މާ ހައްގު އެހެން މީހުން ތިބިކަމަށް ވިދާޅުވެ ފްލެޓް ދޫކޮށްލަން ހައިދަރު ނިންމަވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދު -- ފޮޓޯ/ ރައީސް އޮފީސް

ބޯހިޔާވަހިކަމަށް ފްލެޓް ލިބުން އޭނާއަށްވުރެ މާ ހައްގުވެރި އެހެން ރައްޔިތުން ތިބިކަމަށް ވިދާޅުވެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ލިބިވަޑައިގެންނެވި ފްލެޓް ދޫކޮށްލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު މިރޭ ނިންމަވައިފިއެވެ.

ފްލެޓަށް ޝަރުތު ހަމަވާ ލިސްޓުގައި ހައިދަރު ހިމެނުމާއެކު ބައެއް އާންމުން އައީ ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުކުރަމުންނެވެ.

އެއާއެކު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައިދަރު ވިދާޅުވީ އޭނާ މިހާރު ހުންނެވި ހައިސިއްޔަތުގެ ގޮތުން އެ ފްލެޓް ލިބުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އަދި އެ ދެމަފިރިންނަށްވުރެ ފްލެޓް ހައްގުވާ އެތައް ބައިވަރު އެހެން އާއިލާއެއް ތިބޭނެކަމަށާއި އެހެންވެ ފްލެޓް ދޫކުރަން ގަސްދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ގެދޮރުވެރިޔާގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ލިސްޓުގައި ހައިދަރުގެ ދެމަރިފިންނަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. އެހެންވެ ހައިދަރުގެ ދެމަފިރިންނަށް އޮތީ ފްލެޓް ލިބިފައެވެ.

ފްލެޓް ލިބެން ޝަރުތު ހަމަވާކަމަށް ކުރީ ސަރުކާރުން އެކުލަވައިލި ލިސްޓުގައި 8،000 އަށްވުރެ ގިނަ މީހުން ތިބިއިރު، އެ ލިސްޓު ރިވިއުކުރަން މި ސަރުކާރުން އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކޮށް، ލިސްޓު އާންމުކުރިއިރު ޝަރުތު ހަމަވީ އެންމެ 1،820 މީހުންނެވެ.

އެ ލިސްޓުގައި މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު ހައިދަރުގެ ނަން އޮތުމުން އާންމުން ގެންދިޔައީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދައި ފާޑު ކިޔަމުންނެވެ. އެއީ މި ފަހުން ނެރުނު ލިސްޓަކީ ހައިދަރުގެ ބައިވެރިވުމާއެކު ރިވިއުކުރި ލިސްޓަކަށް ވުމުން ކަމަށް ބުނެއެވެ.

އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންފްރާސްޓްރަކްޗަރު މިނިސްޓްރީއާ ހައުސިން މިނިސްޓްރީ އެއްކޮށްލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް އިންފްރާސްޓްރަކްޗަރު މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަބްދުﷲ މުއްތަލިބާ ހަވާލު ކުރައްވައިފައެވެ.

ހައިދަރަށް ފްލެޓް ލިބުމުން އެކަމާ ގުޅިގެން މުއްތަލިބު ވިދާޅުވީ ހައިދަރުގެ ދެ ކަނބަލުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ފޯމަށް ކުރީގެ ސަރުކާރުން ޕޮއިންޓް ދިނުމަށްފަހު 15 ނޮވެންބަރު 2023 ގައި ނެރުނު ލިސްޓުގައި 75 ޕޮއިންޓް ލިބިގެން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި އޭރު ވެސް ހިމެނިފައި އޮތް ކަމަށެވެ.

"އޭރު އެކުލަވާލާފައިވާ އުސޫލުގެ ދަށުން މާލެއަށް އުފަން މާލޭގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ ޝަރުޠު ހަމަވާއިރު، އޭސީސީގެ އެންގުމަށް މި ސަރުކާރުން ފޯމުތައް އަލުން ވެރިފައިކުރިއިރު، ވެރިފިކޭޝަންގެ ތެރެއިން ޝަރުޠު ހަމަނުވާ ނުވަތަ ޕޮއިންޓަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަވެފައެއް ނުވޭ،" މުއްތަލިބު ވިދާޅުވިއެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ހައިދަރު ދިރިއުޅުއްވީ އިނގިރޭސިވިލާތުގައި ކަމަށް ވުމުން އެކަމުގެ ކަންބޮޑުވުން ވެސް އާންމުން އައީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް