މި ސަރުކާރުން ފުލެޓު ލިސްޓު އިއްޔެ އާއްމުކުރިއިރު ނެރެފައިވަނީ މުޅި ލިސްޓެއް ނޫން ކަމަށާއި، މީގެ ކުރިން ޝަރުތުހަމަވެ ފުލެޓު ލިބުނު މީހުންގެ ނަންތައް ކަނޑައި ދިނީ އަނިޔާއާއި ހިތްދަތިކަން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2024ގައެވެ. އެހެންނަމަވެސް އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވިއެވެ.
އެއަށްފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ފެށުނު ފަހުން، މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ، ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ. މި ސަރުކާރުން ނިންމީ، ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށެވެ. އެއަށްފަހު ލިސްޓު ނެރޭނެ އެކި ތާރީޚުތަކެއް ދިން ނަމަވެސް އެ ތާރީޚުތަކުގައި ލިސްޓު ނެރެފައިނުވެއެވެ.

އެފްޑީސީން ހަދާ 4،000 ފުލެޓުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ/ ހޯމް މިނިސްޓްރީ
މި ސަރުކާރުން އިއްޔެ ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ. ނަމަވެސް އެ ލިސްޓުން ދައްކާ ގޮތުގައި ޝަރުތު ހަމަވަނީ 1،820 ފަރާތަކަށެވެ.
ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ލިސްޓު ނެރުނު ނަމަވެސް ހަގީގަތުގައި މުޅި ލިސްޓެއް ނުދައްކާ ކަމަށެވެ.
"ކުޑަ ތަންކޮޅެއް ނެރެ ދައްކާލައިފާ މި ބުނަނީ މިއޮތީއޭ. ދެން ތިބި މީހުންނަށް ލިބިފައި ހުރި ތަންތަން އަދި އެހެން ބަޔަކަށް ނުދެމޭ،" ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން ފުލެޓު ލިބުނު މީހުންނަށް ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންނަމަވެސް ޝަރުތު ފުރިހަމަވި މީހުންގެ ތެރޭގައި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ތިބިއިރު ހައިރާންވާކަމަކީ 20ކަށް އަހަރު ރާއްޖެއިން ބޭރުގައި އުޅެފައި އައި ވަޒީރުގެ ޝަރުތު ހަމަވުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް ފުރަމާލޭގައި ނިކަމެތިކަމާއެކު އުޅުނު އެތައް ބަޔަކު ޝަރުތުހަމަނުވުމަކީ ސީދާ އަނިޔާވެރިވުން ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.

އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ވިދާޅުވީ މުޅި ލިސްޓެއް ނުދައްކާ ކަމަށް -- ފޮޓޯ/ އެމްޑީޕީ
ޝާހިދު އެ އިޝާރާތްކުރެއްވީ މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދުގެ ނަން ފުލެޓު ލިސްޓު ނެރުނުއިރު އޮތުމުންނެވެ. ނަމަވެސް ހައިދަރު ވަނީ އޭނާއަށްވުރެ މާ ހައްގުވެރި އެހެން ރައްޔިތުން ތިބިކަމަށް ވިދާޅުވެ ފުލެޓް ދޫކޮށްލުމަށް ނިންމަވައިފައެވެ.
"ހެޔޮނުވާނެއްނޫންތޯ މިވަރަށް އަނިޔާވެރިވާކަށް. ރޯދަމަހަށް އެއް ދުވަހަށް ވީމާ ލިސްޓު މި ނެރުނީ. ލިސްޓު ނެރުނުއިރު 3،000 އެތައް ބައެއްގެ ނަން ކަނޑާލާފައޭ މި ނެރުނީ،" ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އާންމުގޮތެއްގައި ރަމަޟާންމަހަށް މަރުހަބާ ކިޔާއިރު ހުންނަ ހިތްހަމަޖެހުމާ އުފާވެރިކަން މިހާރު ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފަ މިއޮތީ. އެއީ ރާއްޖޭގަ މިހާރު މިއޮތް އަނިޔާވެރި، ދޮގުހަދާ، މަކަރުވެރި ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް މިއޮތީ މާޔޫސްކަން އައިސްފަ،" ޝާހިދު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ހައުސިން މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށެވެ.
