ވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމަކީ ދިވެހި ކޮންޓްރެކްޓަރުންނަށް ފައިދާވާނެ ކަމެއް: މުއްތަލިބު

މިނިސްޓަރު މުއްތަލިބު، އެފްޑީސީ ފްލެޓުތަކުގެ މަސައްކަތް ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތައަށް ބޮޑުކުރުމަކީ ދިވެހި ކޮންޓްރެކްޓަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، 20 ޖުލައި 2021 ގައި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތައިން ފަސް އިންސައްތައަށް ކުޑަކުރުމަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވާފައެވެ.

މި ބަދަލުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނާ އަޅައި ބަލާއިރު ބޭރުގެ ކޮންޓްރެކްޓަރުންނަށް ޓެކްސްގެ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

https://www.sun.mv/226121

އެހެންކަމުން، އަލުން މި ޓެކްސް 10 އިންސައްތައަށް އިއާދަކުރުމަކީ މި ފަރަގު ނައްތާލައި، ދިވެހި ކުންފުނިތަކަށް ވާދަވެރި މާހައުލެއް ގާއިމުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޭރު ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މިއަދު ވަނީ އިސްލާހު ހުށަހަޅާފައެވެ. މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރު ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ވެސް ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކަށް ވާދަކުރުމުގައި ދިވެހި އަދި ބޭރު ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ މާހައުލެއް ގާއިމުކުރުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ރާއްޖޭން ބޭރު ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާ ނަމަ، ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި 10 އިންސައްތަ އުނިކުރަން ޖެހޭނެއެވެ.

ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް ދައުލަތަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ. އާންމު ގޮތެއްގައި މި ޓެކްސް ނަގަނީ ރޯޔަލްޓީއާއި، ޓެކްނިކަލް ފީއާއި، ޑިވިޑެންޑްގެ އިތުރުން ކޮންޓްރެކްޓް މަސައްކަތްތަކަށް ދައްކާ ފައިސާއިންނެވެ. މި ނިޒާމުގެ ސަބަބުން ޓެކްސް ނުދައްކައި ފައިސާ ބޭރުވުން ހުއްޓުވައި، ދައުލަތުގެ އާމްދަނީ ރައްކާތެރިކޮށްދެއެވެ.

comment ކޮމެންޓް