ލިސްޓުން އުނިކުރި ހައްގުވެރިންނަށް އެމްޑީޕީގެ ވެރިކަމެއްގައި ފުރަތަމަ ފުލެޓުތައް ދޭނެ: އިބުރޭ

ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފުލެޓެއް: އަހަރަކަށްވުރެ ގިނަ ދުވަސްފަހުން، ފުލެޓު ލިސްޓު ވަނީ އަލުން އާންމުކޮށްފައި --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 4،000 ފުލެޓު ދިނުމަށް މި ސަރުކާރުން އެކުލަވާލި ލިސްޓުން އުނިކުރި، ފުލެޓު ހައްގުވާ މީހުންނަށް އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި އަޅާ ފުރަތަމަ ފުލެޓުތައް ދޭނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓެއް އެ ސަރުކާރުގެ އެންމެ ފަހު ދުވަސްތަކުގައި ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވިއެވެ.

އެއަށްފަހު މި ސަރުކާރުގައި، ފުލެޓުތައް ލިބުނު 4،939 މީހެއްގެ ފޯމު އަލުން ބަލައި އެކުލަވާލި ލިސްޓުން ފުލެޓަށް ޝަރުތު ހަމަވަނީ 1،820 މީހުންނެވެ.

އެމްޑީޕީން ވަނީ އެ ލިސްޓުން ބާކީވި 3،119 މީހުންނަށް އެހީވާން ޕޯޓަލްއެއް ތައާރަފުކޮށްފައެވެ. އަދި އެކަމަށް ޚާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު 7571637 ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެ ޕޯޓަލް ތައާރަފުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބުރޭ ވިދާޅުވީ އެމްޑީޕީން އެކުލަވާލި ލިސްޓަކީ ވަރަށް ރަނގަޅަށް ބަލައިފައި އެކުލަވާލި ލިސްޓެއް ކަމަށާއި އޭގެ ތެރެއިން ލިސްޓުން އުނިވި މީހުންގެ ހައްގުގައި އެމްޑީޕީން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

"އެ ލިސްޓުގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެއިން ޑިސްކޮލިފައި ކޮށްފައިވާ މީހުން، ޑިސްކޮލިފައި ކޮށްފައިވާ ހުރިހާ ހައްގުވެރިންނަށް އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި އެންމެ ފުރަތަމަ އަޅުގަނޑުމެން އަޅާ ފުލެޓުތަކުން އެ ބޭފުޅުންނަށް ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ދޭނަން،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިމަހުގެ ނިޔަލަށް އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

https://sun.mv/203441

އޭގެ އިތުރުން މާދަމާ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 09:15އިން ފެށިގެން 11:30އަށް ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ހަރުގެއަށް ގޮސް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ.

މިނިސްޓަރު މުއްތަލިބު ވަނީ ބާކީ ފުލެޓުތައް ދޭނީ، އިތުރަށް ހުރި ފޯމުތައް އަލުން ބެލުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން ވަނީ ފުލެޓު ލިސްޓު އާންމުކުރުމަށްފަހު، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ އެއް ވަނަ ދުވަހު ހުޅުވާލައިފައެވެ. މިމަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅެން އޮތްއިރު، ތިން ދުވަހުގެ ތެރޭގައި 600އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

comment ކޮމެންޓް