ފުލެޓު ލިސްޓު ނެރެފައިވަނިކޮށް ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ލިސްޓަށް ޒައްރެއްގެ މިންވަރަށް ވެސް ނުފޫޒު ފޯރައިފައި ނޯންނާނެ ކަމަށާއި އެއީ މިހާތަނަށް ނުފޫޒެއް ނުފޯރުވާ ނެރުނު އެންމެ ފުރަތަމަ ފްލެޓް ލިސްޓު ކަމަށް ވިދާޅުވެފައެވެ. އަދި މި ވެރިކަމުގެ ދައުރު ނިމޭއިރު، މާލޭގައި ދިރިއުޅޭ 18 އަހަރު ފުރިފައިވާ ހުރިހާ އެންމެނަށް ވެސް ގެދޮރުވެރިކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.
comment މުޙައްމަދު
2 month 3 week ago
އަނިޔާ އެއްނޫންބަ ފެންނަށް ނުހުންނަ ތަންތަނާއި ގޯތި މިން ކަނޑަ ޖަހާލާނެ ތަނެއްވެސް ނުފެނި މީސް މިހުން އަވާގަ ޖައްސާފައި ގޯތިތަށް ދިނީ، ރައްޓެހިންނަށް ދިނީ ހަމަބިމުން
comment ސުވާދީބު ބޯއި.
2 month 3 week ago
ރޯދައަށް އެންމެ ދުވަހެއް ވެއްޖެޔޭ ކިޔާ އުފައްދާ ފިތުނަ ފަސާދަ ނިކަން ބަލާބަލަ. 4000 ފުލެޓް ހައްގުނުވާ އެތައް ބަޔަކަށް ބަހާލިއިރު، އަޞްލު ހައްގުވެރިން ކަރުނައަޅާ ރޯންތިބިތަން އެމްޑީޕީ ސަރުކާރުގައި އޮތް ދުވަސްވަރު ހަމަ ނުފެނުނީތޯ. ސިޔާސީގޮތުން ފުންނާބު އުސްވުމަކީ، ދޮގު ހެދުމާއި ފިތުނައިގެ ކުންނަށް އެރުން.
comment ސުރއްޔާ
2 month 3 week ago
ހިޔާފުލެޓުން 3000 ފުލެޓް ލިބިފަ ތިބމީހުން އަތުން ކާލިހަދާން އެބަހުރިތޯ.. ފިޯވިއްކާގެން ލަގުޒަރީ ފުލެޓް ގަނޭ
comment ވައިހޭމީހާ
2 month 3 week ago
ބަލަޝާހިދު އެމްޑީޕީ ސަރިކާރުގައި ހިޔާފުލެޓް ލިބިނުފަރާތްތަކަށް ދިނީ އޯގާތެރި ފިރުވުމާއި އަޅާލުންތޯ ނުވަތަ އެފަރާތްތަކުގެ އަތުން ފުލެޓްފޭރިގެން އިރު ތިޔަ ދެލޮލަށް ހުރީ އަފިހުން އެޅިފަތޯ ؟ ކަލޭތީ ކާޕެޓް ދިރުވާލި ގައްދާރެއް. ކަލޭމެން ކޮންމެ ކަމެއް ކުރިޔަސް އެއީ އޯގާތެރިކަން އެހެންބަޔަކު ފުލެޓެއްދިނަސް އެހީތެރިކަމެއް ރައްޔަތަކަށްދިނަސް އެއީ އަނިޔާ! ތީމިޤައުމުދުއް އެންމެ އަނޔާވެރި އެކަކު، ކޮވިޑުދުވަސްވަރު ރައްޔަތުންގެ ޚަޒާނާ ދަވާލިޓީމްތީ،
comment ކަމަނަ
2 month 3 week ago
ޒިފްލީނާ ފޯމްފުރި ރައްޓެހިންނަށް ނިލިބުނީމަދޯ މައްސަލައަކީ
comment ނުކިޔަވާ މީހަ
2 month 3 week ago
ޝާހިދުމެން ލަދުހަޔާތެއް ނުހުންނާނެ!!! އެއީ ޑިމޮކްރަސީގެ އެން އުސް ކުންނު!!!!
comment ޚަމަނަ
2 month 3 week ago
ކަލޭމެން ޝަރުޠު ހަމަނުވާ މީހުނަށްވެސް ފްލެޓްދޭން ނިންމާފަ އޮތީ ކަލޭމެންގެ ސަރުކާރުގެ ދުވަސްވަރު އޭސީން ފްލެޓްް ދިނުން ހުއްޓުވީވެސް ކަރަޕްޝަނަށް މަގުފަހިކޮށްފަ ވާތީ. ކޮންވާހަކައެއް ތިޔަ ދައްކަނީ ރައްޔިތުން ވާވައްދަން. ތިޔަބައިގަނޑުވެސް ކުރީ ހެޔޮވެރިކަމެއް ނޫން. ގައުމު ބަގުރޫޓް ކޮށްލާފަ ވާހަކަދައްކަން ލަފު ހަޔާތް މަދުވާނީ ތިހާވަރަށް