިވާ ލިޔުންތަކުގެ ތެރޭގައި ފާހަގަކުރެވިފައި ވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްތަކުގެ ކައުންސިލްތަކުން ދީފައިވާ ލިޔުންތައް ކަމަށެވެ. އެހެންކަމުން ލިޔުންތަކުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެފްޑީސީން ހަދާ 4،000 ފުލެޓުގެ މަސައްކަތް ކުރީގެ ހައުސިން މިނިސްޓަރު ހައިދަރު ބައްލަވައިލައްވަނީ -- ފޮޓޯ/ ހޯމް މިނިސްޓްރީ
ހަމައެއާއެކު ދެމަފިރިންނަށް އެއް ސްކީމަކުން ފުލެޓު ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ދެމަފިރިން ހިމެނިފައިވާނަމަ އެ ދެފަރާތަށް ވަކިން ދެ ފުލެޓެއް ނުލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި 4،000 ފުލެޓު ލިބުމުގެ ފުރުސަތު ނުލިބޭ ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހައްމަލުކުރަން ނުޖެހޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން އެ ފަރާތްތަކަށް ވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން ވަނީ މިނިސްޓްރީން ދީފައެވެ.
ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ.
މިނިސްޓަރު މުއްތަލިބު ވަނީ ބާކީ ފުލެޓުތައް ދޭނީ، އިތުރަށް ހުރި ފޯމުތައް އަލުން ބެލުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.