ކުރީގެ ލިސްޓުން ބޭރުން 577 ފޯމެއް އަލުން ބަލައި، ފުލެޓު ދިން: އެމްޑީޕީ

ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: މި ސަރުކާރުން ބުނި އަަދަދަށްވުރެ އިތުރަށް ފުލެޓު ލިސްޓުގެ ފޯމުތައް ރިވިއުކުރި ކަމަށް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

ގެދޮރުވެރިޔާ ސްކީމުން 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު އަލުން ރިވިއުކުރިއިރު މި ސަރުކާރުން ބެލި ކަމަށް ބުނާ ފޯމުގެ އަދަދަށް ވުރެ އިތުރަށް ފޯމު ބަލައި، 56 މީހެއްގެ ޕޮއިންޓު އިތުރުކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓެއް އެ ސަރުކާރުގެ އެންމެ ފަހު ދުވަސްތަކުގައި ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވިއެވެ.

އެއަށްފަހު މި ސަރުކާރުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ފުލެޓު ދިނުމުގެ ހުއްދަ ދިނުމުން ހައުސިން މިނިސްޓްރީން ނިންމީ އަލުން ފޯމުތައް ބެލުމަށެވެ.

އެ މަސައްކަތް ދިގު ދެމިގެންގޮސް، ފުލެޓު ލިސްޓު ނެރެވޭ ވަރުވީ މިދިޔަ މަހުގެ 27ގައެވެ. އެ ލިސްޓު ނެރުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި ސަރުކާރުން އަލުން ބަލައިފައިވަނީ 4،939 މީހެއްގެ ފޯމު ކަމަށެވެ.

އެއީ ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރިއަށް ކުރިމަތިލި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ ގިނައިން ލިބުނު 1،218 މީހުންނާއި ތިން ކޮޓަރިއަށް ކުރިމަތިލި މީހުންގެ ތެރެއިން 75 ޕޮއިންޓަށްވުރެ މަތީން ލިބުނު 3،721 މީހުންގެއެވެ.

އެ ލިސްޓާ ގުޅޭ ގޮތުން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، ކުރީ ސަރުކާރުން 4،000 ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވާ ފޯމުތަކުގެ ބޭރުން މި ސަރުކާރުން 577 މީހެއްގެ މައުލޫމާތު އަލުން ބަލައި ފުލެޓު ދޭން ކަނޑައެޅި ކަމަށެވެ.

"އެއީ ކުޑަ އަދަދެއް ނޫން އަޅުގަނޑުމެންގެ 4،000 ފުލެޓު ދިން މީހުންގެ ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މައުލޫމާތު ރިވިއުކޮށްފައި އެ މީހުންނަށް ފުލެޓް ދޭނެ ކަމަށް ޑރ. މުއްތަލިބުގެ ލިސްޓުގައި އެބައޮތް އިއުލާންކޮށްފައި. މީގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވި 56 ބޭފުޅަކު އެބަވޭ، އެއްވެސް ބޭފުޅަކަށް ފުލެޓެއް ލިބުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން އެހެން ނަމަވެސް 56 ފަރާތެއްގެ މާކްސްއާ ކުޅެ، މާކްސް މަތިކޮށްފައިވޭ،" އޭނާ ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވީ މި ސަރުކާރުން ފޯމުތައް ރިވިއުކުރުމުގެ ނަމުގައި މީހުންނަށް ލިބިފައިވާ ޕޮއިންޓުތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ކޮން އުސޫލަކުން ކަމެއް ވެސް އެނގެން ނެތް ކަމަށެވެ.

ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ): ކުރީ ސަރުކާރުގެ ފުލެޓު ލިސްޓުގެ ބޭރުން 577 މީހެއްގެ ފޯމު މި ސަރުކާރުން ބެލި ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

މީގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު އަދި މިހާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ވެސް ފުލެޓު ލިބޭ ކަމަށް ލިސްޓުގައި އޮތް އޮތުން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ނެރުނު ލިސްޓުގައި ވެސް ހައިދަރަށް ޝަރުތު ހަމަވާ ކަމަށް އޮތްކަން މުއްތަލިބު ފާހަގަކުރައްވާއިރު، އެއިރު ޝަރުތު ހަމަވި މީހުންގެ އަދަދު 15،751އަށް އަރާ ކަމަށެވެ.

"އޭގެ ތެރެއިން ކޮން އުސޫލަކުންތޯ ޑރ. ހައިދަރުގެ ދެމަފިރިންނަށް ފުލެޓެއް ދޭން ކަނޑައެޅުއްވީ. ޝަރުތު ހަމަވަނީ ހަމައެކަނި ޑރ. ހައިދަރުގެ ދެމަފިރިކަނބަލުންނެއް ނޫން. މި ދެންނެވި 15،571 ފަރާތުގެ ތެރެއިން ހަމައެކަނި ދެ ފަރާތެއްގެ ވާހަކަ މިނިސްޓަރު މުއްތަލިބު ދެއްކެވީމަ އަޅުގަނޑު ވަރަށް ކަންބޮޑުވޭ،" އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ފުލެޓާއި ގޯތި ދިނުމަށް އެކުލަވާލި ކޮމިޓީގައި އިސްކޮށް ހުންނެވި، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ވަނީ ހައިދަރަށް ފުލެޓު ލިބޭނެ ކަމަށް އޮތުމުން އެކަމަށް އިޝާރާތް ކުރައްވައިފައެވެ. އެގޮތުން މި ސަރުކާރުން ބުނި އަދަދަށް ވުރެ އިތުރަށް ފޯމު ބަލައިފައިވާކަން ހާމަވަނީ ހައިދަރު އައު ލިސްޓުގައި ހިމެނިފައިވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިސްޓަރު ހައިދަރުގެ ދެކަނބަލުން ފުރަތަމަ ނޯންނާނެ [ފުލެޓު] ލިބިފަކާއެއް، 75 ޕޮއިންޓު ލިބުނަސް އެއިރު 75 ޕޮއިންޓް ލިބިގެން ގުރުއަތުލީ ފަރާތްތަކުގެ ތެރޭގައި އެ ދެ ކަނބަލުން ހޮވިފަކައެއް ނުވޭ. އެހެންވީމަ އެއިރު ލިބިވަޑައިގެންފަކާއެއް ނެތް އެކަމަކު މިފަހަރު މި ބޭފުޅުން މި ހެއްދެވި އިރު ހައިދަރަށް ލިބިވަޑައިގެންފި،" އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މިއީ ހަމަ ސީދާ ލިސްޓަށް އަތް ބާނުއްވައިގެން [ރައީސް ޑރ. މުޙައްމަދު] މުއިއްޒާއި މުއްތަލިބު ހާވާފައި އޮތް ހަޑިއެއް."

https://sun.mv/203138

ހައިދަރަށް ފުލެޓު ލިބުނު ކަމުގެ މައުލޫމާތު އާންމު ވުމުން އޭނާ ވަނީ، ފުލެޓު މާ ހައްގު އެހެން މީހުން ތިބިކަމަށް ވިދާޅުވެ ފްލެޓް ދޫކޮށްލައްވައިފައެވެ.

ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ.

https://sun.mv/203121

މިނިސްޓަރު މުއްތަލިބު ވަނީ ބާކީ ފުލެޓުތައް ދޭނީ، އިތުރަށް ހުރި ފޯމުތައް އަލުން ބެލުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް