މި ސަރުކާރުން ނެރުނު ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނުނު މީހުންނަށް އެހީވާން އިދިކޮޅު އެމްޑީޕީން ޕޯޓަލެއް ތައާރަފުކޮށްފިއެވެ.
މިދިޔަ ސަރުކާރުގައި ފުލެޓު ލިބޭ ކަމަށް ކަނޑައެޅި 4،939 މީހެއްގެ ފޯމު އަލަން ބަލައި، މި ސަރުކާރުން އާންމުކުރި ލިސްޓުގައި ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވަނީ 1،820 މީހުންނަށެވެ.
އެމްޑީޕީން ބުނީ، މި ޕޯޓަލްގެ ބޭނުމަކީ ފްލެޓު ލިސްޓަށް މި ސަރުކާރުން ބަދަލު ގެނެސް އެތައް ހައްގުވެރިންނެއް އުނިކޮށްފައިވާތީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެކަމަށް ޚާއްސަ ކޮށްގެން އެ ޕާޓީން ވަނީ ހޮޓްލައިން ނަމްބަރެއްވެސް ގާއިމްކޮށްފައެވެ.
އެމްޑީޕީން ވަނީ ފްލެޓު ލިސްޓާ ގުޅޭ ޝަކުވާއެއް އޮތްނަމަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް މިހާރު ހުޅުވާލައިފައެވެ. އަދި އެކަމަށް ޚާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު 7571637 ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ވަނީ މި ޕޯޓަލް އަދި ހޮޓްލައިން މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މާޗު މަހުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެ ކަމަށް ބުނެފައެވެ.
އޭގެ އިތުރުން މާދަމާ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 09:15އިން ފެށިގެން 11:30އަށް ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށި ހަރުގެއަށް ގޮސް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.
ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ.
މިނިސްޓަރު މުއްތަލިބު ވަނީ ބާކީ ފުލެޓުތައް ދޭނީ، އިތުރަށް ހުރި ފޯމުތައް އަލުން ބެލުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން ވަނީ ފުލެޓު ލިސްޓު އާންމުކުރުމަށްފަހު، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ އެއް ވަނަ ދުވަހު ހުޅުވާލައިފައެވެ. މިމަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅެން އޮތްއިރު، ތިން ދުވަހުގެ ތެރޭގައި 600އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.