ފުލެޓު 1820 މީހުންނަށް، ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން

ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފުލެޓުތައް: ފުލެޓު 1820 މީހުންނަށް، ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން -- ފޮޓޯ/ ޕީއެސްއެމް

މިދިޔަ ސަރުކާރުގައި އިއުލާންކުރި ބޯހިޔާވަހިކަމުގެ ސްކީމް، ގެދޮރުވެރިޔާގެ ދަށުން ދޫކުރަން ނިންމާފައި އޮތް 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2024ގައެވެ. އެހެންނަމަވެސް އޭގެ ޖެހިގެން އައި ދުވަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.

މުއްތަލިބު ވިދާޅުވީ މި ސަރުކާރުން ފުލެޓު ލިސްޓުގެ ފޯމުތަކުގެ ޕޮއިންޓުތައް ބެލުމުގައި ބަލައިފައިވާނީ، 2022ގައި ގެޒެޓުކުރި، ގެދޮރުވެރިޔާގެ ފުލެޓު ދިނުމުގެ އުސޫލަށް ކަމަށެވެ. އެ އުސޫލުގައިވަނީ، 73 ޕޮއިންޓް ލިބިފައިވާ ފަރާތްތައް ދެ ކޮޓަރީގެ އެޕާޓްމެންޓަށް ޝަރުތު ހަމަވާ ކަމަށެވެ. އަދި ތިން ކޮޓަރި ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 76 ޕޮއިންޓް ލިބޭ މީހުންނަށެވެ. އަދި 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ބާކީ ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ބަހަން ގުރުއަތު ނަގާނެ ކަމަށް އެ ސަރުކާރުން ނެރުނު އިއުލާނެއްގައިވެއެވެ.

ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި 73 ޕޮއިންޓަށް ވުރެ ގިނައިން 1،218 ފަރާތަކަށް ޕޮއިންޓް ލިބިފައިވާއިރު، 75 ޕޮއިންޓަށްވުރެ މަތީން 3،721 ފަރާތަކަށް ޕޮއިންޓް ލިބިފައިވެއެވެ.

މުއްތަލިބު ވިދާޅުވީ އެ އަދަދުތަކަށް ޕޮއިންޓް ލިބުނު މީހުންގެ ފޯމުތައް ހައުސިން މިނިސްޓްރީން ބެލި ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި ޕޮއިންޓް އުނިވެގެން ޕޮއިންޓް ހަމަނުވާ ފަރާތްތައް ފާހަގަކޮށް، ފުލެޓު ނުލިބޭ މީހުންގެ ގޮތުގައި މިހާރު ކަނޑައަޅައިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން ވެރިފިކޭޝަން ކުރިއަށްގެންދިޔަ ލިސްޓުގައި ހިމެނެނީ ޖުމްލަ 4،939 ފަރާތެއް. މި ވެރިފިކޭޝަންގެ ތެރެއިން 15 ނޮވެމްބަރުގައި އިއުލާނުކުރި ތިން ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓް ނުލިބޭ އެއްވެސް ފަރާތެއްގެ ފޯމު ބަލައި ޗެކްކުރެވިފައި ނުވާނެ، އަދި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓް ނުލިބޭ އެއްވެސް ފޯމެއް ޗެކްކުރެވިފައެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

"މާނައަކީ އަޅުގަނޑުމެން މި ލިސްޓަށް އެއްވެސް ފަރާތެއް އިތުރު ކުރުމަށް އެއްވެސް އިތުރު ފޯމެއް ބަލައިފައެއް ނުވާނެ."

އި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު: ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ކުލިން 2،000 ރުފިޔާ ވަނީ ބޮޑުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.

އޭނާ ވިދާޅުވީ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްގެންދިޔައީ ޕޯޓަލްއަށް ހުށަހަޅައިފައިވާ މައުލޫމާތު ބޭނުންކޮށްގެން ކަމަށާއި އެއަށް ބަދަލު ގެނައުމުގެ ފުރުސަތެއް އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ކުރިއަށްގެންދިޔަ ޕްރޮސެސްގެ ތެރެއިން ގެނައި ބަދަލާއެކު ޕޮއިންޓަށް އައި ބަދަލުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް ކަނޑައަޅަފައިވާ މިންވަރަށް ޕޮއިންޓް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.

އެ ލިސްޓު އާންމު ކުރުމާއެކު، ޝަރުތު ހަމަވާ މީހުންނަށް ފުލެޓު ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ޝަރުތު ހަމަނުވާ މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެއް މަހަށް ދޭނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅެން އޮންނައިރު، އާންމު ފަރާތެއްގެ ޝަކުވާއެއް އޮތް ނަމަ މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ، ވެރިފިކޭޝަނަށް ފަހު ބެލިބެލުމުން ތިން ކޮޓަރިއަށް ޝަރުތުހަމަވި 3،721 މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ މަތިން ލިބުނީ 1،423 ފަރާތަކަށް ކަމަށެވެ. އަދި ދެ ކޮޓަރިއަށް ކުރިން ޝަރުތުހަމަވި 1،218 މީހުންގެ ތެރެއިން ޝަރުތުހަމަވީ 397 ފަރާތަކަށް ކަމަށެވެ. އެއީ 1،820 މީހުންނެވެ.

ހައުސިން މިނިސްޓްރީން ބެލި ފޯމުތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި 2,695 ފޯމުގައި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައިފައިވާނެ ކަމަށާއި، ޕޮއިންޓަށް ގެނައި ބަދަލާއެކު 424 ފަރާތެއް ލިސްޓުން އުނިވެފައިވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ބެލިބެލުމުން އައި ބަދަލުތަކުގެ އިންސައްތައިންވެސް މުއްތަލިބު ވަނީ ތަފާސްހިސާބު ހިއްސާކުރައްވައިފައެވެ. އެގޮތުން ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން ލިބިފައިވާ ޕޮއިންޓަށް އައި ބަދަލަށް ބަލާއިރު، 36 ޕަސެންޓް ފޯމުގެ ޕޮއިންޓް ބަދަލުވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ގެންދިޔަ ޕްރޮސެސްގެ ތެރެއިން ޕޮއިންޓަށް ގެނައި ބަދަލާއެކު އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް ކަނޑާއަޅައިފައިވާ މިންވަރަށް ޕޮއިންޓު ލިބިފައިނުވޭ،" މުއްތަލިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅަން ޖެހުނު މައިގަނޑު ސަބަބަކީ މާލޭގައި 15 އަހަރު ދިރިއުޅެފައިވާ ކަމަށް ސާބިތުކުރުމަށް ހުށަހަޅައިފައިވާ ލިޔުންތަކުގައި ހުރި މައްސަލަ ކަމަށެވެ.

comment ކޮމެންޓް